ދުނިޔެ

އުތުރު ކޮރެއާއިން ގައިދުކުރި އެމެރިކާ ދަރިވަރު މަރުވެއްޖެ

އުތުރުކޮރެއާގައި ބަންދުކޮށްފައި ވަނިކޮށް، ކޯމާއަކަށް ދިއުމުން އެމެރިކާއަށް ރައްދުކުރި، އުމުރުން 22 އަހަރުގެ ދަރިވަރު އޮޓޯ ވާމްބިއާ މަރުވެއްޖެ އެވެ. އޭނާ މަރުވީ އެމެރިކާގެ އޮހިއޯ ސްޓޭޓްގެ ސިން ސިނާޓީ ނަމަކަށް ކިޔާ ރަށުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުތުރުކޮރެއާގައި ބަންދުކުރިތާ 17 މަސް ދުވަސް ވީ ފަހުން ވާމްބިއާ މިނިވަން ކުރީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އޮޓޯއަށް ފަރުވާދިން އެމެރިކާގެ ޑޮކްޓަރުން މިދިޔަ ހަފްތާގައި ބުނީ އޭނާގެ ސިކުނޑިއަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ވާމްބިއާގެ އާއިލާއިން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާއަށް އުތުރު ކޮރެއާ މީހުން ދިން އަނިޔާތަކުން މިއަދު އެމީހުން ތަޖުރިބާ ކުރި ހިތި ނަތީޖާ ނޫން އެހެން ނަތީޖާއެއް ލިބެން ނެތް ކަމަށެވެ. ވެމްބިއާ އެމެރިކާއަށް ގެނެވުމުން އޭނާގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ކޯމާއަކަށް ގޮސްފައި ވަނީ މިދިޔަ 2016 ވަނަ އަހަރުގެ މާޗްމަހު ކަމަށެވެ. އެއީ އުތުރު ކޮރެއާއިން އޭނާ ހައްޔަރުކޮށް، ބުރަ މަސައްކަތާއެކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ކުރިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ދަރިވަރު ދޫކޮށްލަން އެއްބަސްވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ހާއްސަ މަންދޫބު ޖޯސެފް ޔުން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔޮން އަށް ވަޑައިގެންނެވުމުން ކަމަށެވެ. އޭނާ ވަޑައިގެން ދަރިވަރު ދޫކޮށްލަން އެދިވަޑައިގެންނެވީ އިންސާނިއްޔަތަށް ޓަކައި ކުރާ ކަމެއްގެ ގޮތުގައި ކަމަށް އޮފިޝަލާއި ހަވާލާދީ ނޫސްތަކުން ބުންޏެވެ.