ރިޕޯޓް

ދުނިޔޭގެ ހުރިހާ ވިޓަމިނެއް ޖަމާވެފައިވާ ދަނޑި އަލުވި!

Jun 18, 2017
  • ދަނޑިއަލުވި ވިކުނީ 210ރ. އަށް
  • ހަ ޖޭމް 106ރ. އަށް ވިކުނު!
  • މިއީ އެހީ ހޯދުމުގެ ފުރަތަމަ ހަރަކާތް

ހައެއްކަ ވީފުކު މިރުސް 30ރ. އަށް ވުރެ ބޮޑު އަގަކަށް ވިކި ދާނެ ހެއްޔެވެ؟ ފުކެއްވަރުގެ މުރާތްކެއް 40ރ. އަށް ވުރެ މަތިން ވިކުނޭ ބުނެފިއްޔާ ހައިރާންވާވަރުގެ ކަމަކަށް އެކަން ނުވާނެ ހެއްޔެވެ؟ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދިވެހިން ވަނީ އެފަދަ ވިޔަފާރިއެއް ތަޖުރިބާކޮށްފަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ބޭއްވި މައުރަޒު، ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިކުރި ތަކެތި ނީލަމުގައި ވިއްކައިގެނެވެ. އެތަކެތީގެ ނީލަންކީ ރާއްޖޭގައި ބިކަ ހާލުގައި ޖެހިފައިވާ ނިކަމެތިންނަށް އެހީވާނެ ފައިސާ ހޯދުމަށެވެ.

ދިވެހި ތާރީހުގައި ފާހަގަކުރެވޭ މި ހާއްސަ މައުރަޒު ބޭއްވީ ރާއްޖޭގައި ފުރަތަމަ ހުޅުވި ކާބޯތަކެތި ހަމަޖައްސާ އޮފީސް ނުވަތަ ކހ. އޮފީހުންނެވެ. ހަނގުރާމައިގެ ތެރޭގައި ރާއްޖެ އަށް ކުތިމަތިވެފައިވާ ތަދުމަޑުކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅު އެވެ. އެ ދުވަސްވަރު މުޅި ރާއްޖެ އަށް ގަދަވެގަތް ބަނޑުހައިހޫނުކަމަށް ހައްލެއް ހޯދަން މުހައްމަދު އަމީނުގެ އިސް ނެންގެވުމަށް އެކުލަވައިލި ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެވެ.

މި ދެންނެވި ބިލު އެ މަނިކުފާނު އެކުލަވާލެއްވީ "އެޗްއެމްއެސް މާލޮއީ" ގައި ދަތުރު ކުރައްވަމުން ގޮސް ނ. މަނަދޫ ބޭރުގައި ބަނދަރުޖަހައިގެން އޮތް އިރު އެވެ. ބިލް ޑްރާފްޓް ކުރުމުގައި މުހައްމަދު އަމީނަށް އެހީތެރިވެދެއްވީ އިނގިރޭސި ފްލައިޓް ލެފްޓިނެންޓް މރ. ވޯކާ އެވެ. ފަހުން ހަސަން ފަރީދުގެ ލަފާ ވެސް ހޯއްދެވި އެވެ. ކހ. އޮފީސް އުފައްދައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައި އެ މައުރަޒުގައި ބައިވެރިކުރާ ތަކެތި ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ ބިކަ ހާލުގައި ޖެހިފައިވާ ނިކަމެތީންނަށް ހަދިޔާ ކުރުން އެއީ ބިލު ޑްރާފްޓް ކުރެއްވުމުގެ ތެރޭގައި މުހައްމަދު އަމީނަށް ލިބިވަޑައިގެންނެވި ހިޔާލުފުޅެކެވެ. އެ ހިޔާލުފުޅު ފަހުން ހަގީގަތަކަށް ހެއްދެވީ އެވެ. މުހައްމަދު އަމީނުގެ އެ ބިލު 1944 ގައި މަޖިލީހުން ފާސް ވުމާ އެކު ކހ. އޮފީސް މާލޭގައި ހުޅުވި އެވެ.

ކހ. އޮފީސް ހުޅުވުމާ އެކު ގާނޫނުގައިވާ ގޮތުގެ މަތީން ކހ. ކޮމެޓީއެއް ވެސް އުފެދުނެވެ. އެ ކޮމެޓީގެ ވެރިޔަކަށް ވެވަޑައިގަތީ މުހައްމަދު އަމީނެވެ. މުސްތަޝާރަކީ އިބުރާހިމް އަލި ދީދީ (އިބުރާހިމް ފަމްލަދޭރި ކިލެގެފާނު) އެވެ. ނައިބު ރައީސަކީ މުހައްމަދު އިސްމާއީލް ދީދީ އެވެ. މެންބަރުންގެ ގޮތުގައި އިތުރު 10 ބޭފުޅުން ތިއްބެވި އެވެ.

ކހ. އޮފީސް ހުޅުވުނު ކަމުގައި ވިޔަސް އޮފީހުގެ މަސައްކަތް މާ ބާރަށް ހިނގައިގަންނަ ގޮތެއް ނުވި އެވެ. މައިގަނޑު ސަބަބަކީ އެ އޮފީސް އުފެއްދުމުގައި މުހައްމަދު އަމީނަށް އެހީތެރިވެ ވަޑައިގެންނެވި ހަސަން ފަރީދާއި ވޯކާ ސްރީ ލަންކާ އަށް "މާލޮއީ" ގައި ދަތުރު ކުރައްވަނިކޮށް ދުޝްމަނުންގެ ހަމަލާއެއްގައި އަވަހާރަވުމުން ލިބުނު ހާސްކަމުގައި ގައުމު "ބްރަކި ޖެހޭ" ގޮތް ވުމެވެ.

ނަމަވެސް މަޑުމަޑުން ކހ. އޮފީސް ހަމައަކަށް އެޅުނު ހިސާބުން ކާޑުގެ ގަވައިދު ވެސް ހިނގައިގަނެ، ބަނޑުހައިހޫނުކަމުގެ ކުކުރުމުގެ އަޑު މަޑުމަޑުން ކެނޑިއްޖެ އެވެ. ހައިވެ ހާންތިވެގެން މީހުން މަރުވުން ގާތްގަނޑަކަށް ހުއްޓިއްޖެ އެވެ. އެ ދަނޑިވަޅުވީ މުހައްމަދު އަމީނު ހިޔާލުފުޅު ކުރައްވައިގެން ހުންނެވި ކާބޯތަކެތީގެ މައުރަޒު ބާއްވައި ބިކަހާލުގައި ޖެހިފައިވާ ނިކަމެތިންނަށް އެހީވުމުގެ ހަރަކާތް ފެއްޓެވި ވަގުތަށެވެ. އެކިއެކި ފަރާތްތަކަށް އެހީވުމަށް އެކި ސިފަސިފައިގައި ފައިސާ ހޯދުމުގެ ހަރަކާތްތައް ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ޒަމާނީ ސިފަތައް ޖެހިގެން އާންމުވެފައި ވިޔަސް މުހައްމަދު އަމީނުގެ މި މަސައްކަތްޕުޅަކީ ރާއްޖޭގެ ތާރީހުގައި އެފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މައުރަޒު އިއުލާނު ކުރުމާ އެކު ގަސް އިންދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި މާލޭގެ އަވަށަކަށާއި މީހަކަށް އިނާމު ދޭން ނިންމެވި އެވެ. އެކަން ބަލައި ހަދާނެ ކުޑަ ކޮމެޓީއެއް އެކުލަވައިލުމާ އެކު މުޅި ރާއްޖޭގައި ބިކަ ހާލުގައި ޖެހިފައިވާ ނިކަމެތިންނަށް އެހީވާނެ ފައިސާ ހޯދަން ކާބޯތަކެތީގެ މައުރަޒުގައި ހާއްސަ ނީލަމެއް ބޭއްވުމަށް ވެސް ހަމަޖެއްސެވި އެވެ.

މުޅި މާލެ ދިޔައީ ވަރަށް ފޯރީގައި އެކަމަށް މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތަކަށް ފަހު އެ އަހަރުގެ ރޯދަ މަސް ނިމި އީދު ވިލޭރޭ މަދަރުސަތުއް ސަނިއްޔާގައި މައުރަޒު ހުޅުވި އެވެ.

މާލޭގެ ހަތަރު އަވަށުން ތައްޔާރުކޮށްފައިވާ މޭޒުތަކުގައި ފަޅުފިލުވާފައި ވަނީ ބަރާވެފައިވާ ކާބޯތަކެތިންނެވެ. ކޮންމެ އަވަށަކުން ހައްދާފައިވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަތުރާފައި ވަނީ ވަކި ތަރުތީބަކަށެވެ. މައިގަނޑު ގޮތެއްގައި ހުރީ ފަޅޮލާއި ދޮންކޭލާއި އަންނާރާއި އަތަ އާއި އަނޯނާ އާއި ފޭރާއި ސަބްދެލި އަދި ފުފުލެވެ.

ޗިޗަންޑާ އާ އި ަރަބޮލާއި މަތިވަކާއި ތޮރަލާއި މުރަނގަ ތޮޅިން ފެށިގެން ގޮސް ކުދިކުދި މުރާތްކާއި ޖޭމު ވެސް ހުއްޓެވެ. ވިލާތު ބައްޓާއި ދަނޑިއަލުއްވާއި ކަށިކޭލު މެޓަ އާއި އެހެން ބާވަތްތަކުގެ މެޓާތަކުގެ ސުމާރެއް ނެތެވެ.

މުޅި މައުރަޒުން އެއްވަނަ ލިބުނީ ހެންވޭރަށެވެ. ތައްޓާއި ސަނަދު ދެއްވީ ކހ. އޮފީހުގެ މުސްތަޝާރު އިބުރާހިމް އަލިދީދީ އެވެ. ގަސް އިންދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި މީހަކަށް ހޮވުނީ ފިނޭ ދޮންތަކުރެވެ. އޭނާ އަށް ސަނަދަކާއި 50ރ. ދިނެވެ. ތާރީހީ އެ މައުރަޒުގައި ދެން އޮތީ ބިކަ ހާލުގައި ޖެހިފައިވާ ނިކަމެތިންނަށް އެހީވުމަށް މައުރަޒުގެ ތަކެތި ނީލަން ކިޔުން ފައްޓަވައި ދެއްވުމެވެ. ނީލަމުގެ މުގުރު ހިއްޕަވައިގެން ހުންނެވީ މުހައްމަދު އަމީނެވެ. ނީލަން ފައްޓަވައި ދެއްވުމަށް ފުރަތަމަ ނީލަންކީ ދަނޑި އަލުއްވެކެވެ. ނީލަން ކިޔުއްވި އިރު އެ ހާއްސަ ދަނޑި އަލުވި އެމަނިކު ސިފަ ކުރެއްވީ "މުޅި ދުނިޔޭގައިވާ ހުރިހާ ވިޓަމިނެއް ޖަމާވެފައިވާ ދަނޑި އަލުވީ"ގެ ގޮތުގަ އެވެ.

ހާއްސަ ދަނޑި އަލުވީގެ ނީލަން ފެށުނީ ތިން ރުފިޔާ އިންނެވެ. ނަމަވެސް 10ރ. އިން 20ރ. އަށް އަގު އެރުމަށް ފަހު 40ރ. އިން 100ރ. އަށް ބަދަލުވެ އެންމެ ފަހުން ނީލަމުގައި އެ ދަނޑިއަލުވި 201ރ. އަށް ވިކުނެވެ. މިހާރަށް ބަލާއިރު މިއީ ހައެއްކަ ހާހާ އެއްވަރު އަދަދެކެވެ. އެ ދުވަސްވަރުގެ ވަޒީރެއްގެ މުސާރަ އަކީ ގާތްގަނޑަކަށް 200ރ. އެވެ.

ނީލަމުގެ ދެވަނަ ބައި އޮތީ އީދު ދުވަހު އެވެ. އެދުވަހު މައުރަޒު ބަލަން ވަނުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި އޮތުމުން ނީލަމުގެ ފޯރި ވެސް ވަރަށް ގަދަވި އެވެ. އީދު ދުވަހު މެންދުރު ފެށި ނީލަމުގައި މުގުރު ހިއްޕަވައިގެން ހުންނެވީ ބުޗާ ހަސަން ކަލޭފާނެވެ.

ނީލަމުގެ ތަރުހީބާއި ފޯރި ގަދަވެގެން ގޮސް ކުޑަކުޑަ ހަ ޖޭމް، 106 ރ. އަށް ވިކުނެވެ. ހަތަރު ވިލާތު ބަށި (ޓޮމާޓޯ) 60ރ. އަށް ވިކުނު އިރު ހަ ވީފުކު މިރުސް 31ރ. އަށް ގެންދިޔަ އެވެ.

ވަރަށް އާދައިގެ ތަކެތި އެފަދަ ޒަމާނެއްގައި ބޮޑު އަގުގައި ވިކުމުން އެކަން ސިފަކުރައްވައި މުހައްމަދު އަމީނު ވިދާޅުވެފައި ވަނީ "ވިލާތު ބައްޓަކީ ލެއިން ފުރިފައިވާ އެއްޗެއްކަން އެދުވަހު ސާބިތުވި އެވެ. ޖޭމަކީ ވިޓަމިނުން ފުރިގެންވާ އެއްޗެއްކަމެއް އެދުވަހު ވަންހަނައެއް ނުވި އެވެ. ވީފުކު މިރުހަކީ... ކުދި އެއްޗެހީގައި ކުޅި ގަދަވާނެކަމީ އެކަކު ވެސް ޝައްކު ކުރާނެ ކަމެއްތޯ އެވެ؟"

ތާރީހީ ނީލަން ނިމުނު އިރު ބިކަވެފައިވާ މީހުންނަށް އެހީވާން 1،925ރ. ލިބުނެވެ. މިއީ އޭރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެއްގެ ފައިސާ އެވެ. ނީލަމަށް ބޮޑު ތަރުހީބެއް ލިބުނު އިރު ގިނަ އެއްޗެއްސަށް ބޮޑު އަގު ދީފައި ގެންދިޔައީ ވޯރާ ވިޔަފާރިވެރިންނެވެ.

ބައެއް ތާރީހީ އިލްމުވެރިން ވިދާޅުވަނީ އެ ނީލަމުގައި ވޯރާ އިން އެހާ ބޮޑު ފޯރިއެއް ނަގައި ވީފުކު މިރުހަށް ދަންދެން ބޮޑު އަގުގައި ގަތީ ހަސަން ފަރީދު އަވަހާރަވެ، މުހައްމަދު އަމީނުގެ ބާރު ރާއްޖޭގައި ގަދަވެއްޖެކަން ޔަގީންވުމުން އެމަނިކުފާނަށް "ވައި އަޅުވަން" ވެގެނެވެ. ބައެއް އެހެން މީހުން ބުނަނީ ސީދާ މުހައްމަދު އަމީނުގެ އެދިވަޑައިގަތުމަކަށް ވޯރާއިން ބޮޑު އަގުތައް ކިޔައި މުރާކިތައް ގަނެގެން ދިޔައީ ކަމަށެވެ.
ކޮންމެ ގޮތަކަށް އެކަން ހިނގާފައި ވިޔަސް މިއީ އާދަޔާ ހިލާފު ނީލަމެކެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް އެހީވުމަށްޓަކައި ރާއްޖޭގައި މި ގޮތަށް ފައިސާ ހޯދުމަށް ހިންގި ފުރަތަމަ ހަރަކާތެވެ. ތާރީހީ ގޮތުން ވަރަށް ބޮޑު އިވެންޓެކެވެ.