"ޕަދްމާވަތީ" އަކީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމުގެ ބަތަލާގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ "ރާމްލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އިން ފެނިގެން ގޮސްފަ އެވެ.
ބަންސާލީ މިހާރު އުފައްދަމުން އަންނަ ފިލްމު "ޕަދްމާވަތީ" އަކީ ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ދެހާސް ފަނަރަވަނަ އަހަރު ނިކުތް "ބާޖީރާއޯ މަސްތާނީ" ގެ މާ ކުރިން ވެސް ބަންސާލީ އައީ "ޕަދްމާވަތީ" އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
އަހަރުތަކެއް ކުރިން ފެށިގެން ބަންސާލީ އުފައްދަން ތައްޔާރުވަމުން އައި މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ނޮވެމްބަރު ފެށިގެން ކުރިއަށްދާއިރު، ދިޕިކާ އާއެކު ފިލްމުގެ ބަތަލުގެ ރޯލުން ކުޅޭ ދެ ތަރިން ހަމަޖެއްސުން ބަންސާލީ އަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. މި ރޯލު މަޝްހޫރު ސުޕަސްޓާރުންނަށް ހުށަހެޅި ނަމަވެސް އެއިން އެއްވެސް ތަރިއަކު ވަނީ މި ފިލްމަކީ ދިޕިކާ ކުޅޭ ރޯލަށް މުޅިން ހާއްސަ ފިލްމަކަށް ވުމުން އެ ރޯލު ނުކުޅެ ދޫކޮށްލާފަ އެވެ.
ބަތަލާ ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ރޯލުތައް ހުށަހެޅި ބައެއް ތަރިން ވަނީ ފިލްމުގެ ނަން ބަދަލުކޮށް ފިލްމުގެ ވާހަކައިގައި ބަތަލުންގެ ވާހަކަ ބޮޑަށް ފެންނާނެ ގޮތަށް ބަދަލުކުރަން ބަންސާލީ ކުރެން އެދިފަ އެވެ.
ނަމަވެސް ބަންސާލީ ވަނީ ފިލްމުގެ ސްކްރިޕްޓަށް އެއްވެސް ބަދަލެއް ގެންނަން ދެކޮޅު ހަދަައި، ބަތަލުންގެ ރޯލަށް އޭނާގެ އެންމެ ފެވަރިޓް އެއް އެކްޓަރު ކަމަށްވާ ރަންވީރު ސިންގަށާއި ޝާހިދު ކަޕޫރަށް ހަމަޖައްސާފަ އެވެ.
ރަންވީރު ވެސް ވަނީ ދިޕިކާ އާއެކި ބަންސާލީގެ "ރާމްލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އިން ފެނިގެން ގޮސްފަ އެވެ.
ރާނީ ޕަދްމިނީގެ ހަޔާތުގެ އަސްލަކަށް ބަަލައިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ "ޕަދްމާވަތީ" ގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވްމްބަރުގެ ތެރޭގައި ފަށައި، މުމްބައިގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނަގައި ނިމުނު ފަހުން ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ނެގުމަށް ޖެއިޕޫރަށް ދިއުމުން ކާނި ސެނާ ނަމަކަށް ކިޔާ ގްރޫޕަކުން ވަނީ ފިލްމުގެ ސެޓަށް ވަދެ ޝޫޓިންގެ ގިނަ ސާމާނުތައް ހަލާކުކޮށް ބަންސާލީގެ ގައިގައި ތަޅައިގެންފަ އެވެ. އެ ހަމަލާއާ ގުޅިގެން ފިލްމުގެ ޝޫޓިން ވަގުތީ ގޮތުން މަޑުޖައްސާލުމަށްފަހު ފިލްމުގެ ޓީމު އެނބުރި މުމްބައި އަށް ވަނީ އައިސްފަ އެވެ. ފަހުން ފިލްމުގެ ޖޫނިއާ އާޓިސްޓުން ތަކަކާ އެކު ބައެއް މަންޒަރުތައް މަހަރާޝްތްރަ ސްޓޭޓްގެ އަވަށެއް ކަމަށްވާ ކޯލާޕޫރްގައި މިދިޔަ މަހުގެ ތެރޭގައި ކުރިއަށް ދަނިކޮށް ވަނީ ފިލްމުގެ ކޮސްޓިއުމްތައް ބަހައްޓާފައި ހުރި ޓެންޓަކަށް ޕެޓްރޯލް ބޮން އުކައި އެތަނަށް ގެއްލުންދީފަ އެވެ.
މި ހާދިސާގެ ފަހުން ފިލްމުގެ ޝޫޓިން އަލުން މަޑުޖައްސާލާފައި އޮތުމަށްފަހު އަލުން ފެށިތަނާ ފިލްމުގެ ޝޫޓިންގެ ތެރޭގައި ރަންވީރަށް ވަނީ މިދިޔަ މަހުގެ ތެެރޭގައި އަނިޔާވެފ އެވެ.