ކެނޯއެއްގައި ހދ. ކުޅުދުއްފުށި ސިޓީއަށް ގޮސް އެ ސިޓީއަށް އަރަން އުޅުނު ބަޔަކު އަނެއްކާ ވެސް ހައްޔަރު ކޮށްފި އެވެ. ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައި ވަނީ އެ އަތޮޅު ކުރިނބީން ކުޅުދުއްފުއްޓަށް ދިޔަ ދެ މީހެކެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ކުރިނބިން ކެނޯއެއްގައި ގޮސް، ކުޅުދުއްފުށީ ސިޓީ އެއާޕޯޓް ސަރަހައްދަށް އަރަން އުޅެނިކޮށް އެ ސަރަަހައްދުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ.
މީގެ ދެތިން ދުވަހެއް ކުރިން ހދ. ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެމީހުން ވެސް ހައްޔަރުކުރީ އެއާޕޯޓް ސަރަހައްދުންނެވެ.
އެޗްޕީއޭއިން ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރުން މަނާ ކޮށްފަ އެވެ. މީގެއިތުރުން ކުޅުދުއްފުށި ސިޓީ މިވަގުތު އޮތީ މޮނީޓަރިން ހާލަތުގަ އެވެ. އެެހެންކަމުން އެ ސިޓީއަށް އަރާ ފޭބުމަކީ މި ވަގުތު މަނާ ކަމެކެވެ.
ކުޅުދުއްފުށީ ސިޓީގެ ކޮވިޑް ޓާސްކު ފޯހުން ގެންދަނީ އެ ސިޓީގައި ކާފިއު ވެސް ހިންގަމުންނެވެ. އިއްޔެ އެ ސިޓީއިން ވަނީ ކޮވިޑްގެ އަލާމާތްތައް ފެންނަ މީހެއްގެ ސާމްޕަލް ވެސް ނަގާފަ އެވެ.