ދުނިޔެ

އެމެރިކާގެ 200 މިލިޔަން މީހުންގެ ޒާތީ މައުލޫމާތު އާއްމުވެއްޖެ

Jun 20, 2017
1

އެމެރިކާގެ ގާތްގަނޑަކަށް 200 މިލިޔަން މީހުންގެ ޒާތީ މައުލޫމާތުތަކެއް އެގައުމުގެ ކުންފުންޏަކުން އޮޅިގެން އާއްމުކޮށްފި އެވެ.

ބީބީސީއިން ބުނީ އެމެރިކާގެ މުޅި އާބާދީގެ ގާތްގަނޑަކަށް 62 ޕަސެންޓް މީހުންގެ އުފަަން ދުވަހާއި ފޯނު ނަމްބަރުތަކާއި ސިޔާސީ ގޮތުން އެމީހުން ދެކޭ ގޮތް ފަދަ ޒާތީ މައުލޫމާތުތައް ހިމެނޭ 1.1 ޓެރަބައިިޓްގެ ލިޔެކިއުންތައް އާއްމުކޮށްލެއްވިފައި ވަނީ އެމެޒޯން ކްލައުޑް ސާވާގައި ކަމަށެވެ. ބޭނުން ކޮންމެ މީހަކަށް ވަދެވޭ ގޮތަށް އެ މައުލޫމާތު އެމެޒޯން ކްލައުޑް ސާވާއަށް ދޫކޮށްލެވުނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ނެޝަނަލް ކޮމިޓީން ކުއްޔަށް ހިފާފައިވާ މާކެޓިން ފާމަކަށެވެ.

ޑީޕް ރޫޓް އެނަލިޓިކްސް ނަމަކަށް ކިޔާ ކުންފުންޏަށް އޮޅިގެން އެ ލިޔެކިއުންތައް އާއްމުކޮށް ދޫކޮށްލެވިފައިވާކަން ދެނެގަތީ އަޕްގާޑް ނަމަކަށް ކިޔާ ކުންފުންޏެއްގައި ސައިބާ ރިސްކް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ކްރިސް ވިކެރީ ނަމަކަށް ކިޔާ މީހަކަށެވެ. ބެލެވޭ ގޮތުގައި ޑީޕްރޫޓް އެނަލިޓިކްސް އިން އެ މައުލޫމާތުތައް ހޯދާފައި ވަނީ ތަފާތު ގިނަ މަސްދަރުތަކަކުންނެވެ. އެގޮތުން ބޭނުންކޮށްފައިވާ އެެއް މަސްދަރަކީ ސޯޝަލް ނެޓްވޯކް ރެޑިޓް ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ސްޕްރެޑްޝީޓްތަކެއްގައިވާ އެ މައުލޫމާތުތައް އެންމެ ފަހުން އަޕްޑޭޓްކޮށްފައި ވަނީ ރިޕަބްލިކަން ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ ރައީީސް ޑޮނަލްޑް ޓްރަމްޕް ހުވައިކުރެއްވި އިރު، މިދިޔަ ޖެނުއަރީ މަހުއެވެ. އޭރު އަޕްޑޭޓްކުރި މައުލޫތުތައް، މީހުންނަށް ވަދެވޭ ގޮތަށް އޮންލައިންކޮށް ބެހެއްޓިފައި ހުރީ ކިހާ މުއްދަތަކަށް ކަމެއް ނޭނގެއެވެ.

ޑީޕްރޫޓް އެނަލިޓިކްސް ކުންފުނިން ޓެކްނޮލޮޖީ ވެބްސައިޓް ގިޒްމޯޑޯއަށް ބުނެފައި ވަނީ މައުލޫމާތު އާއްމުވީ މައްސަލައިގެ ފުރިހަމަ ޒިންމާ އުފުލާ ކަމަށެވެ.

"މިހާލަތުގެ ފުރިހަމަ ޒިންމާ އަހަރެމެން އުފުލަން. އަހަރެމެންނަށް މިހައިތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އަހަރެމެންގެ ސިސްޓަމްތައް [ބަޔަކު] ހެކްކޮށްފައިވާ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޑީޕްރޫޓް އެނަލިޓިކްސްގެ ބާނީ އެލެކްސް ލިއުންޑްރީ ގިޒްމޯޑޯއަށް ބުނެފައި ވެެއެވެ.

އޭނާ އަދި ބުނެފައި ވަނީ އެކަންތައް އެހެން ހިނގިކަން ކުންފުނީގެ ސަމާލުކަމަށް އައުމާއި އެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ލިޔެކިއުންތަކަށް އިތުރަށް ނުވަދެވޭ ގޮތް ހަދާފައިވާނެ ކަމަށެވެ.