ބޭރު ކުޅިވަރު

ފަހުކޮޅު ޖެހި ލަނޑުތަކާއެކު ޗިލީއަށް ރަނގަޅު ފެށުމެއް

Jun 19, 2017

މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ޖެހި ދެ ލަނޑާއެކު، ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި ރޭ ކެމަރޫން އަތުން 2-0 އިން މޮޅުވެ، ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ ފެށުން ރަނގަޅުކޮށްފި އެވެ.

ކޮންފެޑަރޭޝަންސް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޗިލީގެ އެޑުއާޑޯ ވަރްގަސް މެޗުގެ ފުރަތަމަ ހާފުގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ. ރެފްރީ އެންމެ ފުރަތަމަ އެއީ ލަނޑެއް ކަމަށް ބަލައިގަތް ނަމަވެސް، މި މުބާރާތުގައި ބޭނުންކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ވަރްގަސް ލަނޑު ޖެހީ އޮފްސައިޑްގައި ހުރެގެން ކަމަށް ނިންމައި ލަނޑު ބަލައިނުގެންފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗިލީގެ މުހިންމު ފޯވަޑް އެލެކްސިސް ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން، ޗިލީ އަށް މެޗުގެ 81 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ އާޓޫރޯ ވިޑާލް އެވެ.

ޗިލީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ވަރްގަސް އެވެ. އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއިރު، ލައިންސްމަން އޮފްސައިޑަށް ދިދަ ނަގައިގެން ހުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު، ރެފްރީ ވަނީ ވަރްގަސްގެ ލަނޑު ރަނގަޅު ކަމަށް ނިންމައިފަ އެވެ.

މެޗަށް ފަހު ޗިލީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ ވަނީ އާސެނަލްގެ ފޯވަޑް ސަންޗޭޒަށް ތައުރީފްކޮށްފަ އެވެ.

"އަހަރެމެން މެޗުގައި ޖެހި ދެ ލަނޑުގައި ވެސް ސަންޗޭޒްގެ ދައުރު ބޮޑު،" ޕިޒީ ބުންޏެވެ. "އަހަންނަކީ ވަކިވަކި ކުޅުންތެރިންގެ ނަން އާންމުކޮށް ފާހަގަކުރާ ކޯޗެއް ނޫން އެކަމަކު މިއަދު ސަންޗޭޒްގެ ނަން ފާހަގަ ކުރަން."

ޕިޒީ ބުނީ ސަންޗޭޒަށް ފުރަތަމަ 11 އިން ޖާގަ ނުދިނީ އޭނާގެ ފިޓްނަސް މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

މެޗަށް ފަހު ކެމަރޫންގެ ކޯޗު ހޫގޯ ބްރޫސް ބުނީ ޗިލީގެ ޒުވާން ޓީމަށް ބޭނުންވަނީ ތަޖުރިބާ ކަަމަށެވެ.

"ތަޖުރިބާ އާއި ފެންވަރުގެ ގޮތުން އަހަރަމެންނަށް ވުރެ ވަރުގަދަ ޓީމެއް ޗިލީ އަކީ. އަހަރެމެންގެ ޓީމަށް އެބަ ބޭނުންވޭ ތަޖުރިބާ،" ބްރޫސް ބުންޏެވެ.

ކޮންފެޑަރޭޝަންސް ކަޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި އޮސްޓްރޭލިއާ އެވެ.