ކޮމާޝަލް ވައިގެ ދަތުރުތަކުގައި މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު މަތިންދާބޯޓް "އެއާ ބަސް އޭ380" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ މަތިންދާބޯޓްގެ ބްރޭންޑް ނަން " އެއާބަސް އޭ380 ޕްލަސް" އަށް ބަދަލުކޮށްފިއެވެ.
ބަދަލު ގެނެސްފައިވާ މަތިންދާބޯޓް އެއާ ބަސް އިން ދައްކައިލި އިރު ، ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ އެ މަތިންދާބޯޓްގެ ފިޔަ ގަނޑަށް ގެނެސްފައިވާ ބަދަލެވެ. ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ކަައިރީގައިވާ ލިބޯގެޓް އެއާ ޕޯޓްގައި ކުރިއަށްދާ 52 ވަނަ ޕެރިސް އެއާޝޯގައި ދައްކައިލި ބަދަލު ގެނެސްފައިވާ ބޯޓްގައި ދެން ހިމެނޭނެ ބަދަލުތަކަކީ އެއާބަސް ކުންފުނިން މިއަހަރު ކުރީކޮޅު ހާމަކޮށްފައިވާ ބަދަލުތަކެކެވެ.
ފިޔަވަގަނޑަށް ގެނެސްފައިވާ ބަދަލަކީ ފަހަތަށް ލަންބާލާފައިވާ ބައެއް އިތުރު ކުރުމެވެ. އެއާބަސް ކުންފުންޏާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ބަދަލުގެ ސަބަބުން މަތިންދާބޯޓް ދުއްވުމަށް ހޭދަވާ ތެލުން ހަތަރު ޕަސެންޓް ކުޑަވާނެ ކަމަށެވެ.
" އެއާބަސް އޭ380 ޕްލަސް އަކީ އިގުތިސާދީ ގޮތުން ރަނގަޅު އަދި ހަމަ އެއާ އެކު އޮޕަރޭޝަނަލް ޕާފޯމެންސް ވެސް ރަނގަޅު ވެގެންދާނެ ގޮތެއް،" އެއާ ބަސް ކުންފުނީގެ ސޭލްސް ޗީފް ޖޯން ލީހީ ވިދާޅުވިކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ބަދަލުތަކުގެ ސަބަބުން އެއާބަސް އޭ380 މަރުކާގެ ބޯޓްތައް އޮޕަރޭޓް ކުރަން މިހާރު ހަރަދުވާ މިންވަރުން 13 ޕަސެންޓް ކުޑަވާނެ ކަމަށެވެ. އެގޮތުން ކުރިއަށް ވުރެ އިތުރު 80 މީހުން އުފުލޭ ނުވަތަ ކުރިއަށް ވުރެ 300 ނޯޓިކަލް މޭލު ދުރަށް އުދުހެވޭ ބޯޓަކަށް އެބޯޓް ބަދަލުވެގެންދާނެއެވެ.
އެއާބަސް ކުންފުނިން ބުނެފައި ވަނީ އާ ބަދަލުތަކާއި އެކު އެ ވައްތަރުގެ މަތިންދާބޯޓްތައް މަރާމާތަށް ބަލަން ޖެހޭ މުއްދަތުވެސް އިތުރުވާނެ ކަމަށެވެ. އެހެންވީމާ މަރާމާތަށް ހޭދަވާ ހަރަދުވެސް ކުޑަވާނެއެވެ.