އިޒްރޭލާއި މިސްރާއި ހުޅަނގު އައްސޭރީގައިވާ ފަލަސްތީނުމީހުންގެ ސަރުކާރުން ވެސް ހިސާރުކޮށްފައިވާ ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ކަރަންޓްގެ މިންވަރު މަދުކޮށްފިއެވެ.
ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ޣައްޒާއަށް ދޭ ކަރަންޓްގެ މިންވަރު މަދުކުރީ ޕެލަސްޓީނިއަން އޮތޯރިޓީ ( ޕީއޭ) އިން އެދުމުން ކަމަށެވެ. ފަލަސްތީނުގެ ހަކަތައާއި ބެހޭ އިދާރާ ، ދަ ޕެލަސްޓީނިއަން އެނާޖީ އެންޑް ނެޗުރަލް ރިސޯސަސް އޮތޯރިޓީ(ޕިރްނާ)ގެ ވެބްސައިޓްގައި ބުނެފައި ވަނީ އިޒްރޭލުން ޣައްޒާއަށް ދޭ ކަރަންޓުން އަށް މެގަވޮޓް އުނިކޮށްފައިވާ ކަމަށެވެ. އެ އިދާރާއިން ވެސް ބުނެފައި ވަނީ އިޒްރޭލުން އެޅި އެ ފިޔަވަޅަކީ ޣައްޒާއަށް ކަރަންޓްދޭ މިންވަރު މަދު ކުރަން ރާމަﷲގައިވާ ފަލަސްތީނު ސަރުކާރުން އެދުމުން އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
ޣައްޒާގައި ދިރިއުޅޭ ދެމިލިޔަނެއްހާ ފަލަސްތީނު ރައްޔިތުންނަށް ކުރިން ކަރަންޓް ލިބެނީ ދުވާލަކު ގާތްގަނޑަކަށް ހަތަރު ގަޑިއިރުއެވެ. އެގޮތުން ލިބެމުން އައި ކަރަންޓްގެ ބޮޑު ބަޔަކީ އިޒްރޭލުގެ ގައުމީ އެނާޖީ ކުންފުނިން ދެމުން އައި ކަރަންޓެވެ. އެކުންފުނިން ޣައްޒާއަށް ދެމުން އައީ 125 މެގަވޮޓްގެ ކަރަންޓެވެ. އޭގެ ތެރެއިން އަށް މެގަވޮޓް އުނިކުރުމުން ޣައްޒާގެ ރައްޔިތުންނަށް މިހާރު ކަރަންޓް ލިބޭނީ ދުވާލަކު ތިން ގަޑި އިރު ނުވަތަ ދެގަޑި އިރުއެވެ.
ޣައްޒާއަށް ކަރަންޓް ދޭ މިންވަރު މަދުކުރަން އައްބާސްގެ ސަރުކާރުން އެދުނީ އެރަށުގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުނުން އައްބާސްގެ ސަރުކާރަށް ތަބާ ވުމަށް ބާރު އެޅުމަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނެވެ.