ކެއްކި ރިހަ ގިނަވީ ހެއްޔެވެ؟ އުކާލާ ނުލާށެވެ. މާދަމާ ރޯދަ ވީއްލުމަށް ހަދާ ހެދިކާގެ މަސްގަނޑު ހެދުމަށް ރިހަގަނޑު ބަަހައްޓާށެވެ. އިސްރާފު ނުކުރާށެވެ. މި އަހަރުގެ ރޯދަ މަސް އައުމާއެކު، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ކުޅުދުއްފުށީ ކައުންސިލުން މި އިރުޝާދު ދިނެވެ.
ރޯދަ މަސް މި ފަހަރު ބައްދަލުކުރި މުޅި ދުނިޔެ ވަނީ ބަލިމަޑުކަމެއްގެ ތެރޭގަ އެވެ. އެ ބަލިމަޑުކަމުގެ ބިރު ރާއްޖެއަށް ވެސް އައިސް، މިހާރު ރާއްޖެ ވެސް މިއޮތީ އޭގެ އެންމެ ބިރުވެރި ހާލަތުގަ އެވެ. އިގުތިސޯދީ ގޮތުން ބޮޑު ލޮޅުމެއް ރާއްޖެއަށް ވެސް އަންނާނެ އެވެ. މިހާރު ވެސް އައިސްފި އެވެ. އާމްދަނީ މަދުވެއްޖެ އެވެ. ވަޒީފާތައް ގެއްލެނީ އެވެ. އެއްޗެހީގެ އަގު ބޮޑުވެ، އެއްޗެހި ލިބުމަށް ވެސް ދަތިވަނީ އެވެ.
މި ހާލަތުގައި އޮތީ އިގުތިސޯދު ކުރުމެވެ. ހަރަދު ކުޑަ ކުރުމެވެ. ބޭކާރު ހަރަދު ނުކުރުމެވެ. އިސްރާފު ނުކުރުމެވެ.
މިއީ ކޮންމެހެން ވެސް ރައްޔިތުން މި ދަނޑިވަޅުގައި ކުރަން ޖެހޭ ކަންކަމެވެ. ނޫންނަމަ، ފަހުން ލިބޭ ހިއްޗާއި ދަތި މާބޮޑުވާނެ އެވެ. އެހެންވެ، ދުރާލާ މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ކައުންސިލުން މިވަނީ ކުރިޔާލާ ފަށާފަ އެވެ.
ކައުންސިލްގެ ފޭސްބުކް ޕޭޖާއި ޓްވިޓާ މެދުވެރިކޮށް އިސްރާފު ކުޑަކުރާނެ ގޮތުގެ ގިނަ މައުލޫމާތުތައް ދަނީ ދެމުންނެވެ. އެންމެ އާންމު ރައްޔިތު މީހާއަށް އެނގޭނެހާ ތިލަކޮށް މި މެސެޖްތައް ކައުންސިލުން ގެނެސްދެނީ ޕޯސްޓަރުތަކެއްގެ އެހީގަ އެވެ. މި ޕޯސްޓްރުތައް ފަރުމާކުރަނީ މިހާރު ރާއްޖޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ކުރެހުންތެރިޔާ، މުހައްމަދު މުސްތަފާ އެވެ. ކުޅުދުއްފުއްޓަށް މުސްތަފާގެ މި މަސައްކަތަކީ އޭނާ ހިލޭ ސާބަހަށް ރަށަށްކޮށްދޭ ހިދުމަތެކެވެ.
ކައުންސިލުން މިހާތަނަށް ފޯރުކޮށްދީފައިވާ ބައެއް މެސެޖްތަކުގެ ތެރޭގައި ދުވާލު ގަޑީގައި ވީހާވެސް ބޮޑަށް އިރުގެ އަލިކަމަށް ބަރޯސާވުމަށާއި ގޭގައި ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތައް ހެއްދުމާއި ކައްކާ ތަކެތި އުކާލާއި އިސްރާފު ނުކުރުމަށް ދީފައިވާ މެސެޖްތައް ހިމެނެ އެވެ. ބާކީވާ ރޮށިތައް ހަރުކޮށް އަލުން ބޭނުން ކުރުމާއި އިތުރުވާ ފްރިޖަށްލުން ފަދަ އިރުޝާދުތައް ކައުންސިިލުން ދީފައިވެ އެވެ.
ކޮވިޑް-19 ބިރުވެރިކަމާއެކު ދިރިއުޅުމަށް މުހިންމު ބަދަލުތަކެއް ގެންނަން ވަނީ މަޖުބޫރުވެފަ އެވެ. އާ އާދަތަކެއް ވަނީ އާންމު ކަމަކަށް ހަދަން ޖެހިފަ އެވެ. އަތް ދޮވުމާއި ގައިދުރުކުރުން މިއީ މިފަދަ ކަންކަމެވެ. މި ކަންކަމަށް ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ ނަތީޖާ ވެސް ކުޅުދުއްފުށިން ދަނީ ފެންނަމުންނެވެ. މިފަހުން ކުޅުދުއްފުށީ ބަނދަރުމަތީގައި މަސް ގަތުމަށް ދަމާލި ދިގު ކިޔުގައި ވެސް ގައިދުރުމުގެ މިސާލު ދެއްކި އެވެ.
ކުޅުދުއްފުށީ ކައުންސިލާއެކު ކުޅުދުއްފުށީ ކޮވިޑް ޓާސްކު ފޯހުން ވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޕަބްލިކް ވައިބާ ގްރޫޕެއްގައި ޓާސްކު ފޯހުން މުހިންމު މައުލޫމާތުތައް އާންމު ކުރެ އެވެ. އަދި ކުޅުދުއްފުށީ ޓާސްކު ފޯސް ވަނީ ކުރިޔާލާ ދުރަށް ވިސްނާ ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅާފަ އެވެ. އެގޮތުން އަމިއްލަ އިސްނެގުމަށް އެ ސިޓީގައި ގެންދަނީ ކާފިއު ހިންގަމުންނެވެ. މިއީ އެޗްޕީއޭގެ އެންގުމެއް ނެތި ކާފިއު ހިންގި ފުރަތަމަ ތަނެވެ. އެކަން ކުރަން ޓާސްކު ފޯހުން ނިންމީ ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ސިޓީއަކަށްވާއިރު ކުރިޔާލާ ރައްކާތެރިވެ ތިބުމަށެވެ. މާލެއަށް ވީގޮތް ނުވުމަށެވެ.