ދުނިޔެ

ސާރިދޯޅެއްގެ ހަމަލާއެއްގައި އެމެރިކާ ކުއްޖަކު މަރުވެއްޖެ

Jun 20, 2017

އެމެރިކާގެ އެލަސްކާގެ ފަރުބަދަމަތީ ސަރަހައްދެއްގައި އޮތް ދުވުމުގެ ރޭހެއްގައި ބައިވެރިވެގެން އުޅުނު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަޅު ސާރިދޯޅެއް ދިން ހަމަލާއެއްގައި އޭނާ މަރުވެއްޖެ އެވެ.

ސްކައި ނިއުސް އިން މިއަދު ބުނީ ޕެޓްރިކް ކޫޕާ ނަަމަކަށްް ކިޔާ އެ ކުއްޖާގެ ފަހަތުން ސާރިދޯޅެއް އަންނަަ ވާހަކަ އޭނާގެ ބޭބެއަށް ގުޅާފައި ބުނި ކަމަށެވެ. އެ ހިސާބުން އެހެން ދުވުންތެރިން ކުރި މަސައްކަތުން ކޫޕާ ފެނުނީ ގަޑިއިރު ތަކެއް ފަހުން ކަމަށާއި ހޯދުނީ ފޯނުގައިވާ ޖީޕީއެސްގެ އެހީގައި ކަމަށް އެ އެޖެންސީން ބުންޏެވެ.

ކޫޕާގެ ފުރާނަނެތް ހަށިގަނޑު ފެނުނު އިރު އޭނާއަށް ހަމަލާދިން ސާރިދޯޅު އެތަނުގައި އޮތެވެ. ކޫޕާގެ ހަށިގަނޑު ހޯދި ދުވުންތެރިން އެހިސާބުން ރޭސް ޑައިރެކްޓަރަށް އެންގީ އެމީހުންނަށް ހަތިޔާރެއް ބޭނުންވާ ކަމަށެވެ. ދެން ޕާކް ރޭންޖާއެއްގެ ގޮތުގައި މަސަައްކަތް ކުރާ މީހަކު އެތަނަށް ގޮސް، ސާރިދޯޅުގެ ގަޔަށް ބަޑި ޖެހި ނަމަވެސް، އޭތި ވަނީ މަރުން ސަލާމަތް ވެގެން ފިލާފައެވެ.

ކޫޕާއަށް ހަމަލާދިން ސާރިދޯޅު ހޯދަން ރޭންޖާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން ބޭނުންވަނީ އޭތި މަރައިލާށެވެ.