އެއީ އާންމުކޮށް ހުންނަ ކްލާސް ރޫމްތަކަށް ވުރެ ތަފާތު ކްލާސް ރޫމެކެވެ. ތަފާތު ކުލަތަކެވެ. ފަރުމާކޮށްފައިވާ ގޮތްވެސް ތަފާތެވެ. އެތަނަށް ވަންނަ މީހުންނަށް އެއީ ޝައުގުވެރި އުފާވެރި މާހައުލެކެވެ. ކުޑަކުދިންނަށް ހާއްސަ ތަމްރީންގެ ހަރަކާތްތައް ހިންގޭ ގޮތަށް ތައްޔާރުކޮށްފައިވާ ޒަމާނީ ކުލާހެކެވެ.
މިއީ ކުޅުދުއްފުށީގައި އަލަށް ހުޅުވުނު "އިންފިނިޓީ އެކަޑަމީ" ހިންގުމަށް ތައްޔާރު ކޮށްފައިވާ ކުލާހެވެ. މިއީ އުތުރުގެ އެންމެ ބޮޑު އާބާދީގައި މިފަދަ ކުލާސް ރޫމެއް ހުޅުވުނު ފުރަތަމަ ފަހަރެވެ..
މިޒަމާނުގައި ކުޑަކުދިން ސްކޫލްގެ ގަޑި ނިމުމަށްފަހު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ބޮޑު ބައެއް ހޭދަވަނީ ޓީވީއާ ފޯނު ނުވަތަ ޓެބްލެޓުތަކާ އެކު އެވެ. އޭގެ މައްޗަށް ދެވިހިފައި ގިނަ ކުދިންގެ އަހްލާގަށްވެސް ނޭދެވޭ އަސަރުތައް ކުރަމުން ދިއުމަކީ ފެންނަން ހުރި ހަގީގަތްތަކެކެވެ. އަދި ހަމައެހެންމެ އެއްވެސް ކަހަލަ ކުޅިވަރެއް ކުޅުމެއް، ހެލިފެލިވެ އުޅުމެއް، ހަރަކާތެއް ނެތި ގޭގައި ވަގުތުތައް ހޭދަކުރުމުން ކުދިންގެ ހަށިގަނޑަށާއި ވިސްނުމަށްވެސް ނޭދެވޭ ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އިންފިނިޓީ އެކަޑަމީ އަކީ މިފަދަ ކަންކަމުން ކުދިން ދުރުހެލިކޮށް ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި ކުލާހުގައި ރޭވިފައިވާ ޓައިމްޓޭބަލެއްގެ ތެރެއިން ތަފާތު ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. ޓީމު ގޮތަށް އެކުލެވިގެން ކުޅުމަށް ރޭވިފައިވާ ކުޅިވަރުތަކާއި ވަކިވަކި ކުދިންގެ މެދުގައި ކުޅުމަށް ރޭވިފައިވާ ކުޅިވަރުތައްވެސް މިތަނުގައި ކުރިއަށް ގެންދާނެ އެވެ.
ތަން ހަދާފައިވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭގޮތުން ހެލިފެލިވެ މަޖަލާއެކު ކުޅެވޭ ގޮތަށެވެ. އެހެންވެ މިއީ އާންމު ކުލާސްރޫމްތަކާ މުޅިން ތަފާތު އިހްސާސެއް ގެނުވާނެ މާހައުލެކެވެ.
މިއީ ދެޖިންސުގެ ކުދިންނަށްވެސް ޝައުގުވެރިކަމާއެކު ވަގުތު ހޭދަކުރެވޭ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސާފައިވާ ފުރިހަމަ ތަމްރީން މަރުކަޒެކެވެ. ކުދިން ހެދިބޮޑުވަމުން އަންނައިރު ހަށިގަނޑަށް ލިބެންޖެހޭ ކަސްރަތުތައް މިތަނުން ފުރިހަމައަށް ފޯރުކޮށްދޭނެ އެވެެ.
އިންފިނިޓީ އެކަޑަމީގެ އެންމެ ބޮޑު ބޭނުމަކީ، އެކަޑަމީގެ ތަމްރީންތަކުން ތަމްރީން ލިބި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ރަނގަޅު ދުޅަހެޔޮ ކުދިންތަކެއް ކުޅުދުއްފުށީގެ މުޖުތަމައަށް ނެރެދިނުމަށް މަސައްކަތް ކުރުމެވެ.
މި އެކަޑަމީއަށް ވަނުމުގެ ފުރުސަތު ޖާގަ އޮތްވަރަކުން އުމުރުން ދެ އަހަރުން ފެށިގެން ހަ އަހަރާ ދެމެދު ކުދިންނަށް ވަނީ ހުޅުވާލާފަ އެވެ. ހަފުތާއަކު ތިން ކްލާސް އޮންނައިރު ކޮންމެ ކްލާހެއްގައި އެއް ގަޑިއިރުގެ ވަގުތެއް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. މަހު ފީއަކީ 300 ރުފިޔާ އެވެ.