މާލޭގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން އިތުރު އިންޖީނުގެއެއް އަޅަން ޕްލޭންތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލަށް ވަޑައިގެންނެވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ކަރަންޓު ކުންފުނި، ސްޓެލްކޯގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ޒުހޫރު ވިދާޅުވީ ހުޅުމާލޭގައި 50 މެގަވޯޓްގެ ޕަވާ ހައުސްއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މާލޭގެ ކަރަންޓްގެ ހިދުމަތް ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން މާލޭައި އިތުރު ޕަވާ ހައުސްއެއް އެޅުމުގެ ޕްލޭންތައް ރާވައި އެކަން ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ބޭނުން ކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދެގުނަ އިތުރު ވަމުން ކަމަށާއި އެހެން ކަމުން ފޯރުކޮށް ދޭ ހިދުމަތް ވެސް ރަނގަޅު ކުރުމުގެ މަސައްކަތް މެދު ނުކެނޑި ކުރަން ޖެހޭ ކަމަށެވެ.
އަހަރީ ދުވަހާ ގުޅުވައި ޒުހޫރު ވިދާޅުވީ ސްޓެލްކޯ ދެކެމުންދާ ތަރައްގީއަކީ މިހާރުގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އެ ކުންފުންޏާ ހަވާލުވެ ހުންނަވައިގެން ކޮށްދެއްވި މަސައްކަތް ކަމަށާއި އެ މަނިކުފާނު ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ވެސް ސްޓެލްކޯ ކުރިއެރުވުމަށް ވަރަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށެވެ.
ޒުހޫރު އިތުރަށް ވިދާޅުވީ އިންޖީނުގޭ މުވައްޒަފުންގެ ތެރެއިން ގެދޮރުގެ ދަތިކަން ހުުރި މުއަައްޒަފުންނަށް ގެދޮރު ފޯރުކޮށް ދިނުމުގެ މަސައްކަތްތަކެއް ވެސް ފަށާފައިވާ ކަމަށާއި މިހާރު ފޯރުކޮށްދޭ ހިދުމަތް ފުޅާކޮށް ކުރާ ހަރަދު ކުޑަކޮށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ.
"ސްޓެލްކޯއަށް 20 އަހަރު ވީ ކަމުގައި ވީ ނަމަވެސް މި [ހިދުމަތް] ފޯރުކޮށްދޭތާ 67 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ. އެހެން ކަމުން އެ ހިދުމަތް އިތުރަށް ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އަދި ގެންނަން ޖެހޭ ބަދަލުތައް ގެނެސް ހަރަދުތައް ކުޑަކޮށް ކުރިއަށް އޮތް ތަނުގައި ހިދުމަތް ރަނގަޅު ކުރުމަށް ޕްލޭން ރޭވިގެން ކުރިއަށް ގެންދާނަން." ޒުހޫރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ކުރީގެ އެމްޑީ އަދި މިހާރުގެ އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުއް ޝަކޫރު ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ހާއްސަ ހަނދާނީ ފިލައެއް އޭނާއަށް އަރުވި އެވެ. އަދި އެ ކުންފުންޏަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރި ފަރާތަކަށް ވެސް ހަނދާނީފިލަޔާއި ލިޔުން ދިނެވެ.