ބޮލީވުޑް

"ޑޮން 3" ވަރަށް އަވަހަށް އިއުލާންކުރާނެ

Jun 20, 2017

ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާ އެކުގައި ފެނިގެން ގޮސްފައިވާ ތްރިލާ ސިލްސިލާ ފިލްމު "ޑޮން" އާއި "ޑޮން 2" އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ އަށް ވަނަ އަހަރު މެގަސްޓާ އާމީތާބް ބައްޗަން ލީޑްރޯލުން ފެނިގެންދިޔަ "ޑޮން" އަސްލަކަށް ބަލައިގެން މި ސިލްސިލާގެ ފިލްމެއްގެ ރިމޭކެއް ފުރަތަމަ ނެރެފައިވަނީ 2006 ވަނަ އަހަރު އެވެ. އަދި އޭގެ ފަސް އަހަރު ފަހުން "ޑޮން 2" އުފައްދާފައިވާއިރު، އެ ފިލްމު ރިލީޒްކުރިތާ ހަ އަހަރު ފަހުން މި ސިލްސިލާގެ ތިންވަނަ ފިލްމު އުފަައްދަން އަންނަނީ ތަައްޔާރުވަމުންނެވެ.

އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަހްތަރާއި ރިތޭޝް ސިދްވާނީ ގުޅިގެން އުފައްދާ "ޑޮން 3" ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ސިދްވާނީ ވަނީ ބުނެފަ އެވެ.

"ޑޮން 3" އުފައްދަން ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަނީ ވެސް މިދިޔަ އަހަރުން ފެށިގެންނެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ރިތޭޝް ވަނީ ފިލްމު އުފައްދާނެ މޮޅު ހިޔާލެއް ލިބިފައިވާ ކަމަށާއި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ފިލްމު ރަސްމީކޮށް ވަަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް ސިދްވާނީ ވެސް ބުނެފައި ވެއެވެ.

މި ސިލްސިލާގެ ދެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފަރްހާން ނަމަވެސް ތިން ވަނަ ފިލްމު އޭނާ ޑައިރެކްޓްކުރާނެ ކަން އަދި ޔަގީނެއް ނުވެއެވެ.

އަދި ކުރިން ވަނީ "ޑޮން 3" ގައި ބަަތަލާގެ ރޯލުން ޕްރިޔަންކާ ވެސް ނުފެންނާނެ ކަމުގެ އަޑުތައް ވެސް އަރާފައި ވެއެވެ.

ޝާހްރުކް މިހާރު އަންނަނީ އޮގަސްޓް މަހު ރިލީޒްކުރާ އޭނާގެ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.