ހަބަރު

މޭ މަހުގައި ކުޑަކުދިންނަށް އަނިޔާ ކުރި 118 މައްސަލައެއް

ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަ މޭ މަހު 118 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 239 މައްސަލައެއް ހުށަހެޅި އެވެ.

އޭގެ ތެރެއިން ކުޑަކުދިންނަށް އަނިޔާކޮށްގެން 118 މައްސަލަ ހުށަހަޅާފައިވާއިރު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ
މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 36 މައްސަލަ ރިޕޯޓްކޮށްފައި ވާއިރު، މީގެ ތެރެއިން 25 މައްސަލައަކީ
ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ. މީގެ އިތުރުން މިބާވަތުގެ މައްސަލަ ތެރޭގައި ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 27 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ 19 މައްސަލައަކާއި އިހުމާލުވުމުގެ 24 މައްސަލަ އަދި ހަނގާކުރުމުގެ ހަތަރު މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލައެއް މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. ކުޑަކުދިންގެ އަހްލާގީ މައްސަލަތަކުގެ 19 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެހެން ކުދިންނަށް ގަނާކުރުމުގެ ތިން މައްސަލައަކާއި ގެއިން ފިލައިގެން ދިޔުމުގެ ތިން މައްސަލަ އަދި ފުރައްސާރަކުރުމުގެ ދެ މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމްކޮށްގެން މިދިޔަ މަހު ނުވަ މައްސަލައެއް ހުށަހެޅި އެވެ. އެއީ، ތައުލީމް ފޯރުކޮށް ނުދިނުމާ ގުޅޭ ފަސް މައްސަލައަކާއި ސާފު ބޯފެނާއި ކަރަންޓު ފޯރުކޮށް ނުދިނުމުގެ ދެ މައްސަލައަކާއި އުފަން ދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ އެއް މައްސަލައިގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ އެއް މައްސަލަ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 33 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެ މައްސަލައިގެ ތެރެއިން 11 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ނުވަ މައްސަލަ އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ އެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.