ރިޕޯޓް

ތާރީހީ ބަދަލަށް: ބޮޑު މުހައްމަދުގެ ޔާސިރު

މުޅި އުތުރުގެ ރައްޔިތުން "ހީރޯ"އެއްގެ ގޮތުގައި ސިފަ ކުރާ ހދ. ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނަށް ދީފައިވަނީ ހާއްސަ ގަދަރަކާއި ލޯތްބެކެވެ. އޭނާއަކީ މާލޭގައި ގާއިމްވެފައި އޮތް ސަރުކާރެއް ސިއްސުވާލި ވަރުގަދަ ސިޔާސީ އެކްޓިވިސްޓެކެވެ. އުތުރުގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން މާލޭގެ މުޅި ފަޅު ދޯނި ފަހަރުން ފުރާލެއްވި މޭސްތެރިއެކެވެ. އެ މޭސްތެރިކަމުގެ ތެރެއިން މިފަހަރު ތާރީހީ ބޮޑު ބަދަލަކަށް ނުކުމެ ހުންނެވީ ބޮޑު މުހައްމަދުގެ މުނި ކާފަ ދަރި އެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް އެތައް އަހަރެއް ވެގެން ހިނގައްޖެ އެވެ. ރައްޔިތުންގެ ގެ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގައި ތަފާތު އެކިއެކި ބޭފުޅުންތައް ދައުރުތައް ވެސް ފުރުއްވައިފި އެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް ނުފުދި އޮތް ކަމެއް އޮތެވެ. އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ، ރަށަށް އުފަން މެންބަރަކު މިވީ ތާރީހުގައި ވެސް ނެތުމެވެ. ހދ. އަތޮޅަށް ދެ ގޮނޑި މަޖިލީހުގައި ހުރިއިރު ވެސް އެ ގޮނޑިތަކުގައި އޭރު ތިއްބެވީ އޭރުގެ ސަރުކާރުގެ ނުފޫޒު ގަދަ ބޭބޭފުޅުންނެވެ. އެއަށްފަހު ކުޅުދުއްފުއްޓަށް ހާއްސަ ދެ ގޮނޑި ލިބުނުތާ 10 އަހަރުވީއިރު ވެސް ތިއްބެވީ އެހެން ހިސާބުތަކުގެ ބޭފުޅުންނެވެ.

އެކަން ބަދަލުކުރަން، އާބާދީ އާއި ތަރައްގީގެ ގޮތުން ވާދަވެރި އެހެން ރަށްރަށްތަކާ ފައިތިލަ ހަމަ ކުރަން މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދިމާކޮށް ކުޅުދުއްފުށީ ޒުވާނުން ފެށީ ވަރުގަދަ ކެމްޕެއިނެކެވެ. "ރަށު މީހާ ރަށަށް" ކެމްޕެއިނެކެވެ. ސޯޝަލް މީޑިއާގައި ފެށި އެ ކެމްޕެއިންގެ ބިރަށް އެކަމުގައި އެންމެ އަޑުގަދަކޮށްލި ރަށުގެ އުތުރު ދާއިރާއަށް ބޭރުން ބޭފުޅަކަށް ކުރިމަތިލައްވަން ވެސް ނުކުރުނެވެ. އެކަމުގެ އެންމެ އިސް ސަފުގައި ހުންނެވި ފަރާތަކީ މިހާރު އެ ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ.

"އަޅުގަނޑުމެން ޒުވާނުން ކޮޅެއް އެއްވެލާފަ ވިސްނީ، މިކަން މީހުންގެ ސަމާލު ކަމަށް ގެނެސް ކެމްޕެއިނަށް ތާއީދު ހޯދޭނެ ގޮތެއް، އެއް ރެއިން ސޯޝަލް މީޑިއާގައި ކެމްޕެއިން ފެށީ، އޭރު ހުރީ މަޖިލީހަށް ކުރިމަތިލާން ނިންމައިގެނެއް ވެސް ނޫން، ބޭނުންވީ ރަށު މީހަކު ގެންދަން، އެވީ ވަރަށް ކާމިޔާބު ކެމްޕެއިނަކަށް، ރަށުގެ ގިނަ ޒުވާނުންގެ ވިސްނުން ހުރި ގޮތް އެ ހިސާބުން ސާފުވި، ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބުނީ ރަށު މީހާ ރަށަށް ކަމަށް،" ސިޔާސީ ހަރަކާތްތަކުގައި އޭރު އެއްގޮތަކަށް ވެސް ނޫޅުއްވާ ޔާސިރު ވިދާޅުވި އެވެ.

ކެމްޕެއިން ފެށުމާއެކު ކެމްޕެއިން އޮތީ ކާމިޔާބުވެފަ އެވެ. އުތުރު ދާއިރާއިން ކޮންމެ ގޮތެއްގައި ވެސް މަޖިލީހަށް ދާނީ ރަށު ދަރިއެއްކަން ކަށަވަރުވީ އެވެ. އެ ހިސާބުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ޔާސިރު ނިންމެވީ އެވެ. އަލަށް ސިޔާސީ މައިދާނުގައި ފިޔަވަޅު އެޅި ޔާސިރު، ޕްރައިމަރީ ކާމިޔާބުކުރީ ވެސް ބޮޑު ތާއީދަކުންނެވެ. ފޯރިގަދަ މަޖިލިސް ކެމްޕެއިނަކަށްފަހު ގޮނޑި ކާމިޔާބު ކުރެއްވީ އަދި އެއަށްވުރެ ބޮޑު ތާއިދާއެކު އެވެ. އެއާއެކު ކުޅުދުއްފުށީގެ ތާރީހީ ބޮޑު ބަދަލަށް ޔާސިރު ނުކުންނެވީ އެވެ. މިހާރު އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރެވެ.

"ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި ކަމެއް ކުޅުދުއްފުށި ކަހަލަ ބޮޑު ރަށަކުން ހާއްސަކޮށް ކީއްވެގެންހޭ މިހާ ދުވަސްވީއިރުގަ، ކުޅުދުއްފުށީގެ ގާބިލް ދަރިއަކު ހަމަ ނެތީ ހެއްޔޭ މިކަމާ ކުރިމަތިލާން ކެރޭ، އަޅުގަނޑުމެންނާ ދިމާއަށް ވެސް ހަމަ ގިނަ ފަރާތްތަކުން ބުނޭ ޔާސިރުމެން ކީއްހޭ ތިކުރަނީ، އެކަމަކު އަޅުގަނޑުގެ ހިޔާލު ތަފާތު، ކުޅުދުއްފުށީގައި ގާބިލް ކެރޭ ބައިވަރު ދަރިން އެބަ ތިބި، އެކަމަކު މި ޕްލޭން ކުރެވިފަ އޮތް އެއްޗެއް، ކުޅުދުއްފުށީގެ މީހުން އަޔަ ނުދޭން ވެގެން، އޭގެ ސަބަބުތައް ވެސް ހުންނާނެ، އަޅުގަނޑުމެންނަކީ އެހާ ގަޔަށް ދޫބައެއް ނޫން، ކުޅުދުއްފުށީ ޒުވާނުންނަށް ނުކުރިގެނެއް ނޫން، ހަމަ އަޔަ ނުދޭން އެކި ލެވެލްތަކުގައި އެކި މަސައްކަތް ކުރެވިފަ ހުރީ، މިއަދު އޭތި ބްރޭކް ކޮށްފަ މި ނުކުންނަނީ،" ޔާސިރު ވިދާޅުވި އެވެ.

މީގެކުރިން 1940 ގެ ތެރޭގައި ވެސް "ބްރޭކް" ކުރީ ހަމަ އެކަމެވެ. ޔާސިރުގެ މަންމަގެ ކާފަ، ބޮޑު މުހައްމަދު ކަލޭފާނު މާލޭގެ ފަޅު، އުތުރުގެ ހުރިހާ ރަށަކުން އުޅަނދުތަކާއެކު ފުރާލީ ބަނޑުހައިހޫނު ކަމުގައި ރައްޔިތުން އުފުލަމުންދިޔަ ވޭންތައް ފިލުވައިދޭށެވެ. ކުޅުދުއްފުށީގެ ހާއްސަކޮށް އުތުރުގެ އަޑު އިއްވުމަށެވެ. އުތުރަށް ބޭނުންވާ ތަރައްގީ އާއި ވަސީލަތްތައް ހޯދުމަށެވެ. މިއަދު ޔާސިރު އެންމެ ފަހުރުވެރިވާ ކަމަކީ މުނި ކާފަ ދައްކައިދިން އެ މަގުގައި، ހަމަ އެ މަސައްކަތުގައި ދެމި ހުންނަން ފުރުސަތު ލިބިފައި އޮތުމެވެ.

"އަޅުގަނޑުގެ މުނި ކާފައަކީ ބޮޑު މުހައްމަދު ކަލޭފާނަށްވުމަކީ އެންމެ ފުރަތަމަ ވެސް ޝަރަފެއް، ބޮޑު މުހައްމަދު ކަލޭފާނުގެ ފަރާތުން ފެނިގެން ދިޔަ އެ ހިތްވަރަކީ މިއަދު އަޅުގަނޑުމެން އެންމެން ވެސް ދައްކަން ބޭނުން ވާނެ ހިތްވަރު، މިއަދު މުނި ކާފަ ދަރިއަކަށްވެ ހުރެ އަޅުގަނޑު ދަންނަވަން އަޅުގަނޑުމެންނަކީ ގޮތް ދޫކުރާނެ ބައެއް ނޫންކަން، މުނި ކާފަގެ ލެގަސީ ދަމަހައްޓަން ވަރަށް މަސައްކަތް ކުރާނަން،" ކުޅުދުއްފުށީ ކަސްޓަމްސްގެ އިންޗާޖްގެ މަގާމުގައި މީގެކުރިން ހުންނެވި ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ މާލެ ނޫން އެހެން ސަރަހައްދުތަކަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ވާހަކައަކީ މީގެ އެތައް ޒަމާނަކުން ފެށިގެން ވެސް މިއަދާ ހަމައަށް ވެސް ދެކެވޭ ވާހަކައެއް ކަމަށެވެ. ބޭނުން ވަނީ އެކަން ބަދަލުކޮށް، ހުރިހާ ރައްޔިތުންނަށް ވެސް ހައްގު މިންވަރު ހޯދައިދިނުން ކަމަށެވެ. ޔާސިރުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑަށް ބޭނުން ކުރެއްވި ޝިއާރަކީ "ހައްގު މިންވަރު ހޯދައިދޭނެ" ކަމަށެވެ. އެކަމުގައި ވަކާލާތު ކުރެއްވުމުގައި މަޖިލީހުގައި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ރައްޔިތުންނަކީ އަބަދުވެސް ކަންކަން ހާސިލް ކުރުމަށް އަބަދުވެސް އެކީގައި މަސައްކަތް ކުރި ބައެއް، ސިޔާސީ ކަންތައްތަކާ ހެދި ހަމަނުޖެހުން އުފައްދާ ބައެއް ނޫން އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންނަކީ އެއަށްވުރެ މާ ހަމަޖެހިގެން ރަށުގަ ދިރިއުޅެން ބޭނުންވާ ބައެއް، އެހެންވީމަ އަޅުގަނޑުމެން ކަންކަން ހާސިލް ކުރަން ބޭނުންވާ އިރުގައި އަޅުގަނޑުމެން އެކައްޗެއް ކިޔައިގެން ތިބުމަކީ އެންމެ ފައިދާާވާނެ ގޮތް،" ޔާސިރު ވިދާޅުވި އެވެ.