ވާހަކަ

ވިއްސިވިހާލި

Mar 12, 2024
4

"ދެން، ނޫން... ކުޑައެއް ނޫނޭ، ހަމަ ފިޓް، އެންމެ ހެޔޮވަރުވަރު" ޝެލީ އޭނާގެ ތުއި ރާގުގަޑުގައި ބުނެލިއެވެ.

"އެކަމަކު ރޭވެސް ބާރޭ ތަދުވެޔޭ ކިޔާވަރުން ބޮލާ ނުކުޅަދާނަ" އަސީލް އޭނާގެ އަވަސް ރާގުގަޑުގައި ބުނެލިއެވެ.

"އުހުން، ޝެލީގެއަށް އައިސް ބެލީމޭ، އެއީ އޭރު ހީވިގޮތޭ، ވަރަށް އަރާމު" ޝެލީ އަނެއްކާވެސް ތުއި ރާގުގަނޑުގައި ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދެން ތިވާއެއް ނުވާއެއް ނޭންގެއެއްނުން، އެއްފަހަރު ތަދުވެފަ އަނެއްފަހަރު އަރާމުވެފަ، ދެން އޯކޭ އެހެންވީމަ އެތާ އިން ބޫޓު ރިޒާވް ނުކުރާނީ އިނގޭ" އަސީލް ފޯނު ބާއްވަމުން ޝެލީއަށް ކުރިންރޭ ގައިންދިން ބޫޓު ބަދަލު ނުކުރާ ގޮތަށް ނިންމިއެވެ.

"މީހަކާ އިންނަން އުޅުނަސް ބޯހަލާކުދޯ" އަސީލާއި އެކު ކޮފީގައި އިން ފައިސަލް އަހާލިއެވެ.

"އާން، ހެދުމާ، ޑެކަރޭޝަނާ، މޭކަޕާ، ފޮޓޮޔާ ދެން ނޭންގެ، ސިކުނޑި ސުމަކަށްދޭ، އެކަމަކުވެސް ހަމަ އަމިއްލައަށް ހުރިހާ ކަމެއްގަ އުޅުނީމަ އެހެންކަހަލަ ހެޕިނަސްއެއް ލިބެނީ" އަސީލްއޭނާގެ އިޚްސާސްތައް ބަންޑުންކޮށްލިއެވެ.

"އަސްލު 23 އިޔާރސް ޔަންގު ހެނެއް ހިޔެއްނުވޭތަ މެރީކުރާކަށް" ފައިސަލް އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

"އާން، ކޮބާ އަވަސްވެފަ، 5 އިޔާސް އެކީގަ އުޅެވިއްޖެ ދެން އިތުރު ފާފަތަކެއްނުކޮށް އިނީމަ ނިމުނީނުން" މޭޒުމަތީ އިން ކޮފީތަށި ތުންޖަހާލަމުން ބުނެލިއެވެ.

"ތިވެސް ތެދެއް، ދެން ކޮބާ މިހާރު ކުރިން ކެނޑި ފޮނިތަކޯ، މަންމަމެން ހައްޖަށް ފޮނުވާފައޭ އެހެން ކަމަކާ އުޅޭނީ ކިޔައިގެން" އަސީލް ކުރިން ހިއްސާކޮށްފައިހުރި ހުވަފެންތައް ހަނދާންކޮށްލަ ދިނެވެ.

"އަހަރެން ތިކަނަތައް މަތިންނެއް ހަނދާނެއް ނައްތައެއް ނުލަމޭ، މަންމަމެނަށް ސޭވްކުރަންފެށި ހުރިހާ ލާރިއެއްވެސް އަދި އެކައުންޓްގަ ހުންނާނެ މިއަހަރު ފޮނުވޭވަރަށް ހަމަވެފަހުރީ، މިހުންނަނީ އަންނަ މަހު މަންމަ ބާރތްޑޭގަ ސަޕްރައިޒަކަށް އެދޭންވެގެން، ފޯމުވެސް ފުރާފަ ފޯމާއެކީ ދޭނީވެސް، ވަރަށް އުފާވާނެ، އެންމެ އުފާވަނީ މިއޮއް ބައިވަރު ދަރިން ތިއްބަވެސް މަ އެންމެ ކުޑަގޮލަޔަށްވެ ހުރެ އަމިއްލައަށް ފޮނުވޭތީ، އެވެސް ފުރަތަމަ ފަހަރަށް" އަސީލް ފަހުރުވެރިވެލިއެވެ.

"ސީރިއަސްކޮށް ކަލޭ މަންމަމެން އެބުނަނީ ހަމަ ރަގަޅަށް ތިވަރު ދަރިއަކު މީހަކަށް ނުލިބޭނެ ތޯއްޗެ، މަށަށް މިއުޅެނީ ލިބޭ މުސާރައިން ނުވެގެން އަދިވެސް އެމީހުން ފެލައިގެން، ދެން މި އޭޖްގަ ކިހިނެއްތަ އަދި އެމީހުނަށް ސްޕެންޑްތަކެއް ކުރާނީ" ފައިސަލް ޖެހިލުމެއްނެތި އޭނާގެ ނުކުޅެދުންތެރިކަން ކިޔާދިނެވެ.

ފައިސަލްއަކީ ކާކުތޯ މިވާހަކައަކަށް މުހިންމެއްނޫނެވެ. މިއީ އަސީލްގެ ވާހަކައެވެ. އަސީލްފަދަ އެތައް ފުރިހަމަ ޒުވާނުނެއްގެ ވާހަކައެވެ. އޭނާގެ ފުރިހަމަ ކަމުގެ ވާހަކައެވެ. ބަލާލަން ރީތި "ކިއުޓް" އަދި "ސްމާރޓް" މީހެކެވެ.

އޭނާއަކީ ފޮނި ބޮޑާ މީހެއް ނޫނެވެ. މީހުންއާ ގުޅޭ އެކުވެރިއެކެވެ. މީހުންގެ ލޯބިލިބޭ އެހީތެރިއެކެވެ. އާއިލާ މެންބަރެއް އެކުވެރިއެއް ތަފާތުނުކުރެއެވެ. "ޑީސެންޓް" އޭ މިބުނާ ފިރިހެނުންގެ ލިސްޓުގެ އެއްވަނައެވެ. ބައިވެރިޔާއާއި އެކު ކުރިއަށްދާ ބައެއް ގުޅުންތައް ނޫނީ ގޯސްކޮށް ކުރާ ކަމެއްވެސް ނޯވެއެވެ. މީހަކާ ދުވަހަކު މައްސަލައެއް ޖެހިފައި ހުރި މީހެއްނޫނެވެ. އުމުރުން 22 އަހަރުވީ އިރު އޭނާއަކީ ޑިގްރީ ހޯލްޑަރެކެވެ. ކިޔެވުމުގައި އެއާއިލާ އަދި އެކުވެރިއަކުވެސް ނުދެކޭފަދަ ރަން ވަނަތަކެއް ހާސިލްކޮށްފައިވާ މީހެކެވެ. ވަސްމީރު ކުރި ރުކެކޭ ބުނެ މި ސިފަކުރުން ކުރުކޮށްލަމާހެއްޔެވެ.

މީ އަސީލްގެ ކައިވެންޏަށް އޭނާ އަވަދިނެތި ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. ހުނަރުވެރިއެއް ކަމުން ހުރިހާ ކަމެއް ކުރަމުންދިޔައީ އަމިއްލައަށެވެ. އެކުވެރިންގެ އެހީތެރިކަން އިންތިހާއަށް ލިބެމުންދެއެވެ. މައިންބަފައިން ވެސް އެންމެ އުފާވާ ދުވަސްކަމަށް ވާނެއެވެ. އުމުރުން ދުވަސްވުމުން 8 ދަރިން ލިބިފައިވީ ނަމަވެސް އެދެމަފިރިންގެ ހުރިހާ ޒިންމާއެއް އުފުލަނީ އަސީލް އެކަނިމައި އެކަންޏެވެ. އޭނާ ތުއްތު އިރުއްސުރެ ދެކެމުން އައި ހުވަފެނަކީ އޭނާގެ މަންމައާއި ބައްޕަ ހައްޖަށް ފޮނުވުމެވެ. އެކަމަށް އޭނާ އެވަނީ ތައްޔާރުވެފައެވެ. ވަފާތެރި ލޯބިވެރިޔާއާއި ކައިވެނިކުރުމަށް ހުރިހާ ކަމެއް އެވަނީ ތައްޔާރުވެފައެވެ. ކިޔެވުން އޮތީ ކުރިއަށެވެ. މާސްޓާރސްއަށް ކިޔަވަން ދިއުމަށް ބާކީ އޮތީ ދެމަސްދުވަހެވެ. ސަރުކާރު އޮފީހެއްގެ މަތީމަގާމެއްގައި ޒުވާން އުމުރުގައި ފައިތިލަ ސާބިތުކޮށްގެން އޭނާއަށް ހުރެވެނީ އޭނާގެ ހަރުދަނާ އަދި ގާބިލިޔަތު ކަމުންއެވެ.

ފައިސަލްއާއި އެކު ހަވީރުގެ ސައި ނިންމާލުމަށްފަހު ގެއަށްގޮސް ފެންވަރާލައިގެން އަސީލް އަވަސްވެގަތީ ޝެލީގާތަށް ދިއުމަށެވެ. ކައިވެންޏަށް ބާކީ އޮތް ހަފްތާ ދުވަހު ކުރަން ހުރި މަސައްކަތް ގިނައެވެ. ރެއަކީ ވެޑިންގެ ކާޑުތައް ތައްޔާރުކުރުމަށް ހުރިހާ އެކުވެރިން ޝެލީގެ ގެއަށް ދާން ހަމަޖެހިފައި އޮތްރެއެވެ. ރައްޓެހިން އައުމުގެ ކުރިން ޝެލީއާއި އަސީލް ބޭރަށް ނުކުތީ ގަންނަން ހުރި ބައެއްތަކެތި ގަނެލުމަށެވެ. ހުރިހާ އެއްޗެއް ހަމަވުމުން ދެމީހުން އެކުގައި ސީހައުސަށް ވަނީ ކޮފީއަކަށެވެ.

"ދެން ކޮން ކަންތައްތަކެއްތަ އޮތީ މިހާރު" އަސީލް އޭނާގެ ފޯނުގެ ނޯޓްސް ހުޅުވާލަމުން ބުނެލިއެވެ.

"މިހާރު ކާރޑްސް އާ ކޭކް ކަންތައް އެކަންޏެއްނުން ދެން އޮތީ" ޝެލީ ޖަވާބުދިނެވެ.

"އާން، ދެން ޑެކަރޭޝަންވެސް ހުރިހާ އެއްޗެއް ހަމަވީދޯ، ޝެލީ ހިތްހަމަޖެހޭދޯ ހުރިހާ ކަމެއް ދާގޮތް" އަސީލް އަހާލިއެވެ.

"ޔާ... ހަމަ ކުޑަ އިރުއްސުރެ ޕްލޭންކުރި ޑްރީމް ވެޑިންގ މީ" އަސީލްގެ އަތްތިލައިގައި ހިފާލަމުން ޝެލީ ބުނެލިއެވެ.

"ހެހެ... ދެން ވެޑިންގ ނިމުނީމަ ކޮބާ ޑްރީމް އަކީ" އަސީލް ހިނިތުންވެލަމުން އަހާލިއެވެ.

"ދެން ބޭނުންވަނީ އެއްކަލަ ދެ ބޭބީ، ޝެލީ ބުނީމެއްނުން، ލޯބި ލޯބި ދެކުދިން" ޝެލީ ރަކިވިއެވެ.

"ހެހެ، އެހޯދަން ހަދާގޮތް އެނގޭދޯ" އަސީލް ލާނެއް ވެލިއެވެ.

"ދެން އަސީލްގަނޑާ" ޝެލީ އަކީ އެފަދަ ވާހަކަތަކަށް ރަކިވެ ވިރޭކަހަލަ ކުއްޖެކެވެ.

"ސީކޮށް، ކިޔަވަން ދިޔަސް އޯކޭއެއްނުންދޯ؟ ހަމަ ކުދިން ގެންގުޅެވޭނުން، ނޭނީއެއް ހޯދާނީ އަހަރުން ކިޔަވަން ދާ ގަޑިތަކުގައި ބޭބީސް ކައިރީތިބެން" އަސީލް އޭނާގެ ވިސްނުން ހުރި ގޮތް ކިޔާދޭންފެށިއެވެ. "އަސްލު މަބޭނުން ވަރަށް މޮޅަށް ކުދިންއަށް ކިޔަވާދޭން، ދެން ޓްރައި ކުރާނަން ދާގޮތަށް އެކޮޅުން ޕާރޓްޓައިމް ޖޮބެއް ހޯދައިގެން ނޫނީ މަންމަމެން އުޅޭ ބައި ކުއްޔަށްދީފަ ނަމަވެސް މަންމައާ ބައްޕަ ގެންދެވޭތޯ، މަ ބޭނުން މަގޭ ކުދިން މަންމައާ ބައްޕަކައިރީ ތިބެން، އެމީހުން ވަރަށް ދެރަވެގެން އުޅޭ ތުއްތުބެމެން އެންމެން ކުދިން ގެއަށް ނުގެންނާތީވެސް" އަސީލްގެ ވިސްނުންހުރީ ވަރަށް ދުރަށެވެ. އާއިލާ ރޭވުމުގައި ގަޑިއިރެއްވަރު ހޭދަކުރުމަށްފަހު ދެމީހުން ގެއަށް ދިޔައީ ކާރޑްގެ މަސައްކަތުގައި އެހީވާން ހުރިހާ އެކުވެރިން ހަމަވުމުންއެވެ.

ކާރޑްތައް ތައްޔާރުކުރުމުގެ މަސައްކަތް އިސާހިތަކު ނިމިގެންދިޔައެވެ. ސަކަރާތާ މަޖަލާއެކުއެވެ. އަސީލްފަދަ މީހަކު ޝެލީއަށް ލިބުނީތީ އެކަމުގެ ވާހަކަ ޝެލީގެ އެކުވެރިންދެއްކިއެވެ. އެކަމާ ޝެލީ ފޮނިވާ ވަރުވެސް ކިޔާދިނެވެ. މަސައްކަތް ނިންމާފައި އެންމެން ގެއަށްދިޔައިރު ގަޑީން 2 ޖަހަނީއެވެ. އަސީލް އާއި ޝެލީ އެކުގައި ވާހަކަ ދައްކާލަން މަޑުކުރިއެވެ.

"އަސީލް، އަސްލުވެސް ޝެލީ ވަރަށް ވަރަށް ހެޕީ، އެމީހުން އެކީ ހަމަ ހުސްތެދު، މިހާރު ތިކަހަލަ މީހަކު އަތުއަޅުވާލާކަށް ފަސޭހައެއްނުންދޯ، އޯލް ޔޯ ފްރެންޑްސް ފެމިލާ އެންމެންވެސް ހާދަ ލަކީއޭ އަސީލް އެމީހުންގެ ލައިފްގަ ހުރިކަމަށްޓަކާވެސް" އަސީލްގައިގައި ބައްދާލާ އޭނާގެ ތުމާތުން ޖޯޑުކޮށްލަމުން ޝެލީ ބުނެލިއެވެ.

"އޫމް، ދެން ދަނީ އިނގޭ" އަސީލް ހިނގައިގަތެވެ. "ނޫން އަދި ލާސްޓް ކިސް" އަނެއްކާވެސް އަސީލް އެނބުރިލާ ޝެލީއޭނާގެ މެޔާލާ ފިތާލިއެވެ. ތުންފަތާ ތުންޖޯޑުކޮށްލުމަށްފަހު ހިނގައިގަތެވެ. ވަކިވާން ބޭނުން ނުވިނަމަވެސް ދާންވެސް ޖެހޭތީއެވެ.

މަގުމަތީގައި މީހުންމަދެވެ. ހިޔާލުތަކަކަށްގެއްލި އިނދެ ސައިކަލުގައި ކުރިއަށްދަނިކޮށް ކުއްލިއަކަށް ސައިކަލު ހުއްޓުނެވެ. ދެން ޖެހުނީ ހިނގަންށެވެ. މާފަންނާ ހަމައަށެވެ. ކާރެއް އަތަކު ނުޖެހުނެވެ. އަސީލް ހިންގަން ފެށިއެވެ. ހެޑްފޯން ކަންފަތަށް ގުޅާލުމަށްފަހު ފޯނުން ހިތްގައިމު ލަވައެއް ޖަހާލިއެވެ. އޭނާގެ ހިޔާލީ ދުނިޔޭގައި އޭނާގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެހެމުންދާ މަންޒަރަށް ގެއްލިހުރި އަސީލަށް ހުއްޓުމެއް އައީ އޭނާގެ ބޮލުގައި ދަނޑިބުރިއަކުން މީހަކުޖެހުމުންއެވެ. ބޯ އަނބުރައިގަތެވެ، އެކަކު އޭނާގެ ފުރަގަހުން އައިސް ދެއަތުގައި ހިފެހެއްޓިއެވެ. އަނެކަކު އޭނާގެ ޖީބުތައް ޗެކްކުރުމަށްފަހު ވޮލެޓާއި ފޯނު އަތުއަޅުވާލިއެވެ. އެވަރަކުން ނުފުދުނެވެ. ފުދޭނީ ކިހިނެއްހެއްޔެވެ. ބޮލުގައި ޖެހުނު އެތިފަހަރުން ލޭތަކެއް ނުއޮހޮރެއެވެ. އެމީހުން އޭނާ ބިންމައްޗަށް ވައްޓާލަމުން ދުއްވައިގަތީ ވަޅިއަކުން ކަރުގައި އަޅާފައެވެ. އިރުތަކެއްނުވެ އޭނާގެ ނޭވާ ހުއްޓުނުއިރު އެހިސާބަކަށް އިތުރު މީހެއްގެ ހިލަމެއްނުވެއެވެ.

އަސީލްގެ ކުލަޖެހެމުންދިޔަ ހުވަފެންތައް ވިއްސިވިހާލި ވެގެންދިޔައެވެ. އެ ރަޚުމްކުޑަ މީހުނަށް އެ މަރާލެވުނީ ހަމައެކަނި އަސީލްހެއްޔެވެ. އޭނާއާއި އެކު އެފަނާވެގެން ދިޔައީ ބައެއްގެ ފުރާނައެވެ. މަރު ޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެއެވެ. އެކަމަކު މީގޮތެއް ހެއްޔެވެ. އޭނާގެ ފޮނި އުންމީދުތަކަށް އެވީ ކިހިނެއްހެއްޔެވެ. ގޮތެއް ނެތިގެން މަގުތައްމަތީ މާރާމާރީ ހިންގާ މީހުނަށް އެފަދަ މީހުންގެ ދިރިއުޅުން ހަޖަމު ނުކުރެވެނީބާއެވެ. މިކިޔައިގެން މިބުނިފަދަ މީހަކަށް އެއްޗެއް ނުވިސްނޭނެއެވެ. އޭން މީހަކު މިވާހަކަ ކިޔާނީކީވެސް ނޫނެވެ. އެކަމަކު އޮޅިގެންވެސް ކިޔާލެވިއްޖެނަމަ ވިސްނޭނެކަމުގެ އުންމީދެއްވެސް އެބައޮތެވެ.