ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ހދ. އަތޮޅުން ނެގި ސާމްޕަލްތައް ނެގެޓިވް

ކޮވިޑް-19 ބަލި ހުރިތޯ ބަލަން ހދ. އަތޮޅުން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވެސް ލިބިފައިވާއިރު އެ ހުރިހާ ނަތީޖާއެއް ނެގެޓިވްވެފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯހުން ބުނެފި އެވެ.

ކުޅުދުއްފުށީ ޓާސްކު ފޯހުގެ ވެރިޔާ އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި ހދ. އަތޮޅުން ޖުމްލަ 29 ސާމްޕަލެއް ނެގި އެވެ. އެއީ ކުޅުދުއްފުށިން ތިން ސާމްޕަލަކާއި ވައިކަރަދޫއިން 23 ސާމްޕަލަކާއި ކުމުންދޫން ދެ ސާމްޕަލަކާއި ހިރިމަރަދޫއިން ސާމްޕަލެކެވެ.

ދާއޫދު ވިދާޅުވި ގޮތުގައި ވައިކަރަދޫއިން ސާމްޕަލް ނެގި 23 މީހުންނަކީ ހއ. އިހަވަންދޫ "ކާވިޔާ" ބޯޓުން ވައިކަރަދޫއަށް ދަތުރުކުރި މީހުނެވެ. އެ ބޯޓުން ދަތުރުކުރި މީހަކު، ހއ. އުލިގަމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.

ކުޅުދުއްފުއްޓާއި ހިރިމަރަދޫ އަދި ކުމުންދޫއިން ސާމްޕަލް ނެގީ، ށ. ނަރުދޫ "އަމާޒު" ބޯޓުން ދަތުރުކުރި ބައެއްގެ ކަމަށް ދާއޫދު ވިދާޅުވި އެވެ. އަމާޒު ބޯޓުގެ ކެޕްޓަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާގެ އާއިލާގެ ބައެއް މީހުންނާއި ބޯޓުގެ ފަޅުވެރިންނާއެކު ނަރުދޫއިން ނުވަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އޭގެ އިތުރުން އެ ބޯޓުން ދަތުރުކުރި މީހަކު ށ. މިލަންދޫން ވެސް ޕޮޒިޓިވްވެފައިވެ އެވެ.

އަމާޒު ބޯޓު ވަނީ ނ. ށ. އަދި ހއ. ގެ 13 ރަށަކަށް ދަތުރުކޮށްފަ އެވެ. އެ ރަށްތައް މޮނީޓަރިންއަށް ލާފައިވާއިރު 100 އެއްހާ މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ. ބައެއް މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާއިރު އަދި ނަތީޖާ ނުލިބޭ މީހުން އެބަ ތިއްބެވެ. އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހައި ރިސްކު 35 މީހުން އެބަ ތިއްބެވެ.