ވިޔަފާރި

ހާއްސަ އެހީގެ ކުދިންނަށް ބީއެމްއެލްއިން އެހީވެއްޖެ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށް ގައުމީ ބޭންކް، ބީއެމްއެލް އިން ފެށި ހަރަކާތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ދެ ކުއްޖަކަށް ބީއެމްއެލް އިން މޮޓޮރައިޒް ވީލްޗެއާއެއް މިއަދު ހަދިޔާކޮށްފި އެވެ. އެ ދެ ކުދިންނަކީ ވެސް ކ. މާފުށީގައި ދިރިއުޅެމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ ދެ ކުދިންނެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު މިއަދު ވިދާޅުވީ "އީދު ވެދުން"ގެ ނަމުގައި އެ ކުންފުނިން ފަސް ރަށެއްގައި ހިނގާބިނގާވެ ނޫޅެވޭ 15 ކުއްޖަކަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާ ކުރުމަށް ރާވާފައިވަ ކަމަށެވެ. އަދި އެ ވީލްޗެއާތައް ހޯދަނީ ބީއެމްއެލް އާއި އެ ކުންފުނީގެ މުއައްޒިފުން ގުޅިގެން އެއްކުރާ ފަންޑަކުން ކަމަށް ސައީދު ވިދާޅުވި އެވެ.

"ކޮންމެ އަހަރަކުވެސް އިޖްތިމާއީ ކަންކަމަށް އެހީވުމަށް ބީއެމްއެލްގެ މުއައްޒިފުން ފަންޑްރައިޒް ކުރުމުން ބީއެމްއެލްއިން ވެސް އެއާ އެއް އަދަދެއްގެ އެހީއެއް ފޯރުކޮށްދޭ. ދިވެހި މުޖުތަމައަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްއިން މި އަހަރު ފަށާފައިވާ "އަހަރެންގެ ބެންކް ދިވެހިންގެ ބެންކް" ކެމްޕެއިންގެ ދަށުން ވެސް ވަނީ އެކި ދާއިރާތަކުން އެހީ ފޯރުކޮށްދީ އިޖްތިމާއީ މަސައްކަތްތައްކޮށްފަ އެވެ.