ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ހދ. ކުޅުދުއްފުށީ ސިޓީއިން ސާމްޕަލް ނެގި މީހާގެ ނަތީޖާ ނެގެޓިވް ކަމަށް އެ ސިޓީގެ ކޮވިޑާ ގުޅޭ ޓާސްކު ފޯހުން ބުނެފި އެވެ.
ކުޅުދުއްފުށިން އަލާމާތްތައް ފެނުނީ ށ. ނަރުދޫ އަމާޒު ބޯޓުގައި ދަތުރުކުރި މީހެއްގެ ފަރާތުންނެވެ. އެ ބޯޓުގެ ކައްޕި އާއި އޭނާގެ އާއިލާގެ ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯހުގެ ވެރިޔާ އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި މީހާގެ ނަތީޖާ މިރޭ ލިބިފައިވާއިރު އޭނާގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
އަމާޒު ބޯޓު ސީދާ ކުޅުދުއްފުއްޓަށް ގޮސްފައިނުވީ ނަމަވެސް އެ ބޯޓުން ދަތުރުކުރި އިތުރު ދެ މީހަކު ވެސް ކުޅުދުއްފުށީގައި އެބަ ތިއްބެވެ. އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި އެ ދެ މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.
އެމީހުންގެ ނަތީޖާ ލިބެންދެން ކުޅުދުއްފުށީ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އެމީހުން ދިރިއުޅޭ ގެތައް ކަރަންޓީނުކޮށް އެމީހުން އެކަހެރިކޮށްފަ އެވެ.
އަމާޒު ބޯޓު ކޭސްއަކީ އަތޮޅުތަކުގެ ތެރެއަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކޭސްއަކަށް ވާއިރު ބޯޓު ދަތުރުކުރި ހުރިހާ ރަށެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ށ. އަތޮޅާއި ނ. އަދި ހއ. އަތޮޅުގެ ރަށްތައް ހިމެނެ އެވެ. އެ ރަށްތަކުގެ ތެރެއިން ނަރުދޫ ފިޔަވައި، ށ. މިލަންދޫއިން ވަނީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ އަމާޒުގައި ދަތުރުކުރި މީހެކެވެ.
ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯހުން ނިންމައިގެން ކުޅުދުއްފުށީގައި މިހާރު ގެންދަނޫ ކާފިއު ހިންގަމުންނެވެ. ކާފިއުގެ މުއްދަތު ވެސް އިތުރުކޮށްފައިވާއިރު ކާފިއު އޭރު ހިންގަން ނިންމި އެންމެ ބޮޑު ސަބަބަކީ ހއ. އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އެމީހާއާ ޑައިރެކްޓް ކޮންޓެކްޓް އޮތް ހިރިމަރަދޫ މީހަކު ކުޅުދުއްފުށީ ބޯޓެއްގައި ދަތުރުކޮށް އެ ރަށަށް ފައިބާ ވިޔަފާރިކޮށްފައިވާތީ އެވެ. ހިރިމަރަދޫ މީހާގެ ނަތީޖާ މިހާރު ވަނީ ނެގެޓިވްވެފަ އެވެ.
ކުޅުދުއްފުށީ ސިޓީގައި އަމިއްލައަށް އިސްނަގައިގެން ކާފިއު ހިންގަން ފެށި ފުރަތަމަ ތަނެވެ. އޭގެ ފަހުން ބައެއް އެހެން ރަށްރަށުގައި ވެސް އެޗްޕީއޭއިން އަންގާފައިނުވީ ނަމަވެސް ކާފިއު ހިންގާފައިވެ އެވެ.