ވިޔަފާރި

މަޝްހޫރު މޯޓިވޭޝަނަލް ޗެމްޕިއަން ޕައުލް ޓީޓީއެމްއަށް!

Jun 20, 2017

މޯޓިވޭޝަނަލް ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ޕައުލް މެކްނީވް އަންނަ މަހު ރާއްޖޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ބައިވެރިވާނެ ކަމަށް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނެފި އެވެ.

ޓީޓީއެމް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ ޕައުލް ބައިވެރިވާނީ ޓީޓީއެމް ފެއާގެ ތެރޭގައި އޮންނަ "ހޮޓެލިއާ ސަމިޓު" ގައި ކަމަށެވެ.

ޓީޓީއެމް ހޮޓެލިއާ ސަމިޓް އޮންނާނީ 12 ވަނަ ދުވަހު ހެނދުނު 9:00 އިން 1:00 އަށް ދަރުބާރުގޭގަ އެވެ.

އަލިފާނުގެ ހާދިސާއެއްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދެފައި ބުރިކޮށްލާފައިވާ ޕައުލް މަގުބޫލުކަން ހޯދާފައިވަނީ ބޮޑެތި ވިޔަފާރިތަކަށް ހާއްސަކޮށްގެން މޯޓިވޭޝަން ލެކްޗާ ދޭ މީހެއްގެ ގޮތުގަ އެވެ. ޕައުލް ލެކްޗާ ދީފައިވާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި މައިކްރޯ ސޮފްޓް ފަދަ ކުންފުނިތައް ހިމެނެ އެވެ.

އަންނަ މަހު އޮންނަ "ބީއެމްއެލް ހޮޓެލިއާ ސަމިޓް" ގައި ޓޫރިޒަމް ދާއިރާގެ 100 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވާއިރު މި ސަމިޓުގައި ރިސޯޓުތަކުގެ 80 ޖެނެރަލް މެނޭޖަރުން ބައިވެރިވާނެ އެވެ. މި ހަރަކާތް ވެގެންދާނީ ރާއްޖޭގައި މި ގޮތަށް ބާއްވާ ފުރަތަމަ ޓޫރިޒަމް އިވެންޓަށެވެ.

މި އިވެންޓުގައި ޓޫރިޒަމް މިނިސްޓްރީގެ އެންމެ އިސްވެރިންގެ އިތުރުން ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕަޓާ) އަދި ޓްރެވަލް އިންޑަސްޓްރީގައި ބޮޑެތި މީޑިޔާތައް ކަމަށްވާ އެކްޕީޑިއާ އާއި ޓްރިޕްއެޑްވައިޒާގެ އިތުރުން އެއާއޭޝިޔާ އަދި އެމެރިކަން އެކްސްޕްރެސް ބައިވެރިވާނެ އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.