ދުނިޔެ

ޕޯޗުގަލްގެ އަލިފާންގަނޑު ނިއްވަން އުޅުނު މަތިންދާބޯޓެއް ވެއްޓިއްޖެ

ޕޯޗުގަލްގެ މެދުތެރޭ ސަރަހައްދުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ބޭނުންކުރަމުން އައި މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

ޕޯޗުގަލްގެ ޕަބްލިކޯ ނޫހުން ބުނީ ކެނޭޑްއެއާ މަރުކާގެ މަތިންދާބޯޓް ވެއްޓުނީ އެންމެ ބޮޑަށް އަލިފާން ރޯވެފައިވާ ޕެޑްރޮގާއޯ ގްރޭންޑް ސަރަހައްދުގައިވާ ލޫރިސެއިރާ ނަމަކަށް ކިޔާ ރަށަށް ކަމަށެވެ. މަތިންދާބޯޓް ވެއްޓުނު ސަރަހައްދަށް އިމަޖެންސީ ހެލިކޮޕްޓަރެއް މިހާރު ދަތުރުކުރަމުންދާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

އަލިފާން ނިއްވަން ފެންޖެހުމަށް ބޭނުންކުރާ ކެނޭޑްއެއާ މަރުކާގެ މަތިންދާބޯޓްތަކުގައި އާއްމުކޮށް ތިބެނީ ދެމީހުންނެވެ. ޕޯޗުގަލްގައި ބޯޓް ވެއްޓުމުގެ ހާދިސާގައި މީހަކު މަރުވިކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.

ޕޯޗުގަލްގައި ރޯވި އަލިފާނުގެ ސަބަބުން މަރުވިމީހުންގެ އަދަދު 64 އަށް އަރާފައި ވާއިރު އެއަލިފާނުގެ ސަބަބުން 11 އަވަށެއް މިހާރު ވަނީ ހުސްކޮށްފައެވެ.

ޕޯޗުގަލްގެ ވެރިރަށް ލިސްބަންގެ އިރު އުތުރުގައިވާ ޕެޑްރޮގާއޯ ގްރޭންޑް ނަމަކަށް ކިޔާ ޖަންގަލި ސަރަހަައްދުގައި ރޯވުމުން އެގައުމުގެ ސަރުކާރުން ވަނީ އެސަރަހައްދުގައި ކުއްލިހާލަތު އިއުލާންކޮށްފައެވެ. އެސަރަައްދުގައި އަލިފާން ރޯވީ ހޮނުއެޅުމުގެ ސަބަބުން ކަަމަށް ވަނީ ބެލެވިފައެވެ.