(18 ޖޫން 2017 އާ ގުޅޭ)
ހުދުކުލައިގެ ކަރުދާހުގައި ހަދާފައިވާ އެ މަލުގެ އެތެރޭގައި އިނގިރޭސިން ލިޔެފައި ހުރިތަން ފެނުނެވެ. ގަލަމު ދެލިން ލިޔެފައި ހުރި ލިޔުމެއްކަން ޔަގީންވުމާއެކު އައިރާ އެ މާ ރޫޅާލި އެވެ. އެއާއެކު އޭނާއަށް ފެނުނީ ކަރުދާހުގައި ލިޔެފައިވާ ނޯޓެވެ.
އިނގިރޭސި ބަހުން ލިޔެފައިވާއިރު އަކުރުތައް ލިޔުމުގައި އަވަސްކަމާއި އެއްއަކުރު އަނެއްއަކުރާ ގުޅުވާފައި ވެއެވެ. ވަކި މީހަކަށް އެޑްރެސްކޮށްފައެއް ނުވެއެވެ. ހައިރާންވެފައި ހުރެ އަނެއްކާ ވެސް އައިރާއަށް ބަލާލެވުނީ ކުޑަދޮރުން ބޭރަށެވެ. އެވަރުން ނުފުދުނެވެ. ކޮޓަރިން ނުކުމެ އިމާރާތުން ބޭރަށް ވެސް ނުކުތެވެ. އިމާރާތުގެ ދެފަރާތް ބެލިއެވެ. މީހަކު ނުފެނުނެވެ. ކުދި ވިނަ އިންދާފައި އޮތުމުން މީހެއްގެ ފިޔަވަޅުގެ ނިޝާނެއްހާ ހިސާބު ވެސް ނެތެވެ. އަތުގައި އޮތް ކަރުދާސް ގަނޑަށް ބަލާލާފައި އެނބުރި އައިސް ކޮޓަރިއަށް އައިރާ ވަނެވެ. އެނދުގައި ހަމަޖެހިލުމާއެކު ކަރުދާހުގައިވާ ލިޔުންކޮޅު ކިޔާންފެށިއެވެ.
"ރީތި އަސަރުގަދަ ކަޅިރަވައެއް ދުށީމެވެ. އެ ރަވައިގެ ތެރޭގައި ވިދަމުންދިޔަ ކަރުނައިގެ މުތީ ވެސް ދުށީމެވެ. ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. އެކަން އެ ދެލޮލުގައި ވި ކަރުނަ ސާބިތު ކޮށްދެއެވެ. ތުނި ދެތުންފަތް ފެނި ފިޔައެއްގެ މަލްމަލްކަން ހިތަށް ވަދެގެން ދިޔައެވެ. އެ އޮމާންކަމާއި މަޑުކަމެވެ. ނަމަވެސް އެ ތުންފަތުން ފެނުނީ އުފާވެރިކަމެއް ނުވާ ހިނިތުން ވުމެކެވެ. ފޮރުވަމުން ދިޔަ ހިތުގެ ޒަޚަމްތައް އެ ތުންފަތުން ބޭޒާރު ކުރިޔަ ނުދީ ހިފަހެއްޓި އެވެ. ފެންކަޅިވަމުންދާ ދެ ލޮލަށް ވެސް އޮޅުވާލަމުންނެވެ. ގާތުގައި އެތައް ބަޔަކު ހަރަކާތްތެރި ވިއެވެ. އެމީހުންގެ ވާހަކަތަކުގައި ބައިވެރި ވެސް ކުރިއެވެ. ނަމަވެސް އެ އެންމެންގެ ތެރޭގައި ވެސް އެކަނިވެރިކަން އޭނާއާ ވަކިވެގެން ނުދިޔައެވެ. މުޅި ދިރިއުޅުން ފުނޑުފުނޑުވެ ނާއުންމީދުވެފައި ވެއެވެ. އެހެންނަމަވެސް ވެރި ރަސްކަލާނގެ މަދަދަށް އެދި ދެއަތް އުފުލާލަން ހަނދާނެއް ނުނެތެއެވެ. ކަނިވަމުންދިޔަ ނަމަވެސް އުންމީދުގެ ހުޅުކޮޅު އަދި ނުނިވެއެވެ. ޚަރީފު މޫސުމުގައި ގަސް އެކަނިކޮށްލާފައި ފަތްތައް ވަކިވެގެން ދެއެވެ. އެއީ ވަގުތީ ވަކިވުމެކެވެ. ބަހާރު މޫސުމާއެކު ގަހަށް އާރޯކަން އެނބުރި އާދެއެވެ. ހިތާމައަކީ ވަގުތީ އިހުސާސެކެވެ. ފުންވެފައިވާ ހިތާމަ ބޮޑުނަމަ ލިބެން އުޅޭ އުފާވެރިކަން ބޮޑީ އެވެ. ކަލާނގެ މިންވަރުފުޅު މަތިވެރިވެ ވޮޑިގެންވެއެވެ. ތަޤުދީރުގެ ސަމާސާތަކަށް ހިތްބަރު ނުކުރާށެވެ. އަތުން ބީވެ ދިޔަ އުފާވެރިކަން ހިތުގައި ރައްކާ ކުރާށެވެ. އެ ހަނދާންތަކާ ވަކިވުމެއް ނުވެއެވެ. އޭގެ ބަދަލުގައި ދެއްވި ނިޢުމަތާމެދު ވިސްނަމާ އެވެ. ދުނިޔޭގެ ރޭވުން އެނގެނީ ކާކަށް ހެއްޔެވެ. ރާސްތާ ގެއްލިފައިވާ މުސާފިރާ ހަމައަށް ބަރަކާތުގެ ހިޔާ އެޅިގެން ދާނީ ކޮންވަގުތަކު ކިހިނެއްކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. ހުއްޓިފައިވާ ފިޔަވަޅުތައް ކުރިއަށް އަޅާ ހިނގައިގަންނާނީ އަމިއްލައަށެވެ. ރާސްތާގެ ނިމުންވަނީ އިންސާނާގެ ފަހު ނޭވާއާ ހަމައަށެވެ. އިންތިޒާރު ކުރާށެވެ. ކަނޑައެޅިފައިވާ ވަގުތު ޖެހެންދެންނެވެ. އުންމީދާއި ހިތްވަރު ގެއްލުވާ ނުލާށެވެ. އަނިޔާވެރިކަމާއި ކެހެވެރިކަމަށްވުރެ މިންވަރު ކުރެއްވި ނިޢުމަތް މަތިވެރިވެއެވެ. އިންތިޒާރު ކުރާށެވެ. ވަގުތު ބަދަލުވާނޭ އިރަށެވެ. ހިތާއި ނަފްސު ހުޅުވާށެވެ. އަންނަން އުޅޭ އުފާވެރި ކަމަށެވެ. އިންތިޒާރު ކުރާށެވެ. މުސްތަޤުބަލް ނޭނގާހާލު ވެސް އެވެ. އިންތިޒާރު ކުރާށެވެ. އިންތިޒާރު ކުރާށެވެ."
އެތައް އިރަކު ކަރުދާސްގަނޑާ ދިމާއަށް ބަލަހައްޓައިގެން އައިރާއަށް އިނދެވުނެވެ. ލަފުޒުތަކުގެ އެތުރުންތަކާއި މާނައާ މެދު ފުންކޮށް ވިސްނުނެވެ. އެ ވާހަކަތައް އޭނާއަށް ރައްދުވާ ކަހަލައެވެ. އެކަމަކު އެފަދަ ކަމެއް ކުރާވަރު އެ ގޭގައި ހުރީ ކާކުބާއެވެ. އޭނާގެ ހާލާ މެދު ވިސްނާ ފިކުރުކުރާ މީހަކީ ހަމައެކަނި މަރިޔަންދީ އާއި ދެން އުޅޭ ނޯކަރުންނެވެ. އެހެންނަމަވެސް އެމީހުން އައިރާއާ އެފަދަ ސަމާސާއެއް ކޮށްފާނެބާއެވެ. އެ ޚިޔާލުގައި އައިރާއަށް އިނދެވުނެވެ.
* * *
ފުރައިގެން އެމެރިކާއަށް އައި ލޫކަންގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެކަން ދެނެގަތީ އޭނާއާއެއްކޮށް އުޅޭ އެލެކްސް އެވެ. ހަމަ އެއާއެކު ލޫކަންގެ ދުރުކަން އިހުސާސް ކުރެވުނީ މާޔާއަށެވެ. ލޫކަން އެނބުރި އައުމުން އޭނާގެ އެޕާޓްމެންޓުގައި ރައްޓެހިންނަށް ކުޑަ ޕާޓީއެއް ބޭއްވިއެވެ. އެ ޕާޓީގައި އެލެކްސްއާއި ލޫކަން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އޭނާ މިހާރު ގަސްދުކުރަނީ ރާއްޖެއަށް ބަދަލުވާށެވެ. ވަޒީފާއިން ވަކިވެގެންނެވެ. އެފަދަ ބޮޑު ނިންމުމެއް ނިންމަން އެލެކްސް ޤަބޫލެއް ނުވިއެވެ. އޭނާ ވިސްނައިދިނީ ލޫކަންގެ ދިރިއުޅުން އޮތީ އެމެރިކާގައި ކަމެވެ. ވަޒީފާގެ މަތީ މަޤާމެއްގައި ހުރެފައި ވަކިވެގެން ދިއުމަކީ މޮޔަ ކަމެއް ކަމުގަ އެވެ. ލޫކަންގެ ހުރިހާ ނިންމުމެއްގެ ފަހަތުގައިވި ހަޤީޤަތް އެލެކްސްއަށް އޮޅުންފިލި ހިނދު އޭނާ ލޫކަންގެ ވާހަކަ އަޑުއެހިއެވެ.
"ލޯބި ނޫނޭ ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން. ތި ހަމްދަރުދީއަށް އަހަރެން ދޭނެ ނަމަކީ ހަމަ ލޯބި. މޭން! ލޫކް!... އެ އަންހެންކުއްޖާދެކެ ލޫކް ލޯބި ނުވާނަމަ ތިވަރުގެ ބޮޑު ނިންމުމެއް ނުނިންމާނެ. މިހާ ދުވަހު ލޫކް ކުރި މަސައްކަތާއި އުޅުނު ތަން ދޫކޮށްލާފައި ދާން ތި ނިންމީ ކުޑަދުވަސްކޮޅަކު ފެނިލި އަންހެންކުއްޖަކަށް ޓަކައި. ލޯބީގެ ބާރުގަދަކަން އަދި ލޫކްއަށް ނޭނގެނީ. އިންސާނާ ހީވެސް ނުކުރާ ފަދަ ބޮޑެތި ކަންކަން އެމިހާ ލައްވާ ކުރުވާ އެއްޗެއް ލޯތްބަކީ. ތި ހުރީ ހަމަ ރަނގަޅަށް ވެސް އެ އަންހެން ކުއްޖާދެކެ ލޯބިވެވިފައި" އެލެކްސް ހޭން ފެށިއެވެ. ރަކިވެފައި އިންހެން ލޫކަން އިންނަން ފެށުމުން އޭނާގެ ބުރަކަށީގައި ތަޅައިގަންނަމުން އޭނާގެ ގައިގާ އެލެކްސް ބައްދާލި އެވެ. އޭރު ދޮރުމަތީ ހުރި މާޔާ އަވަސް އަވަހަށް އެއްފަރާތްވެލިއެވެ. އެލެކްސްއާއި ލޫކަން ދެއްކި ވާހަކަތައް އިވި އެ މީހުންނާ ކުރިމަތިލާން މާޔާ ބޭނުން ނުވީއެވެ. އޭނާގެ ހިތަށް ކުރި އަސަރުންނެވެ.
ޕާޓީއަށް އައިސް އުޅުނު ރައްޓެހިންތައް އެނބުރި ގެއަށް ދިއުމުން އެލެކްސްއާއި ލޫކަންއާ ވެގެން ހަޑިވެފައި އޮތް އެޕާޓްމެންޓު ސާފުކުރުމުގެ މަސައްކަތް ފެށިއެވެ. މާޔާ އެނބުރި ދާން އުޅޭން ފެށުމުން ލޫކަން އޭނާއަށް ގޮވާލިއެވެ.
"މާޔާ! ދަނީތަ؟ ކެބްއެއް ހޯދައިދޭންތަ؟" ލޫކަން އަހާލި އެވެ.
"ރަނގަޅުވާނެ. އަހަރެން އެކަނި ހޯދާލަފާނަން. ބާއި" ލޫކަންއާ ހަތަރުކަޅި ބައްދަލުވެދާނެތީވެ މާޔާ އުޅޭހެން ހީވިއެވެ. އޭނާ ކޮންމެވެސް ކަމަކާ މާޔޫސްވެފައި ހުރިކަން ލޫކަންއަށް އެނގުނެވެ.
"އޯކޭ. ގުޑްނައިޓް... ސީ ޔޫ ޓުމޯރޯ" އެޕާޓްމެންޓުގެ ދޮރުފަތުގައި ހިފަހައްޓާލައިގެން މާޔާއަށް ބަލަން ހުރެ ލޫކަން ބުންޏެވެ.
ޖެހިގެން އައި ދުވަހު ހޮސްޕިޓަލަށް ނުކުތުމާއެކު ލޫކަން މަސައްކަތްކުރާ ޑިޕާޓްމެންޓުގެ ވެރީންނާއި އިސް ޑަކްޓަރުންގެ އޭނާއަށް މަރުޚަބާ ކިޔެވެ. އޭނާގެ މަސައްކަތައް އެނބުރި އައުމުން އެންމެން ވެސް ތިބީ އުފަލުންނެވެ. ލޫކަން އެންމެ ދުވަހެއް ވެސް މަޑުކުރުމެއްނެތި އޭނާގެ ވެރީންނާ ބައްދަލުކުރިއެވެ.
"ވަރަށް ދެރައްވެއްޖެ ލޫކް ފަދަ ޑަކްޓަރަކު އަހަރުމެންނާ ވަކިވާން ގަސްދު ކުރާތީ. ލޫކްގެ ޕްރެކްޓިސް ހުއްޓާލަނީތަ؟" ޑިޕާޓްމެންޓު ހެޑް އެންޑްރޫ ވާހަކަ ދެއްކިއެވެ.
"ރާއްޖޭގައި ސެޓްލްވާނީ ދެން. އެކޮޅުގެ ހޮސްޕިޓަލަކާ ގުޅޭނީ. ޕްރެކްޓިސް ކުރުން ހުއްޓައެއް ނުލާނަން" ލޫކަން ބުންޏެވެ.
އެންޑްރޫގެ ލަފާއާއެކު ލޫކަން ވަޒީފާއިން ވަކިވުމަށް ސިޓީ ލިއެވެ. އޭގެ ފަހުން ތިން ދުވަސް ފާއިތުވެ ދިޔައެވެ. ޖަވާބު ދިނުމުގެ ކުރީން ބޯޑުގެ ކުރިމައްޗަށް ލޫކަން ހާޟިރުކުރީ ހަތަރުވަނައަށް ވީ ދުވަހުއެވެ. އޭނާއާ އެތައް ސުވާލުތަކެއް އެމީހުން ކުރިއެވެ. ލޫކަންގެ ޚިޔާލު ބަދަލުކުރުމަށް އެމީހުން ބޭނުންވި އެވެ. ވަގުތުން ވަކިކޮށްދެވެން ނޯންނާނެކަމުގައި ބުންޏެވެ. އެވަރުން ވެސް ލޫކަންގެ ނިންމުމަށް ބަދަލެއް ނައެވެ. ލޫކަންއާ ބައްދަލު ކުރުމަށްފަހު އޭގެ ހަފްތާއެއް ފަހުން އޭނާއަށް ސިޓީ ލިބުނެވެ. އެއްމަސް ދުވަސް ފަހުން ވަޒީފާއިން ވަކިކޮށްދޭ ގޮތަށް އޮތެވެ. އެހާ ދުވަހު ވެސް އެތަނުގައި ހުންނާން ލޫކަންއަށް ބޮޑުކަމަކަށް ވިއެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. ޝުކުރުވެރިވިއެވެ.
"މާޔާ. މިރޭ އަހަންނާ ބައްދަލުކޮށްލަ ފާނަންތަ؟ އަހަރެން އައި ފަހުން މާޔާ ހާދަ ބިޒީއޭ. ބްރޭކް ގަޑީގައި ވެސް ދިމާނުވޭ" ޑީއުޓީ ނިންމާފައި ގެއަށް ދިއުމުގެ ކުރީން ހުރިހާ ޑަކްޓަރުންގެ ބްރީފިން ކުރިއަށްދިޔަ ކޮޓަރިތެރޭ އިނދެފައި ލޫކަން ބުންޏެވެ. އޭނާއާ ޖެހިގެން އިން މާޔާ ވަކި އެއްޗެއް ނުބުނެ ލުއި ހިނިތުންވުމެއް ބަދަލު ކޮށްލިއެވެ. އެންމެން ނުކުންނަން ފެށުމުން ލޫކަން އާއި މާޔާ ވެސް ކޮޓަރިން ނުކުތެވެ. އޭނާ މާޔާގެ އަތުގައި ހިފާ ހުއްޓުވި އެވެ.
"އަހަރެން ވާހަކަ އެއް ދައްކަން ބޭނުން" ލޫކަންއާ ހަތަރުކަޅި ބައްދަލުވި ހިނދު އޭނާއަށް ނޫނެކޭ ބުނާނެ ހިތްވަރެއް މާޔާގެ ނެތެވެ. މަޑުމަޑުން އޭނާ ބޯޖަހާލީއެވެ.
"ސެވަންތާޓީގައި އަހަރެންގެ އެޕާޓްމެންޓަށް އާދޭ. ޑިނާ ކުރާނީ އެކީގައި" ލޫކަން ހިނިތުންވެލިއެވެ. މާޔާ ވެސް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ލޫކަން ހިނގައިގަތީ މާޔާ އަންނާނެކަން ޔަގީންވީމައެވެ.
އަމިއްލައަށް ކެއުމެއް ތައްޔާރުކޮށް ކާމޭޒުމަތީ ތަށިތައް އަތުރަމުން ލޫކަން ދިޔައެވެ. ދޭތެރެއަކުން ކޮނޑަށް އެއްލާފައި އޮތް ތުވާލި ކޮޅުން ދެއަތް ފުހެލައެވެ. އަތްމަތި އަވަސްކޮށްލާފައި އުޅުނުއިރު ބަދިގެތެރޭގައި ހަޑިވެފައި ހުރި ތަށިތައް ގިނަވެފައި ވެއެވެ. ސުފުރާމަތި ތައްޔާރުވުމުން ލޫކަން އަވަސްވެލީ އަމިއްލަ މީހާ ތައްޔާރުވެލުމަށެވެ. ކޮނޑުގައި އޮތް ތުވާލިކޮޅު ނަގާ ކަބަޑުސެޓުމަތީ ބާއްވާލުމާއެކު ލައިގެން ހުރި ޓީޝާޓުން ވަސްބަލާލިއެވެ. ކާއެއްޗެހީގެ ވަސް ނުދިވިނަމަވެސް ލޫކަން ނިކަން އަވަހަށް ކޮޓަރިއަށް ވަދެ ޓީޝާޓު ބަދަލުކޮށްލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު އޮމާންކޮށް މައްޗަށް ހުޅިއެއްހެން އައްސާލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލި ހިނދު ބެލްޖަހައިފިއެވެ.
އެތެރެއަށް ވަން މާޔާއަށް ގޮވާލުމާއެކު އޭނާގެ ގައިގާ ލޫކަން ބައްދާލާ ކޯތާފަތުގައި ބޮސްދިނެވެ. ރޭގަނޑުގެ ކެއުން ހުރީ ތައްޔާރަށް ކަމުގައި ބުނެ އެތެރެއަށް އިޝާރާތްކޮށްލިއެވެ. އެޕާޓްމެންޓުގެ ދޮރުލައްޕާފައި އައިސް ކާމޭޒު ދޮށުގައި ދެމީހުން އިށީނދެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ލޫކަންގެ ކެއްކުމުގެ ރަހަތަކާ ގުޅޭގޮތުން އޭނާ ސުވާލުކުރިއެވެ. ލޫކަންގެ ވާހަކަތަކަށް އެއްޗެއް ނުބުނެ މާޔާއަށް ނީނދެވުނެވެ. ކެއުމަށްފަހު ލޫކަން ހޮސްޕިޓަލުން އަންނަމުން ގަނެގެން އައި ބިޔަރުފުޅި މާޔާއަށް ދިއްކޮށްލިއެވެ. ދެ މީހުން އެކުގައި އައިސް ސޯފާގައި އިށީނެވެ.
"އަހަންނަށް އެކަނިތަ؟" ލޫކަންގެ އަތުގައި އޮތް ފެންފުޅި ފެނި މާޔާ ސުވާލުކޮށްލިއެވެ.
"އާން! އަހަރެން ހުއްޓާލީ" ލޫކަން ބުންޏެވެ.
"ކީއްވެ؟" މާޔާ އެހިއެވެ.
"އަހަންނަކީ ކާކުކަން އެނގުނީ އަދިކިރިޔާ. އަހަރެންގެ އުޅުން ބަދަލުކުރާން ބޭނުންވީ. ރަނގަޅުގޮތް ނޫންކަން އެނގޭ ހިނދުން ފެށިގެން އެކަމެއް ހުއްޓާލަންޖެހޭނެ. މާޔާ. އަހަރެންގެ ފަރާތުން މާޔާ ދެރަވާވަރުގެ ކަމެއް ކުރެވިފައިވާނަމަ އަހަންނަށް މާފުކޮށްދީ. އަހަރުމެން ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން އެއީ ބާއްވައިގެން ނުވާނެ ގުޅުމެއް. އެންމެ ފުރަތަމަ ދުވަހު ވެސް އެކަމަށް ނޫނެކޭ ނުބުނެވުނީތީ އަހަންނަށް މާފުކުރޭ"
"ލޫކްއާއެކު ހޭދަކުރި އެއްވެސް ވަގުތަކާމެދު އަހަރެން ރިގްރެޓްއެއް ނުވަން. ލޫކްއަށް އެނގޭނެ އަހަންނަށް ލޫކްއާމެދު ފީލްވަނީ ކިހިނެއްކަން" މާޔާ އިނީ ލޫކަންއަށް ސީދާ ބަލާށެވެ.
"ޕްލީޒް. ނުބުނާތި މާޔާ އަހަރެންދެކެ ލޯބިވިއްޔޭ. އަހަރެން ބޭނުމެއްނޫން މާޔާގެ ހިތްހަލާކުކޮށްލާފައި ދާ މީހަކަށްވާކަށް. އަހަރެން މިއުޅެނީ ރާއްޖެއަށް ބަދަލުވާން ވެގެން. އުމުރުގެ ބާކީ އޮތް ދުވަސްތައް އެކޮޅުގައި ހޭދަކުރާން ބޭނުންވަނީ. އަހަންނަކަށް ނެތް މާޔާއާ ގުޅެވޭކަށް. އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދަންބޭނުންވާ ގޮތައް ކުރިއަކަށް ނުދާނެ އަހަރެން މިކޮޅުގައި ހުރެއްޖެނަމަ. ވަޒީފާއިންގައި ދެން ހުންނަނީ މި މަސް ނިމެންދެން. މާޔާ! އަހަރެންނާމެދު މާޔާގެ ހިތުގައި ނަފުރަތު އޮންނާކަށް އަހަރެން ނޭދެން. ތީ މެޑިކަލް ކޮލެޖުން ފެށިގެން އަހަންނާއެކު އުޅުނު އަހަރެންގެ ބެސްޓް ގާލްފްރެންޑް. ވަދާޢުކިޔަން ބޭނުންވަނީ ދެ އެކުވެރިންގެ ގޮތުގައި" ފެންފުޅި އަތައް ލައިގެން އިނދެ ލޫކަން ވާހަކަދެއްކިއެވެ.
"އަހަންނަށް އެނގޭ ލޫކް ދާން އުޅޭކަން. އެކަމަކު ކީއްވެ އަހަރެން ގާތުގައި ނުބުނެ އެލެކްސް ގާތުގައި ބުނީ" ހިތައް ކުރި އަސަރު ފޮރުވާލަމުން މާޔާ ޝަކުވާކުރިއެވެ.
"ވަޓް... މާޔާއަށް އަޑުއިވުންތަ؟" ލޫކަންއަށް ލިބިފައިވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.
"ލޫކްއަށް ތިހާ ބޮޑު ބަދަލެއް ގެންނަހާ އެ އަންހެންކުއްޖާ ޚާއްޞަތަ؟ ދިއުމުގެ ކުރީން އަހަންނަށް އޭނާ ނުދައްކާނަންތަ؟" މާޔާ މަޑުމަޑުން ބުންޏެވެ.
"އެއީ ތަފާތު ކުއްޖެއް. ފޮޓޯއެއްހާ ހިސާބު ވެސް އަތަކުނެތް. އެކަމަކު ހިތްހުޅުވައިފިއްޔާ އެ ސޫރަ ފެނިދާނެ. އަހަރެންގެ ދެލޮލުން ބަލައިފިއްޔާ އެ ސޫރަ ފެނިދާނެ" ލުއި ހީނލުމަކުން ލޫކަން ހީނލިއެވެ. އެ ހީނލުން މާޔާގެ ހިތައް ތަދުކުރިއެވެ. އޭނާ މަޑުމަޑުން އައިސް ލޫކަންގެ އުނގަށް ވަދެ އޭނާގެ މޭގައި މޫނު ފޮރުވާލަމުން ބައްދާލިއެވެ.
"އަހަރެން ވަރަށް ހަނދާންވާނެ ލޫކްމަތިން. ލޫކް ބުނީތީ އަހަރެން އެ ލަފްޒުތަކެއް ނުބުނާނަން. އެކަމަކު އަހަރެން ލޫކް ދެކެ..." މާޔާގެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އޭނާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ލޫކަންގެ ދެއަތުން މާޔާ ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ލޫކަން ފިރުމާލިއެވެ.
މާޔާ އުޅޭ އެޕާޓްމެންޓް އިމާރާތާހަމައަށް އޭނާއާއެކު ލޫކަން އައެވެ. ލޫކަންއާ ވަކިވެގެން މާޔާ ދިޔައީ އެހާ ގާތްކޮށް ދެމީހުންނަށް ބައްދަލުކުރެވޭނެ މީ އެންމެ ފަހު ފަހަރުކަން މާޔާ ޤަބޫލުކޮށްގެން ހުރެއެވެ. އެރޭ ލޫކަންއަށް އައިރާގެ ޚިޔާލުތައް ކުރެވުނުލެއް ގިނައެވެ. މާޔާއާއި އައިރާ ދެމީހުން ފަރަގުކުރެވުނެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އައިރާއަށްވުރެ ވެސް މާޔާ ރީތިވެފައި ފުރިހަމައެވެ. އެހެންނަމަވެސް އައިރާގެ ހުންނަ ފަދަ މަޑުމައިތިރި ގޮތެއް ނުހުރެއެވެ. ނޫނީ ރުހުމުގެ ލޮލަށް އެ އައިބުތައް ފޮރުވިފައިވަނީ ކަންނޭނގެއެވެ.
ލޫކަންގެ ނިންމުންތަކަކީ އޭނާގެ އަމިއްލަ ނިންމުންތަކެކެވެ. އެ ނިންމުމުގެ ހަޤީޤަތް އެނގޭ ތިބީ އެލެކްސާއި މާޔާއާ ދެމީހުންނެވެ. ފުރާން ޖެހޭ ދުވަސް ގާތްވެއްޖެއެވެ. ލޫކަންގެ އެޕާޓްމެންޓުތެރޭގައި އެލެކްސާއި މާޔާ ހަރަކާތްތެރިވަމުންދިޔައެވެ. އެންމެން ވެސް ފޮށި ފޮށްޓަށް އެއްޗެހި އަޅަނީއެވެ. ރާއްޖެއަށް ބަދަލުވާއިރު ލޫކަންގެ އަތުގައި ގެންނަން ހުރީ ހުސް ފޮތެވެ. އެޕާޓްމެންޓުގައި ހުރި ފަރުނީޗަރުތައް އެލެކްސާއި މާޔާއަށް ހަވާލުކުރީއެވެ. އެމީހުން ބޭނުންގޮތެއް ހެދުމަށެވެ.
"ކިރިޔާ މި އާދެވުނީ. ކޮބާ ރެޑީތަ؟" ލޫކަން އެއަރޕޯޓަށް ދާން އޮތް ގަޑިއަށް އެލެކްސް އައެވެ. އޭރު މާޔާ ހުރީ އައިހެވެ. ލޫކަންއާއެކު އެމީހުން އެއަރޕޯޓަށް ދިޔައެވެ. އެކުވެރިޔާއާ ވަކިވީ ރާއްޖެ ބަދަލުވިޔަސް އެމީހުންގެ މަތީން ހަނދާނައްތާ ނުލުމަށް އެދިފައެވެ.
"އަހަރެން ކޮންމެވެސް ދުވަހަކުން ރާއްޖެއަށް ދާނަން. ލޫކަންއާ ބައްދަލުކުރާން" ލޫކަންގެ ގައިގާ ފަހުފަހަރަށް ބައްދާލަމުން މާޔާ ބުންޏެވެ. ހިނިތުންވެލައިގެން ހުރި ލޫކަން ބޯޖަހާލިއެވެ. އަދި މާޔާގެ ނިތްކުރީގައި ބޮސްދީފައި އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. ހިނިއައިސްފައި ހުރެ މާޔާގެ ކޮނޑަށް އަތްވައްޓާލާ އެލެކްސްއާ ގާތްކޮށްލިއެވެ. ދެ މީހުން ވެސް ތިބީ ލޫކަން ވަދެގެން ދިޔަ ދިމާލަށް ނަޒަރުހުއްޓާލައިގެންނެވެ. (ނުނިމޭ)