ހަބަރު

ދެ ރަށެއްގެ ސިއްހީ މަރުކަޒު ބޮޑު ކުރަން ހަވާލުކޮށްފި

ގދ. ފަރެސްމާތޮޑަ އާއި ގއ. ކަނޑުހުުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގައި ނުނިމި ހުރި މަސައްކަތް ނިންމަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ޖުމްލަ 5،150،883 ރުފިޔާ ހަރަދުވާ މި ދެ މަޝްރޫއުގެ ތެރެއިން ކަނޑުހުޅުދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ޕްރޮޕް ޕްރައިވެޓް ލިމިޓަޑްއާ އެވެ. އަދި ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒު ހަދަން ހަވާލު ކުރީ ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓަޑާ އެވެ.

އެ ދެ ކުންފުންޏާއެކު ސޮއި ކުރަން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް 220 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ފަރެސްމާތޮޑަގެ ސިއްހީ މަރުކަޒުގެ އާ އިމާރަތުގެ މަސައްކަތް 120 ދުވަސް ތެރޭގައި ނިންމުމަށް އެއްބެސްވެފައިވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން މި ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި އިރު ސިއްހީ ހިދުމަތް ދޭ ތަންތަން ވަނީ އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން މަރާމާތަށް ބޭނުންވެފައި. އަދި އަތޮޅުތަކުގެ ރައްޔިތުންނަށް ސަރުކާރުން ބޭނުންވާ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޖާގައިގެ ދަަތިކަން ވަނީ ކުރިމަތިވެފައި. މިއަދު މި ހަވާލު ކުރި ދެ މަސައްކަތް ނިމުމުން ސިއްހީ މަރުކަޒުތަކުން ޖާގަ އިތުރުވެ އިތުރު ހިދުމަތްތައް ގާއިމް ކުރުމަށް މަގުފަހިވެގެން ދާނެ،" ނާޒިމް ވިދާޅުވި އެވެ.

މި ދެ މަޝްރޫއުގެ ދަށުން ދެ ރަށުގެ ސިއްހީ މަރުކަޒުގައި މިހާރު ހުރި އާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާނެ އެވެ. އެގޮތުން އެމްބިޔުލާންސް ވޭ ހެދުމުގެ އިތުރުން އެކްސްޓެންޝަން އިމާރާތާއި ކުރީގެ އިމާރާތް ގުޅުވާލުން ހިމެނެ އެވެ.