ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަމާޒު: ރަށްރަށުން މިރޭ 100 ސާމްޕަލް ނަގަނީ

ށ. ނަރުދޫ "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް-192 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މިރޭގެ ވަގުތެއްގައި އެ ބޯޓު ދަތުރުކުރި މީހުންގެ 100 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ޓާސްކު ފޯހުން ބުނެފި އެވެ.

ނަރުދޫގެ އަމާޒު ބޯޓު މާލެއިން ފުރީ މާލެ ލޮކްޑައުންކުރި ދުވަހު އެވެ. އެ ދަތުރުގައި އެ ބޯޓު، ނ އަތޮޅާއި ށ. އަތޮޅު އަދި ހއ. ހިމެނޭ ގޮތަށް 13 ރަށަކަށް މަޑުކޮށް މީހުން ބާލާފައިވެ އެވެ. އެ 13 ރަށް ވެސް މިހާރު އޮތީ މޮނީޓަރިންގަ އެވެ. އަދި އޭގައި ދަތުރުކުރި މީހުން އެކަހެރިކޮށް ގެތައް ވަނީ ކަރަންޓީނު ކޮށްފަ އެވެ.

މި ކޭސްއަކީ އަތޮޅުތެރެއަށް ކޮވިޑް-19 ފެތިރިގެން ގޮސްދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް ކޭހެކެވެ.

އުތުރުގެ މައި ރަށް، ކުޅުދުއްފުށި ސިޓީ ވެސް މިހާރު މިއޮތީ މި ބިރުވެރި ކަމުގަ އެވެ. އާބާދީގެ 10،000 ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުއްޓަށް "އަމާޒު" ބޯޓު ގޮސްފައި ނުވީ ނަމަވެސް އެ ރަށުގެ ތިން މީހަކު ބޯޓުގައި ދަތުރުކުރި އެވެ. އެހެންވެ ކުޅުދުއްފުށި ވެސް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ކުޅުދުއްފުށީ ޓާސްކު ފޯހުގެ ވެރިޔާ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި ބޯޓުގައި ދަތުރުކުރި ކުޅުދުއްފުށީ ތިން މީހުންގެ އަލާމާތްތައް ފެންނަ އެކަކުގެ ސާމްޕަލް މިއަދު ވަނީ ނަގާފަ އެވެ. އޭނާ ދިރިއުޅޭ އެ ރަށުގެ ކިރުދޫނިގެ ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. ދާއޫދު ވިދާޅުވި ގޮތުގައި އަނެއް ދެ މީހުންގެ ސާމްޕަލް މިރޭ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ދާއޫދު އިތުރަށް ވިދާޅުވި ގޮތުގައި އުތުރުގެ އެކި ރަށްރަށުން މިރޭގެ ވަގުތުގައި ޖުމްލަ 100 ސާމްޕަލް މިރޭ ނަގާނެ އެވެ.

އެޗްޕީއޭއަށް އެ ދަތުރުގެ މައުލޫމާތު ލިބިފައިވާ ގޮތުންނަމަ، ބޯޓުގެ ފަޅުވެރިންގެ އިތުރުން އެ ބޯޓުގައި ދަތުރު ކޮށްފައި ވަނީ 98 މީހެކެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ކޮވިޑް-19އި ގެ އަލާމާތްތައް ފެންނަ ކަމަށް ރޭގައި އެޗްޕީއޭއިން ބުނެފައިވެ އެވެ.

ނަރުދޫއިން ޕޮޒިޓިވްވި ބޯޓް ކެޕްޓަނަކީ މާލެއިން ބޭރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ މީހާ އެވެ. މީގެ ކުރިން ހއ. އުލިގަމު މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެމީހާއަކީ މާލެ ލޮކްޑައުން ކުރި ދުވަހު ހއ. އިހަވަންދޫ ބޯޓެއްގައި ފުރައިގެން ދިޔަ މީހެކެވެ. އޭނާއާ ކޮންޓެކްޓްވި އުލިގަމު އެހެން މީހަކު ވެސް މާލެއިން ޕޮޒިޓިވްވެފައިވެ އެވެ.

އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އެމީހާއާ ޑައިރެކްޓް ކޮންޓެކްޓް އޮތް ހިރިމަރަދޫ މީހަކު ކުޅުދުއްފުށީ ބޯޓެއްގައި ދަތުރުކޮށް އެ ރަށަށް ފައިބާ ވިޔަފާރި ކޮށްފައިވެ އެވެ. ހިރިމަރަދޫ މީހާގެ ނަތީޖާ މިހާރު ވަނީ ނެގެޓިވްވެފަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީ ޓާސްކު ފޯހުން ގެންދަނީ އެ ސިޓީގައި އަމިއްލައަށް ކާފިއުއެއް ހިންގާފަ އެވެ.

ދާއޫދު ވިދާޅުވީ މި ވަގުތު ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނުކުތުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މާލޭގައި ކޮވިޑް-19 ޖެހޭ މިންވަރު އިތުރުވަމުންދާއިރު މިއަދު މިހާތަނަށް ވަނީ 50 މީހަކަށް ބަލި ޖެހިފަ އެވެ. އަދި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 191 އަކަށް އަރާފަ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް މީހުން ގިނަ އެވެ.