ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުށި މޮނީޓަރިންއަށް، ޝައްކުވާ މީހެއްގެ ސާމްޕަލް ނަގައިފި

Apr 26, 2020

ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށި ސިޓީ މޮނީޓަރިން ހާލަތަށް ގެންގޮސްފި އެވެ. ހްލެތު ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން މި ފިޔަވަޅު އެޅިއރު ވެސް އެ ސިޓީ އޮތީ ކާފިއުއެއްގަ އެވެ.

ކުޅުދުއްފުށީ ސިޓީ މޮނީޓަރިން ހާލަތަށް ގެންގޮސް ރަށަށް އަރާ ފޭބުން މަނާ ކުރީ އެ ރަށުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެންނެވެ.

އެ ރަށުން އަލާމާތްތައް ފެނިފައި ވަނީ ށ. ނަރުދޫ "އަމާޒު" ބޯޓުގައި ދަތުރުކުރި މީހެއްގެ ފަރާތުންނެވެ. އޭނާ ދިރިއުޅޭ ކިރުދޫނިގެ މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ނަރުދޫގެ އަމާޒު ބޯޓުގެ ކެޕްޓަން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ބޯޓު 13 ރަށަކަށް ދަތުރު ކޮށްފައިވާއިރު އޭގައި 98 މީހަކު ދަތުރުކުރި އެވެ. ބޯޓު ދަތުރުކުރި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ނުހިމެނުނު ނަމަވެސް އެ ބޯޓުގައި ކުޅުދުއްފުށީ ސިޓީގެ ތިން މީހަކު ދަތުރުކުރި އެވެ.

އިއްޔެ ބޯޓުގެ ކެޕްޓަން ޕޮޮޒިޓިވްވުމާއެކު އެމީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށް ގޭގައި އެކެހެރިވެގެން ތިބި ކަމަށް ބުނެފަ އެވެ. މިއަދު އޭގެ ތެރެއިން ކިރުދޫނިގޭގައި ދިރިއުޅޭ މީހާގެ ސާމްޕަލް ނެގީ، އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެނެވެ.

މިއީ އަތޮޅުތަކުގެ ތެރެއަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކޭސްއަކަށް ވާއިރު ބޯޓު ދަތުރުކުރި ހުރިހާ ރަށެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ށ. އަތޮޅާއި ނ. އަދި ހއ. އަތޮޅުގެ ރަށްތައް ހިމެނެ އެވެ.

ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯހުން ނިންމައިގެން ކުޅުދުއްފުށީގައި ކާފިއު ހިންގަން ފެށީ މީގެ ހަތަރު ދުވަސްކުރިންނެވެ. ކާފިއުގެ މުއްދަތު ވެސް އިތުރުކޮށްފައިވާއިރު ކާފިއު އޭރު ހިންގަން ނިންމި އެންމެ ބޮޑު ސަބަބަކީ ހއ. އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އެމީހާއާ ޑައިރެކްޓް ކޮންޓެކްޓް އޮތް ހިރިމަރަދޫ މީހަކު ކުޅުދުއްފުށީ ބޯޓެއްގައި ދަތުރުކޮށް އެ ރަށަށް ފައިބާ ވިޔަފާރިކޮށްފައިވާތީ އެވެ. ހިރިމަރަދޫ މީހާގެ ނަތީޖާ މިހާރު ވަނީ ނެގެޓިވްވެފަ އެވެ.

ކުޅުދުއްފުށީ ސިޓީގައި އަމިއްލައަށް އިސްނަގައިގެން ކާފިއު ހިންގަން ފެށި ފުރަތަމަ ތަނެވެ. އޭގެ ފަހުން ބައެއް އެހެން ރަށްރަށުގައި ވެސް އެޗްޕީއޭއިން އަންގާފައިނުވީ ނަމަވެސް ކާފިއު ހިންގާފައިވެ އެވެ.