ހަބަރު

ސުޓެލްކޯގެ ކުރީގެ އެމްޑީ ޒުހޫރުގެ މައްސަލައެއް އެކުންފުނިން ބަލަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރުގެ މައްސަލައެއް އެ ކުންފުނީގެ ބޯޑުން ބަލަންފަށައިފި އެވެ.

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ "އަވަސް"އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒުހޫރާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައަކީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޒުހޫރުގެ އަމިއްލަ ފައިސާކަމަށް ބުނާ ފައިސާތަކެއް ރަށްރަށުގައި ހުރި ސްޓެލްކޯގެ އެކިއެކި އިންޖީނުގެތަކަށް ފޮނުވައިގެން ބެހިކަމަށް ބުނާ މައްސަލަ އެވެ.

ސްޓެލްކޯއިން ބަލަހައްޓަމުންގެންދާ އިންޖީނުގެތަކަށް ފައިސާ ފޮނުވައިގެން އެ ފައިސާ އެތަންތަނުން ބަހާފައިވާ ކަމުގެ މައްސަލައެއް އެ ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާ އިރު، ސަރުކާރުގެ ގިނަ ކުންފުނިތަކުން އެފަދަ މައްސަލަތައް އެދުވަސްވަރު ވަނީ ފާހަގަ ކުރެވިފަ އެވެ.

އެމައްސަލައާއި ގުޅިގެން ޒުހޫރު "އަވަސް" އަށް ވިދާޅުވީ، އެ ފަދަ މައްސަލައެއް ބަލަމުންދާކަމެއް އެނގިފައިނުވާ ކަމަށެވެ. އަދި ސްޓެލްކޯގެ ބްރާންޗްތަކަށް ފައިސާ ފޮނުވައިގެން ބެހުން ފަދަ ކަމެއް ސްޓެލްކޯގެ ތެރޭގައި ހިނގިކަން އޭނާއަށް އެނގިފައި ނުވާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލްތަކަކަށް މިވަގުތު މުޣުނީ ވަޑައިގަންނަވަން ބޭނުންފުޅެއް ނުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، ކުންފުނީގެ އޮޑިޓެއް ހަދަމުން ދާ ކަމަށެވެ. އަދި އެ އޮޑިޓަށް ފަހު ފާހަގަވާ ކަންކަން ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު އޮންނަ އުސޫލުތަކުގެ ތެރެއިން އަމަލު ކުރައްވާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.