ރިޕޯޓް

ބޮޑު ތިލަދުންމަތީގެ ފަރުވާ "ގާތްވެއްޖެ"

Jun 20, 2017
11
  • ހަ މަސްތެރޭގައި އާ ފަރުވާތައް ފަށާނެ
  • ހޮސްޕިޓަލުގެ އެނދު 150 އަށް ބަދަލުވާނެ
  • ސިއްހީ ދާއިރާއަށް އަންނަ ބޮޑު އިންގިލާބެއް

މުޅި ރާއްޖޭގައި ވެސް އެމްއާރްއައިގެ ހިދުމަތް މިހާރު ލިބޭނީ އޭޑީކޭ އާއި އައިޖީއެމްއެޗުންނެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގައި ވެސް މި ހިދުމަތް ފެށީ ދާދި ފަހުންނެވެ. ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ހިދުމަތާއެކު އާ ގިނަ ހިދުމަތްތަކެއް ފަށާނެ އެވެ. އިންޑިޔާގެ މަޝްހޫރު "ނިމްސް" ހޮސްޕިޓަލް ހިންގާ ކުންފުންޏާއެކު އިއްޔެވި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހިމެނޭ ބޮޑު ތިލަދުންމަތީގެ ސިއްހީ ހިދުމަތް މިއީ ބޮޑު އިންގިލާބެއްގެ ތުންފަތްމައްޗަށް ގެންދިއުމެވެ. ބޮޑު ތިލަދުންމަތީގެ ފަރުވާ "ގާތްވެއްޖެ" އޭ ބުނެވިދާނެ އެވެ.

"މި ހޮސްޕިޓަލް ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑު ބަދަލެއް ފެނިގެންދާނެ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރާނީ އެކި ފިޔަވަހިތަކަކަށް ބަހާލައި ތަފާތު ހިދުމަތްތައް ތައާރަފު ކުރެވިގެންދާ އުސޫލެއްގެ މަތިން. އަހަރެއްހާ ދުވަހުގެ ތެރޭގައި މި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ،" ހެލްތް މިނިސްޓަރު ބްދުﷲ ނާޒިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ތަނަކަށް ބަދަލު ކުރުމަށް ހަވާލުކޮށްފައި މިވަނީ ދިވެހިން އާއްމުކޮށް ފަރުވާ ހޯދަން އިންޑިޔާއަށް ގޮސް ފަރުވާ ހޯދާ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ އެވެ. ފަންސާސް އަހަރަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން ރަސްމީ މަސައްކަތްތައް އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާނެ އެވެ.

އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތައް

- މަލްޓި ސުޕަޝަލިޓީ އާއި ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއަށް ހާއްސަކުރުން. އޭގެތެރޭގައި ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުން

- އެކި ދާއިރާތަކުން ސުޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަ ސުޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ފެށުން

- ޑައިގްނޯސްޓިކް ހިދުމަތްތަކާއި ލެބޯޓްރީ ހިދުމަތުގެ އިތުރުން ސީޓީ ސްކޭން އާއި އެމްއާރުއައި ސްކޭންގެ ހިދުމަތް ދިނުން.

- އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ހަތަރު މަސް ތެރޭގައި 50 އެނދުން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން.

ނިމްސްއަކީ ކޮން ބައެއް؟

އިންޑިޔާ އަށް ބޭސް ފަރުވާއަށްދާ ގިނަ މީހުން އާއްމު ގޮތެއްގައި ފަރުވާ ހޯދާ ނިމްސްއަކީ އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލެކެވެ. މިގޮތުން މަހެއްގެ މައްޗަށް މި ހޮސްޕިޓަލަށް ދިވެހިންގެ ތެރެއިން 20 އާއި 25 މީހުން ފަރުވާ ހޯދަން ދަތުރު ކުރެ އެވެ. ނިމްސް ބްރޭންޑަކީ ސިއްހީ ދާއިރާގައި ހިދުމަތް ދެމުން އަންނަތާ 60 އަހަރު ވެފައިވާ ކުންފުންޏެކެވެ. މިތަނުގައި 200 އަށްވުރެ ގިނަ ސުޕަ ސްޕެޝަލިސްޓުންނާއި 1500 އަށްވުރެ ގިނަ ނަރުހުން ހިދުމަތް ދެ އެވެ. މީގެ އިތުރުން ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުންޏަކީ ސިއްހީ ދާއިރާ އާއި އެކި ދާއިރާތަކަށް މީހުން ބިނާ ކުރުމާއި ބޮޑެތި ދިރާސާތައް ކުރުމަށް ވެސް މަޝްހޫރު ބޮޑު ކުންފުންޏެކެވެ.

މަސައްކަތުގެ ފުރިހަމަ ތާވަލެއް އެބައޮތް

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ގާސިމް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ޖެނެޓިކް ރިސާޗަށް ހާއްސަ ސެންޓަރެއް ތަރައްގީ ކުރާނެ އެވެ،

"ކުޅުދުއްފުށީ ހޮސްޕިޓަލް ހިތުގެ އޮޕަރޭޝަންތައް ކުރެވޭ ގޮތަށް ކެތު ލެބެއް ވެސް އިންސްޓޯލް ކުރާނެ. ކުޑަކަމު ދިއުމާއި ހަމުގެ ބަލިތައް އަދި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ފުރަތަމަ ހަ މަސް ތެރޭގައި ފެށޭނެ. މިހާރު 50 އެނދު ހުރީ. އެކަމަކު ފުރަތަމަ 16 މަސް ދުވަހުގެ ތެރޭގައި އެމީހުން ތަރައްގީ ކުރާނެ އިތުރު 50 އެނދު،" ޓީވީއެމްގެ ޕްރޮގްރާމެއްގައި ގާސިމް ވިދާޅުވި އެވެ.

ދިވެހިންނަށް ވަޒީފާގެ ޔަގީންކަން

ބޭރުގެ ކުންފުންޏަކުން ތަނެއް ހިންގަން ފަށާއިރު، އެންމެ ބޮޑު ސުވާލަކީ އެތަނުގައި ތިބޭ މުވައްޒަފުންގެ ވަޒީފާއަށް ވާނެ ގޮތަކާމެދު އެވެ. ރާއްޖޭގައި މީގެ ކުރިން މެނޭޖުމަންޓް ކޮންޓްރެކްޓް ހެދި ގިނަ ތަންތަނުގެ ތަޖުރިބާ އިން މިއީ ކަންބޮޑު ވުމެއް ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ތަނަކަށް ބަދަލު ވެގެންދާއިރު މިކަމުގެ ބިރެއް ނެތެވެ. އެ ކުންފުނީގެ ވިސްނުން ހުރީ ދިވެހިން މި ދާއިރާ އިން ތަމްރީން ކުރުމެވެ.

ކޮންމެއަކަސް ބޮޑު ތިލަދުންމަތީގައި މިވަނީ ސިއްހީ ދާއިރާގެ ބޮޑު މަސައްކަތްތަކެއް ފެށިފަ އެވެ. މި މަސައްކަތްގެ އަމަލީ ބައިތައް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފެންނަން ފެށާނެ އެވެ. މިއާއެކު ކުޅުދުއްފުށްޓަށް ބޭސް ފަރުމާއަށް ގިނަ ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެ އެވެ. މިހާރުވެސް ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި އޮތް ކުޅުދުއްފުށިން އިތުރު ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެ އެވެ. އެކަމަށްޓަކައި ބޮޑު ތިލަދުންމަތީގެ ބޮޑު ފަރުވާ މިވަނީ "ގާތްވެފަ އެވެ"