ދުނިޔެ

ހޫނު ގަދަވުމުން ޕޯޗުގަލްގެ އަލިފާންގަނޑު ވަރުގަދަ ވަނީ

ޕޯޗުގަލްގެ ޖަންގަލީގައި ރޯވެ، މީހުން އުޅޭ ސަރަހައްދުތަކަށް ފެތުރިފަައިވާ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތަށް ގަދަ ހޫނުގެ ސަބަބުން ހުރަސް އެޅެމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޕޯޗުގަލްގައި މިހަފުތާގައި ފިނިހޫނުމިން އެންމެ މަތިވާނެ ކަމަށް ބެލެވިފައި ވަނީ މިއަދު އެވެ. އެއީ 38 ޑިގްރީ ސެލްސިއަސް އަށެވެ. ފިނިހޫނުމިން މަތިވަމުން ދާއިރު ވައިވެސް ގަދަވާތީ މިހާރު ކޮންޓްރޯލް ކުރެވިފައިވާ އަލިފާން ގަނޑުތައް ވެސް އަނެއްކާ ވަރުގަދަ ވެދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ޕޯޗުގަލް އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ރޯވެފައިވާ އަލިފާންގަނޑުތަކުގެ 70 ޕަސެންޓް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި އެކަމަކު ނުނިވި އޮތް ބަޔާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

ޕޯޗުގަލްގެ މެދުތެރޭ ސަރަހައްދުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 64 އަށް އަރާފައެވެ. އެ އަލިފާނުގެ ސަބަބުން އެންމެ ފަހުން މަރުވީ ޒަހަމްތަކަށް ފަރުވާދެނިކޮށް ހޮސްޕިޓަލުގައި މަރުވި އުމުރުން 40 އަހަރުގެ އަލިފާން ނިވާ މީހެކެވެ. މަރުވި ގިނަމީހުން މަރުވެފައި ވަނީ އަލިފާން ރޯވެފައިވާ ސަރަހައްދު ދޫކޮށް ކާރުތަކުގައި ދަނިކޮށް ، ކާރުތަކުގައި ރޯވުމުގެ ސަބަބުންނެވެ.

ޕޯޗުގަލްގެ ވެރިރަށް ލިސްބަންގެ އިރު އުތުރުގައިވާ ޕެޑްރޮގާއޯ ގްރޭންޑް ނަމަކަށް ކިޔާ ޖަންގަލި ސަރަހަައްދުގައި ރޯވުމުން އެގައުމުގެ ސަރުކާރުން ވަނީ އެސަރަހައްދުގައި ކުއްލިހާލަތު އިއުލާންކޮށްފައެވެ. އެސަރަައްދުގައި އަލިފާން ރޯވީ ހޮޅުއެޅުމުގެ ސަބަބުން ކަަމަށް ވަނީ ބެލެވިފައެވެ.