ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮ ވެއްޖެ

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު މިއަދު ހެޔޮ ވެއްޖެވެ. ރޮއިޓާސްއިން ބުނީ ތެލުގެ އަގު ހެޔޮވީ އިއްޔެ ކުޑަކޮށް އަގު އުފުލުމަށް ފަހުގައި ކަމަށެވެ.

ބްރެންޓް ކްރޫޑް ވިއްކާ އަގުން 15 ސެންޓް ހެޔޮވެފައި ވާއިރު ފީފާއެެއްގެ އަގު މިހާރު ހުރީ 44.67 ޑޮލަރަށެވެ. ބްރެންޓް ކްރޫޑްގެ އަގު އިއްޔެގައި ވެސް ވަނީ 2.6 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުން ފެށިހެން މިހައިތަނަށް އެ ބާވަތުގެ ތެޔޮ އެންމެ ހެޔޮވި ފަހަރެވެ.

ޔޫއެސް ކްރޫޑްގެ އަގުން ވެސް މިއަދު ވަނީ 14 ސެންޓް ދަށް ވެފައެވެ. އެހެންވެ އެބާވަތުގެ ފީފާއެއް މިހާރު ލިބެނެނީ 42.39 ޑޮލަރަށެވެ. އެބާވަތުގެ އަގު މިއަދު ދަށަށް ދިޔައީ އިއްޔެގައި އުފުލުމަށް ފަހުގައެވެ. އިއްޔެގައި ފީފާއެއް ހުރީ 42.53 ޑޮލަރަށެވެ.

މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން ތެލުގެ އަގު ވަނީ 20 ޕަސެންޓް ދަށަށް ގޮސްފައެވެ. އަގު މިހާ ދަށަށް ގޮސްފައި މިވަނީ އަގު ރަނގަޅު ކުރުމަަށް ޓަކައި ސަޕްލައި ދަށް ކުރަން ، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް ( އޯޕެކް) އާއި އެޖަމާއަތުގައި ނުހިމެނޭ ބައެއްް ގައުމުތަކުން ވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ. އޯޕެކުން ކުރިން ނިންމާފައި ވަނީ ޖެނުއަރީ މަހުން ފެށިގެން ދުވާލަކު ބާޒާރަށް ނެރޭ ތެލުން 1.8 މިލިޔަން ފީފާ މަދުކުރުމަށެވެ. އޭރު ނިންމީ ޖެނުއަރީ މަހުން ފެށިގެން ހަމަސް ދުވަހަށް މަދު ކުުރަން ކަމަށް ވިޔަސް މިހާރު ވަނީ އެމުއްދަތު އަހަރު ދުވަހަށް އިތުރުކޮށްފައެވެ.