ބޮލީވުޑް

"ޓިއުބްލައިޓް" ޕްރޮމޯޓްކުރަން ޒޫ ޒޫ އަށް އިންޑިއާ އަކަށް ނާދެވުނު

Jun 22, 2017

މާދަމާ ރިލީޒްކުރާ ސުޕަސްޓާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" އަކީ މި އަހަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފިލްމެވެ.

މިފަހަކަށް އައިސް ކޮންމެ އަހަރަކު ފިތުރު އީދާ ދިމާކޮށް ފިލްމު ރިލީޒްކޮށް، ސަލްމާން އަންނަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. އެހެންކަމުން "ޓިއުބްލައިޓް" އަށް ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް މިވަނީ ބެލެވިފަ އެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަލްމާނާ އެކު ބޭބގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ފެނިގެންދާނެ އެވެ.

އިންޑޯ-ޗައިނާ ބޯޑަރުގެ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ބަތަލާގެ ރޯލުން ސަލްމާނާ އެކު ފެނިގެންދަނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫ ޒޫ އެވެ.

ފިލްމުގައި ސަލްމާނާ އެކު ފެނިގެންދާ ކުޑަ ފިރިހެން ކުއްޖާ މަޓިން ރޭ ޓާންގޫ އާއެކު ފިލްމުގެ ގިނަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ބޭއްވި ނަމަވެސް އެއްވެސް އިވެންޓެއްގައި ޒޫ ޒޫ ފެނިގެންނެއް ނުދެ އެވެ.

ކުރިން ޒޫ ޒޫ އިންޑިއާ އަށް އަންނާނެ ކަމަށް ބުނެފައިވީ ނަމަވެސް ފިލްމުގެ ޕްރޮމޯޝަންތައް ނިންމާލިއިރު ވެސް އޭނާ ފެނިގެން ގޮސްފައިނުވާތީ އެކަމާ ސުވާލުތައް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރު ކަބީރް ވަނީ ޗައިނާގެ ފިލްމުތަކެއްގެ މަސައްކަތުގައި ޒޫ ޒޫ ބިޒީވުމުން އިންޑިއާ އަށް ނާދެވުނީ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބޮލީވުޑްގެ ބައެއް މަސްދަރުތައް ބުނާގޮތުން ޒޫ ޒޫ "ޓިއުބްލައިޓް" ޕްރޮމޯޓްކުރަން އިންޑިއާ އަށް ނާދެވުނީ އެއް ނޫނެވެ. މި ފިލްމަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމަކަށް ވުމުން ޒޫ ޒޫ މި ފިލްމު އިންޑިއާ އަށް ޕްރޮމޯޓްކުރަން ޗައިނާގެ ސަރުކާރުން ގަބޫލު ނުވީ އެވެ.

މި ފިލްމުގައި ޗައިނާގެ ވާހަކަތައް ގެނެސްދީފައިވަނީ ކޮން ގޮތަކަށްކަން އަދި ޔަގީންނުވާތީ ޒޫ ޒޫ ކުރެން އެ ގައުމުގެ ސަރުކާރުން ވަނީ ފިލްމުގެ ހުރިހާ ޕްރޮމޯޝަންތަކާ ދުރުން އުޅެން އަންގާފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އެންމެ ފުރަތަމަ މި ފިލްމުގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތް ދިޕިކާ ޕަދުކޯން އެވެ. ނަމަވެސް މި ފިލްމުގައި ކުޅެން ލިބުނު ރޯލާ މެދު އޭނާ މާ ބޮޑަށް ހިތްހަނުޖެހޭތީ ވަނީ ފިލްމު ދޫކޮށްލާފަ އެވެ. އޭގެފަހުން ބައެއް އެހެން ބަތަލާއިންނަށް މި ފިލްމު ހުށަހެޅިކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެ ރޯލު އެންމެފަހުން ދީފައިވަނީ ޒޫ ޒޫ އަށެވެ.

ދެ ގައުމުގެ ދެމެދުގައި ހިނގާ ހަނގުރާމައިގެ ބައރިވެރިވުމަށް ބޯޑަރަށް ދާ ސިފައިންގެ ބޭބެ ގިނަ ދުވަސްވުމުން އަނބުރާ ގެއަށް ނައުމުން އޭނާ ހޯދުމަށް ސަލްމާން ކުރާ މަސައްކަތް ފެނިގެންދާ މި ފިލްމަކީ ދެބެއެއްގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ފެނިގެންދާނެ ފިލްމެކެވެ. ޒޫ ޒޫ މި ފިލްމުގައި ފެނިގެންދާނީ ސަލްމާންގެ ލޯބިވެރިޔާގެ ރޯލުން ކަމަށްވެ އެވެ.

"ޓިއުބްލައިޓް" އަކީ ކަބީރް ޑައިރެކްޓްކުރާ ފިލްމެއްގައި ސަލްމާން ފެނިގެންދާ ތިން ވަނަ ފިލްމެވެ. މީގެކުރިން އޭނާ ވަނީ ކަބީރްގެ "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އިން ފެނިގެން ގޮސްފަ އެވެ.

މާދަމާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 5000 ސްކްރީނެއްގައި މި ފިލްމު ރިލީޒްކުރާއިރު ފުރަތަމަ ދުވަހު ފިލްމުގެ އާމްދަނީ ދަށްވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ. ސަބަބަކީ މާދަމާ އަކީ ރޯދަ މަހަށް ވުމުން ފިލްމު ބަލަން ސިނަމާތަކަށް ވަން މީހުން މަދުވުމެވެ. އިންޑިއާއަށް އީދު ވަނީ ހޯމަ ދުވަހަށް ވުމުން މި ފިލްމު ރަނގަޅަށް ހިނގައި ގަންނާނެ ކަމަށް ބެލެވެނީ އެ ދުވަހުން ފެށިގެން އީދު ބަންދުގައި ކަމަށްވާތީ އެވެ.