މިދިޔަ އަހަރުގެ ރޯދަ މަހު އުރީދޫއިން ވަނީ މުޅި ރާއްޖެ ހިމޭންކޮށްލައި މައިންބަފައިންނަށް ވިސްނާލަން މަޖުބޫރު ކުރުވާފަ އެވެ. ދަރިން ތަރުބިއްޔަތު ކުުރުމުގައި ގޯހެއް ހެދޭތޯ އަމިއްލަ ނަފްސާ ސުވާލުކުރުމަށް މަޖުބޫރުކުރުވި އެވެ. ވަރަށް މޮޅު އަސަރުން ފުރިގެންވާ އަދި ދިވެހިންގެ މެދުގައި އޮންނަ އަހުވަންތަ ކަމުގެ ގުޅުން ވަރަށް ރަނގަޅަށް ދައްކުވައިދިން ވީޑިއޯ އެކެވެ. ވިލިމާލޭގެ ހިތްފަސޭހަ ދިރިއުޅުން ވެސް ވަރަށް ފުރިހަމައަށް ދައްކައިދެ އެވެ. ދިވެހިންގެ ރީތި ދިރިއުޅުމާއި ރޯދަ މަހުގެ ހާއްސަ ކަންކަން ވެސް އެ ކުރު ވީޑިއޯގައި ދައްކައިދިނެވެ.
މި ރޯދަމަހުވެސް އުރީދޫއިން ވަނީ ތަފާތު މެސެޖުތަކެއް ފޯރުކޮށްދީފަ އެވެ. ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅުވާލައިގެންނެވެ. ރޯދަމަހުގެ ހެޔޮ އެދުންތައް އަރިސް ކުރަމުން ރޯދަމަހުގެ ފުރަތަމަ ދުވަހު އުރީދޫއިން ދޫކޮށްލާފައިވާ ވީޑިއޯ އިސްތިހާރުން ފެނިގެންދަނީ އާންމުކޮށް ޒުވާން ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކެވެ.
ބާޒާރު ކުރަން ނުވަތަ ޝޮޕިންއަށް ދާން ބުނެފިނަމަ ފިރިމީހާ ބޮޑާހާކާނެ އެވެ. އެ އިޝްތިހާރުގައި އެންމެ ފުރަތަމަ ފެނިގެންދަނީ އެ މަންޒަރެވެ. ރޭގަނޑު ބާޒާރަށް ދާން ބުނުމުން ދުވާލުން ދާނީ ކަމަށް ބުނެ ހިތްހަމަ ޖައްސާލަ އެވެ. ހަނދާންވަނީ މެންދުރު ފަސްވާ ފަހުން އަންހެނުން ގުޅާފައި ގަންނަންޖެހޭ އެއްޗެހީގެ ލިސްޓު ކިޔާލުމުންނެވެ. ދެން ތެޅިފޮޅިގަނެގެން އެއްޗެހި ގަންނަ އިރު މުހިންމު އެކަތި ނުލިބެ އެވެ. އިތުރު ފިހާރައެއްގެ ވާހަކަ އަންހެނުން ބުނި އިރު ބަންގި ގޮވަން މާގިނަ ވަގުތެއް ނޯވެ އެވެ. އިރުއޮއްސެން މާގިނަ ވަގުތު ނެތެވެ.
އެކި ސަބަބުތައް ދިމާވެ ގެއަށް އަންނަން ޖެހެނީ އެބުނާ އެއްޗެއް ނުގަނެ އެވެ. އަންހެނުން ހުންނަނީ އެ ނޫން އިތުރު ހައްލުތައް ހުރި ނަމަވެސް ބޭނުންވި ގޮތް ނުވުމުން ރުޅި މޫނު ހަދައިގެންނެވެ. އާންމުކޮށް އަންހެނުންގެ މައްސަލަ އެކެވެ. ކިތަންމެ ކުޑަކަމަކާވެސް ރުޅި އައިސްގެން ބޮޑާހާކާނެ އެވެ. ފިރިމީހާ އެކަމަށް ހައްލެއް ހޯދި ނަމަވެސް އެންމެފަހުން މައްސަލަ ގޯސްވެ ރޯދަވީއްލަން ޖެހެނީ ރުޅިމޫނު ހަދައިގެންނެވެ. އެކަމަކު ފަހުން ދެ މީހުން ސުލްހަވެ މައާފަށް އެދެ އެވެ. ފިރިމީހާ ބާޒާރަށް ދާން އެއްބަސްވަނީ އެރެއިން އެރެއަށް އަނެއް ދުވަހަށް ބޭނުންވާ ހުރިހާ އެއްޗެއް ގަންނަން އެއްބަސްވެގެންނެވެ.
ދެން އެހެން އެޑެކެވެ. ދެ ދުވަހުގެ ދަތުރެއް ދާން ތައްޔާރުވަނީ އެވެ. ފޮށްޓަށް އެއްޗެހި އަޅަން ތެޅިގަންނަނީ ނުކުންނަން ވީމަ އެވެ. ހަނދާނުގައި ކަންކަން ހުންނަ މިންވަރުވެސް އެނގިގެންދެ އެވެ. އަތުގައި އޮންނަ އެއްޗެހި ވެސް ގެއްލިގެން ހޯދަ އެވެ. ގެ ތަޅުލެވުނުތޯ ތިން ހަތަރު ފަހަރު ޗެކުކުރެ އެވެ. ޕާސްޕޯޓު މަތިން ހަނދާންވަނީ ވެސް ގެއިން ނުކުންނަ ފަހުންނެވެ. ދެވަނަ ފަހަރަށް ގެއަށް އައިސް އެ ހޯދަން ތެޅިގަނެ އެވެ. އެކަމަކު އަންހެނުނަށްވުރެ ކުރިން ދަބަހަށް އެއްޗެހި އަޅައި އަނބިމީހާ ތައްޔާރުވެ ނުނިމިގެން ޝަކުވާކޮށް މައްސަލަ ޖައްސަ އެވެ. އިޝްތިހާރުގައި ފެންނަ ގޮތަށް އެއީ ގިނަ ޒުވާން ފިރިހެނުންގެ ކިބައިން ފެންނަ ސިފަ އެކެވެ.
އާންމުކޮށްޒުވާން ދެމަފިރިންގެ ދިރިއުޅުމުގައި މި ސިފަތައް ފެނެ އެވެ. އަނބިމީހާ ބުނާ ގޭތެރޭގެ ބައެއް ކަންތައް އޭގެ ވަގުތުގައި ފިރިމީހާ ނުކުރެ އެވެ. އެހެން ކަމުން މައްސަލަ ޖެހެ އެވެ. އަންހެނުންނަށް ބަލާއިރު ކިތަންމެ ކުޑަކަމެއް ނުކުރެވުނު ނަމަވެސް އަންހެނުން އަވަހަށް ރުޅި އާދެ އެވެ. ދަތުރެއް ދާން ރާވާ ހިސާބުން ތައްޔާރުވާން ފެށި ނަމަވެސް ފުރަން ގެއިން ނުކުންނަންވާއިރުވެސް ތައްޔާރުވެ ނުނިމޭނެ އެވެ. ފިރިހެނުން ދެ މިނެޓުން ދަބަހަށް އެއްޗެހި އަޅައިގެން ނުކުންނަ އިރު އެންމެ މުހިންމު އެއްޗެހީގެ މަތިން ހަނދާންވަނީ ގެއިން ނުކުންނަ ފަހުންނެވެ. އަނބިމީހާ ކުރީބައިގައި އެކަމަށް ސަމާލުކަން ނުދީފިނަމަ ދެ ތިން ފަހަރު އަނބުރާ ގެއަށް ވަންނަން ޖެހެ އެވެ.