ތަމަޅަ ސުޕަސްޓާ ރަޖްނީކާންތު އަކީ އޭނާ އަށް މަރުދޭ އެތަކެއް ލައްކަ ފޭނުން ތިބި ތަރިންނެވެ. މަޝްހޫރު އެކްޓަރެއްގެ އިތުރުން ރަޖްނީކާންތަކީ ވަރަށް ނުފޫޒު ގަދަ ޝަހުސިއްޔަތެކެވެ. ހާއްސަކޮށް ޓެމިލް ނާޑުގައި އޭނާގެ ނުފޫޒު ބޮޑެވެ.
މަޝްހޫރު ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ މެދުގައި ބޮޑު ކާމިޔާބުކަމެއް ހޯދާފައިވާ ރަޖްނީކާންތު އޭނާގެ އުފަންދުުވަހު ސިޔަސީ ޕާޓީއެއް އުފައްދަން ނިންމާފައިވާ ކަމުގެ އަޑުތަަކެއް ވަނީ އަރާފަ އެވެ.
ޑިސެމްބަަރު 12 ވަނަ ދުވަހު 67 ވަނަ އުފަންދުވަސް ފާހަކުރުމުގެ ގޮތުން ރަޖްނީކާންތު ސިޔާސީ ޕާޓީއެއް އުފައްދައި، ސިޔާސީ ދާއިރާއަށް ވަންނަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރަޖްނީކާންތް މިހާރު ތައްޔާރުވަމުން އަންނައިރު އޭނާގެ ޕާޓީގެ ނަމާއި ސިޔާސީ ޕާޓީގައި އޭނާ އަދާކުރާނެ ރޯލު އުފަންދުވަހުގައި އިއުލާންކުރާނެ އެވެ.
ރަޖްނީކާންތުު މިހާރު އަންނަނީ އޭނާގެ ދަނބިދަރިފުޅު އެކްޓަރު ދަނޫޝްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ވުންޑާ ބާ ފިލްމްސްއިން އުފައްދާ "ކާލާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ ރަޖްނިކާންތްގެ އެންމެފަހުން ރިލީޒްވު ފިލްމު "ކަބަލީ" ގެ ޑައިރެކްޓަރު ޕާ ރަންޖިތް ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމުގެ ޝޫޓިން ނިމުމުން މުޅިން އާ ކެރިއަރެއް ބިނާކުރުމުގެ ވިސްނުން ރަޖްނީކާންތް ގެންގުޅެމުން އަންނަ ކަމަށްވާއިރު، އޭނާ ގުޅޭނެ ކަމަށް ބެލެވެނީ ސިޔާސީ ދާއިރާއާ އެވެ. ޑޮންް އެއްފގެ ރޯލުން ރަޖްނީކާންތް ފެނިގެންދާ "ކާލާ" ގެ ޝޫޓިން ނިމުމުން އޭނާގެ ފޭނުންނާއި ގާތް ފަރާތްތަކާ ބައްދަލުކޮށް ސިޔާސީ ދާއިރާއާ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
ރަޖްނީކާންތް ދެން އެންމެ އަވަހަށް ފެނިގެންދާނީ 2010 ވަނަ އަހަރު ނިކުތް ސައިންސް ފިކްޝަން ފިލްމު "ރޮބޮޓް" ގެ ދެވަނަ ބައި، "2.0" އިންނެވެ. އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ނުބައިބައި ރޯލަކުން އަކްޝޭ ކުމާރު ފެނިގެންދާނެ އެވެ.