ރެއާލް މެޑްރިޑް ދޫކޮށްލަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުން ވާކަން، އޭނާ ހާމަކަޮށްފައިވާ މައްސަލައިގައި، ރެއާލުން، އޭނާއާ ވާހަކަ ދައްކާނީ، ޕޯޗުގަލްއިން ވާދަ ކުރަމުން އަންނަ، ކޮންފެޑްރޭޝަން ކަޕަށް ފަހު ކަމަށް، ރެއާލްގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ޕޯޗްގަލް ޓީމާއެކު، ކޮންފެޑްރޭޝަން ކަޕަށް ރަޝިޔާގައި ހުރި ފޯވަޑް، ރެއާލްއާއެކު، އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރީ މިދޔަ އަހަރު ނޮވެމްބަރު މަހު އެވެ. ނަމަވެސް، ރޮނާލްޑޯގެ މައްޗަށް، ސްޕެއިންގެ ޓެކްސް އިދާރާއިން ކޮށްފައިވާ، ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތާ ގުޅިގެން، އެ މައްސަލަ ޝަރީއަތަށް ފޮނުވިތާ ދެތިން ދުވަސް ނުވަނީސް، ރޮނާލްޑޯގެ ފަރާތުން ވަނީ، އޭނާ ރެއާލް ދޫކޮށްލަން ބޭނުންވާ ކަން ހާމަ ކޮށްފަ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރޮނާލްޑޯ ވަނީ، ރެއާލް ދޫކޮށްލަން އުޅޭ ވާހަކަ، ޕޯޗްގަލްގެ އޭނާގެ ޓީމްގެ އެކުވެރިން ގާތު ބުނެފަ އެވެ. އިތުރު ދައުރަަކަށް، ރޭ ރަސްމީ ގޮތުން، ރެއާލްގެ ރައީސް ކަމާ ހަވާލުވި ޕެރޭޒް، ސްޕެއިންގެ ރޭޑިއޯ ޗެނަލަކަށް ދީފައިވާ އިންޓަވިއުއެއްގައި، ވަނީ، ރޮނާލްޑޯ އަށް ޝައުގުވެރިވާކަން، އެއްވެސް ޓިމަކުން ރެއާލް އަށް ހުށަހަޅާފައި ނުވާ ކަން ޔަގީންކޮށް ދީފަ އެވެ.
"އޭނާ [ރޮނާލްޑޯ] އަށް ކޮންމެވެސް ގޮތެއް ވެއްޖެ، ކޮންމެވެސް ކަމަކާމެދު އޭނާގެ ހިތް ހަމަ ނުޖެހުންތައް އެބަހުރި އަހަރެމެން ކުޅުންތެރިޔާއާ ވާހަކަ ދައްކާނަން، އަދި އަހަރެން ގަބޫލު ކުރާ ގޮތުގައި ރޮނާލްޑޯ ވެސް އެކަންކަން އަހަރެމެންނާ ހިއްސާ ކުރާނެ،" ޕެރޭޒް ވިދާޅުވި އެވެ.
ޕެރޭޒް ވިދާޅުވީ ރޮނާލްޑޯއާ ވާހަކަ ދައްކާނީ ކޮންފެޑްރޭޝަން ކަޕް ނިމުމަށް ފަހު ކަމަށާއި މިވަގުތު ރޮނާލްޑޯއާ ވާހަކަ ދައްކައި ޕޯޗްގަލް ޓީމަށް އުނދަގުލެއް ކުރިމަތި ވާކަށް އޭނާ ނޭދޭ ކަމަށެވެ.
"ރޮނާލްޑޯ ރެއާލް ދޫކޮށްލާނަމަ، އެކަން ބިނާވާނީ ފައިސާގެ މައްޗަކަށް ނޫން." ޕެރޭޒް ވިދާޅުވި އެވެ.