ކުޅިވަރު

ފަހުވަގުތު މެކެސިކޯ އެއްވަރު، ރޮނާލްޑޯއަށް މޮޅު ކުޅުންތެރިޔާ

Jun 19, 2017

ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ކޮންފެޑްރޭޝަން ކަޕްގައި، ޕޯޗްގަލް، 2-1 މޮޅުވާން ދަނިކޮށް، މެކްސިކޯއިން ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން، ޕޯޗްގަލްއާ އެއްވަރު ކޮށްފި އެވެ.

މެޗުގެ ކުރިން އެ ކުޅުންތެރިޔަކާ ބެހޭގޮތުން، ގިނަ ވާހަކަތަކެއް ފެންމަތިވެފައިވާ، ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޕޯޗްގަލްގެ ރިކާޑޯ ކަރެސްމާ ކާމިޔާބު ކުރީ ރޮނާލްޑޯ ދިން ހިތްގައިމު ޕާހަކުން ނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، މެކްސިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ރޮނާލްޑޯ އެކުލަބެއް ދޫކޮށްލަން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ރެއާލް މެޑްރިޑްގައި، ރޮނާލްޑޯއާއެކު ކުރިން ކުޅެފައިވާ، ހާވިއާ ހެނާންޑޭޒް އެވެ.

ޕޯޗްގަލްގެ ދެ ވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ޖެހީ، ސެޑްރިކް ސްއޯރޭސް އެވެ. މެޗުގެ 91 ވަނަ މިނެޓްގައި، މެކްސިކޯ އެއްވަރު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ހެކްޓާ މޮރޭނޯ އެވެ.

މެޗަށް ފަހު، ވާހަކަ ދައްކަމުން، ރޮނާލްޑޯ ބުނީ، މެކްސިކޯ އަތުން އެއްވަރުވުމުން އަދި މާޔޫސްވާން ނުޖެހޭ ކަމަށެވެ.

"މިއީ އަހަރެމެން ބޭނުންވި ނަތީޖާއެއް ނޫން، އަހަރެމެން އޮތީ މެޗުން ގާތްގަނޑަކަށް މޮޅުވެފައި، އެންމެ ފަހު ވަގުތު އަހަރެމެން ކޮޅަށް ގޯލް މިވަނީ، މިއީ ފުޓްބޯޅައިގައި ވާނެ ކަންކަން،" މެޗަށް ފަހު ވާޙަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"ބާކީ ދެ މެޗު އެބައޮތް، އަހަރެމެން ކުރިއަށް މެޗާ މެދު ވިސްނަން މަޖުބޫރު، ޖެހޭނީ އެ މެޗުން މޮޅުވާން އަދި މިހާހިސާބުން ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ނެތް، އަހަރެމެން މިއޮތީ ރަނގަޅު ފޯމެއްގައި."

ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި، ޗިލީ ވަނީ ކެމެރޫންގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދާފަ އެވެ. ޗިލީގެ ފުރަތަމަ ލަނޑު އެލެކްސިސް ސަންޗޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ އަރުތޫރޯ ވިޑާލް އެވެ. އެޑްވާޑޯ ވަގާސް ޖެހި ދެ ވަނަ ލަނޑުވީ ސުވާލު އުފެދުނު ލަނޑަކަށެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން، އޭނާ އޮފް ސައިޑް ޕޮޒިޝަނެއްގައި ހުރެ ފައި ވުމުން، ރެފްރީ ފުރަތަމަ ނިންމީ ލަނޑެއް ނޫން ކަމަށެވެ.

ނަމަވެސް، ފީފާގެ މުބާރާތްތަކުގައި، މިހާރު ބޭނުން ކުރާ، ވީޑިއޯ އެސިސްޓެޓް ރެފްރީ (ވީއޭއާރް) އެހީގައި ރެފްރީ ވަނީ ފަހުން ގޯލަކަށް ނިންމާފަ އެވެ.