ހަބަރު

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ގާނޫނުތަކެއް ހަަދަނީ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް އަނބުރާ ހޯދަން ގާނޫނުގައި ހުރި ބައެއް ބަލިކަށި ކަންތައް ހަރުދަނާ ކުރަން ދެ ގާނޫނެއް ޑްރާފްޓް ކުުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ހަމައެކަނި މީރާ މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެހެން ކަމުން އިންސޯލެންސީ ލޯއެއް އަދި ޑީކެންސީ ލޯ އެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަވަސް މުސްތަގުބަލެއްގައި އެގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

އަނިލް ވިދާޅުވީ އެ ގާނޫނު ތަކުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޝަރީއަތުން ކަނޑައަޅާ ގޮތަށް ނުދައްކައިފި ހާލަތެއްގައި އެ ފަރާތެއް ބަނގުރޫޓުވާނެ ނުވަތަ އިންސްޓޯލްމަންޓް ވާނެ ގޮތް ކަނޑައެޅުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ފައިސާ އަނބުރާ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ.

"އޭގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ވަކި މުއްދަތެއް ވަންދެން އެމީހާ ވިޔަފާރި ނުކުރެވޭ ގޮތަށް ނުވަތަ އެކުންފުނިން ވިޔަފާރިނުކުރެވޭ ގޮތަށް އެހެން ގައުމުތަކުގެ ގާނޫނުގަިއ ހުރި ގޮތަށް އެބަ ގެންނަން." އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ އޮޑިޓް ރިޕޯޓުތައްކުން ދައްކާފައިވާ މައްސަލަތަކުންވެސް ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި ކަމަށެވެ. އެގޮތުން މިހާރުވެސް އޭގެ ހަތަރު މައްސަލައެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން އަންގާފައިވާނެ ކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ އޮޑިޓްތަކަށް ބަލާއިރު ލޯނުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފައި ހުރި ގިނަ އަދަދެއްގެ ފައިސާ އަނބުރާ ނުލިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭސީސީ އިން ތަހުގީގުކޮށް 66 މައްސަލައެއް އޭޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށާއި އެ މައްސަލަތަކު ތެރެއިން 10 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުންނާއި ވުޒާރާތަކުން ހިންގާ އެކިއެކި މުއާމަލާތަތްކުން ސަރުކާރަށް ލިބެންޖެހޭ ފައިސާގެ އަދަދު 57 މިލިއަން ރުފިޔާއަށް އަރާއިރު އެ ފައިސާ ހޯދުމަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން 30 މިލިއަނެއްހާ ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.