ކުޅިވަރު

ޒެނިޓްގެ ޒުވާން ޓީމަށް ކުޅުނު ކީޕަރަކު ތިނަދޫ ޓީމަށް

Jun 20, 2017

ރަޝިޔާގެ ޒެނިޓް ޕީޓާސްބާގްގެ ޒުވާން ޓީމަށް ކުޅުނު ކިރިގިސްތާންގެ ކީޕަރެއް ކަމަށްވާ، ރުސްލަން ޒިނަބެކޯވް، މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގެ ޗެމްޕިއަން، ގދ. ތިނަދޫ ޓީމަށް ސޮއި ކޮށްފި އެވެ.

ކިރިގިސްތާންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ، ޒިނަބެކޯވް، ބުނީ، މި ސީޒަންގައި، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ސޮއި ކުރުމާ ވަރަށް ގާތަށް ދިޔަ ކަމަށެވެ. އޭރުވެސް އޭނާއަށް ރާއްޖޭގެ ފުޓްބޯޅައިގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އޮތީ ރަނގަޅު ލެވަލެއްގައި ކަމަށެވެ.

"އަހަންނަށް އަޑު އިވިފައި އޮތީ، ރާއްޖޭގެ ފުޓްބޯޅަ އޮތް ލެވަލް ރަނގަޅު ކަމަށް، އަދި، ތިނަދޫ ޓީމުގެ އޮތް ފުޓްބޯޅައިގެ ވަރުގަދަ އަޒުމު އަހަންނަށް އޮތީ އެނގިފަ، އަހަރެންގެ އުންމީދަކީ، ދިވެހި ޕްރިމިއާ ލީގަށް، ތިނަދޫ ކޮލިފައިކޮށް ދިނުމަށް ފަހު، މާލޭ ލީގުން އަންނަ ޓީމު ތަކާ ދެކޮޅަށް ރަނަގަޅު ފައިޓެއް ދިނުން، "ޒިނަބެކޯވްއާ ހަވާލާދީ އޭނާގެ އެޖެންޓް އަވަސްއާ ހިއްސާ ކޮށްފައިވާ އޭނާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ތިނަދޫ ޓީމުން ދަނީ، މިނިވަން ޗެމްޕިއަންޝިޕްގެ، ގަދަ ހަަތަރު ޓީމުގެ ތެރޭގައި ހިމެނި، ދިވެހި ލީގަށް ކޮލިފައި ވުމަށް، ގިނަ މަސައްކަތް ތަކެއް ކުރަމުން ނެވެ. މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް، އެ ޓީމުން ވަނީ ސްޕެއިންގެ ކޯޗެއް ގެނެސް ޓީމު ހަވާލު ކޮށްފަ އެވެ.

ޒިނެބެކޯވް ވަނީ، ކިރިގިސްތާންގެ ފެޑްރޭޝަން ކަޕް، އެގައުމުގެ އެފްސީ ޑޯޑައި ބިޝެކް ޓީމާއެކު، ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފަ އެވެ. އޭނާ ބުނީ ތިނަދޫ ޓީމުގައި، ރަޝިޔާގެ ޒެނިޓް ޓީމުން އޭނާ އަށް ލިބުނު ތަޖުރިބާއާއި ކިރިގިސްތާންގެ ލީގާއި، ގައުމީ ޓީމުގައި އޭނާ އަށް ލިބުނު ތަޖުރިބާ ބޭނުން ކުރާނެ ކަމަށާއި އެކަމުން އޭނާ އާއި ތިނަދޫ ޓީމަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު، ކިރިގިސްތާނުން ފިލިޕީންސާ ދެކޮޅަށް ކުޅެން އެކުލަވާލި ސީނިއާ ޓީމުގެ ސްކޮޑުން، ޒިނެބެކޯވް އަށް ވަނި ފުރުސަތު ދީފަ އެވެ.

މާލޭ، ލީގްގައި، މިހާރުވެސް ދަނީ ކިރިގިސްތާންގެ ދެ ކީޕަރުން ކުޅެމުން ނެވެ. އެއީ ކިރިގިސްތާންގެ އެއް ވަނަ ކީޕަރު، މާޒިޔާގެ ޕަވެލް މެޓިއަޝް އާއި ޔުނައިޓަޑް ވިކްޓަރީގެ ކީޕަރު ރުސްލަން އަމިރޯވް އެވެ.