ބޭރު ކުޅިވަރު

އޮސްޓްރޭލިއާ އަތުން ދުނިޔޭގެ ޗެމްޕިއަން މޮޅުވެއްޖެ

Jun 20, 2017

ކޮންފެޑްރޭޝަން ކަޕް ގުރޫޕް ބީ ގައި އޭޝިއާގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން، 3-2 ގެ ނަތީޖާ އަކުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން މޮޅެއް ހޯދައިފި އެވެ.

މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ޖަރުމަނުން، މެޗުގެ ލީޑް ނެގުމުން، ގިނަ ލަނޑުތަކެއް ފެނިގެން ދާނެ ކަމަށް ބެލެވުނެވެ. ޖަރުމަނަށް ލީޑް ނަގައިދިނީ، ޔޫލިއަން ބްރާންޓް ތަނަވަސްކޮށް ދިން ފުރުސަތަކުން، ލާސް ސްޓިންޑިލް އެވެ.

ފުރަތަމަ ހާފުގެ 41 ވަނަ މިނެޓްގައި، ޓޮމް ރޮޖިކް ވަނީ އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ވަނީ، ޖަރުމަންގެ ކީޕަރު ޕްރެންޑް ލޭނޯ އަތް ދަށުން ނެވެ. ނަމަވެސް، އޭގެ ތިން މިނެޓް ފަހުން، ޖަރުމަނަށް އަލުން ލީޑް ހޯދައި ދިނީ ޕެނަލްޓީ އަކުން ހޫލިއަން ޑްރަކްސްލާ އެވެ.

ދެ ވަނަ ހާފު ފެށިގެން، ތިން ވަނަ މިނެޓްގައި، ލިއޯން ގޮރެޓްސްކާ ވަނީ، ޖަރުމަނަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. މެޗުގެ 56 ވަނަ މިނެޓްގައި ޓޮމީ ޖޫރިކް ވަނީ އޮސްޓްރޭލިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑު ވަނުމުގައި ވެސް ޕްރެންޑް ލޭނޯ އާއި ޖަރުމަންގެ ޑިފެންސަށް ހެދުނު މިސްޓޭކް ފާހަގަ ކުރަން ޖެހެ އެވެ.

ޖަރުމަން އޮތީ ލަނޑުގެ ތަފާތުން ގުރޫޕް ބީ ގެ ދެ ވަނައިގަ އެވެ. އެޓީމަށް އޮތީ ފައިދާ އެންމެ ގޯލެކެވެ. ފައިދާ ދެ ގޯލާއެކު، ޗިލީ އޮޓީ ތާވަލުގެ އެއް ވަނައިގަ އެވެ.