(20 ޖޫން 2017 އާ ގުޅޭ)
ހިނިތުންވެލައިގެން ހުރި ލޫކަން ބޯޖަހާލިއެވެ. އަދި މާޔާގެ ނިތްކުރީގައި ބޮސްދީފައި އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. ހިނިއައިސްފައި ހުރެ މާޔާގެ ކޮނޑަށް އަތްވައްޓާލާ އެލެކްސްއާ ގާތްކޮށްލިއެވެ. ދެ މީހުން ވެސް ތިބީ ލޫކަން ވަދެގެން ދިޔަ ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ.
* * *
ފަތިހުގެ ވަގުތެވެ. ލޫކަން އައިސް ގެއަށް ވަދެވެން ހުރި ގޭޓުގެ ކުރިމަތީ މަޑުކޮށްލިއެވެ. ގޭޓު ކައިރީ ފޮށި ބަހައްޓާފައި ޓެކްސީގައި ހުރި ސާމާނުތައް ގޭޓުގެ ކުރިމަތީ ގެނެސް ބަހައްޓަން ފެށިއެވެ. ހިލަންވެގެން ނިދިޖެހިފައި އިން ދޮރުވާނުގެ ސަމާލުކަން ގޭޓުން ބޭރަށް ހުއްޓުނެވެ. އެވަގުތު ގޭޓު ކައިރީ ހަރަކާތްތެރިވަމުންދިޔަ ލޫކަން ފެނުމުން ދޮރުވާނު އަވަސް އަރުވާލާފައި ގޭޓު ހުޅުވާލި އެވެ. އަދި ބޭރަށް ނުކުމެ އެހީތެރިކަން ފޯރުކޮށްދިނުމަށް އުޅުނެވެ.
"އަހަރެން މިކަން ކޮށްލަފާނަން. ފާރޫގު އެތެރެއަށް ގޮސް ސޮމޫއަށް ގޮވާ އޭނާ ގެނެސްދީ" ލޫކަން އުފުލަމުންދިޔަ ފޮށިތަކުގައި ހިފަން އުޅުނު ދޮރުވާނަށް ބުންޏެވެ. ލައްބައޭ ބުނެ ހަލުވިކޮށް ދޮރުވާނު އެތެރެއަށް ވަދެގެން ދިޔައެވެ.
ޓެކްސީއަށް ފައިސާ ދައްކާފައި ގޭޓު ކައިރީ ލޫކަން މަޑުކޮށްލައިގެން ހުއްޓެވެ. ގިނަ އިރެއްނުވެ ނިދިމޫނަކާއެކު އަނދެގެން ހުރި މުންޑުގަނޑު ކޮށިކޮށްލައިގެން ދޮރުވާނާއެކު ސޯމޫ އަންނަތަން ފެނުނެވެ.
"ސޯމޫ... މަޑުމަޑުން މި ހުރި ފޮށިތައް އަހަރެންގެ ކޮޓަރިއަށް ގެނެސްދީ. ބައްޕަމެން ހޭލުމުގެ ކުރީން ވީހާ ވެސް އަވަސް ކުރައްޗޭ" ސޯމޫ އައިސް މަޑުކޮށްލުމާއެކު ލޫކަން ބުންޏެވެ. އޭނާ ނިކަން އަވަސްއަވަހަށް ބޯޖަހާލި އެވެ. އެއާއެކު ލޫކަން އޭނާގެ ފޮށި ދަމަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ.
ހުޅުވާލާފައި ހުރި ކޮޓަރީގެ ދޮރުން އިރުއިރުކޮޅާ ސޯމޫ އައިސް ވަދެއެވެ. ކޮޓަރީގެ ދޮރުގެ އެއްފަރާތުން ފޮށިގަނޑުތައް ބަރިއަކަށް އޭނާ ޖަހަމުން
ދިޔައެވެ. ސޯމޫ އެ މަސައްކަތްކޮށް ނިންމާލާފައި އިތުރު ކަމަކަށް ލޫކަން ބޭނުންވޭތޯ ސުވާލުކުރި އެވެ.
"ދެން އެންމެ ރަނގަޅު ދިޔަޔަސް. ޝުކުރިއްޔާ" ލޫކަން ބުނެލިއެވެ. ސޯމޫ ނުކުތުމުން ކޮޓަރީގެ ދޮރު ލައްޕާލާފައި ލޫކަން އައިސް މަޑުކޮށްލީ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީގަ އެވެ. ކިރިޔާ ބޭރު ފެންނަވަރަށް ދޮރުފަތިގަނޑު އެއްފަރާތްކޮށްލަމުން ތިރިއަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް ތުންފަތައް ވެރިވެގެން ދިޔަ ލޫކަން ހަށިފުރާ ނޭވާއެއް ލިއެވެ.
"ދެން ގިނައިރެއްނުވެ އެ ކުޑަދޮރު ހުޅުވަފާނެ. ފަތިސް ނަމާދު ކުރާން އައިރާ ތެދުވާނެކަން ޔަގީން" ހިނިތުންވެލައިގެން ހުރި ލޫކަން އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. ކަންތައްވީ އޭނާ ހީކުރި ގޮތަށެވެ. ގިނައިރެއްނުވެ ޚާދިމުން އުޅޭ އިމާރާތުގައި އައިރާ އުޅޭ ކޮޓަރީގެ ކުޑަދޮރު ހުޅުވިގެން ދިޔައެވެ.
* * *
އޮފީހަށް ދިއުމުގެ ކުރީން ހެނދުނުގެ ނާސްތާ ކުރުމަށް ޤައިސް އިސްކަން ދެއެވެ. އޭނާ ސައިބޯން ކާކޮޓަރިއަށް އައުމުގެ މާ ކުރީން މައުރީން ސައި ބޮއެގެން ސުކޫލަށްދާން ނުކުންނާނެ އެވެ. ބައެއް ދުވަސް ދުވަހު ރުބީނާ އެހާއިރަށް ހޭލައެވެ. ގިނަ ދުވަސްދުވަހު މައުރީންގެ ކަންތައްތައް ހަމަޖައްސައި ދޭނީ މަރިޔަންދީ އެވެ. ކުރީންހެން މައުރީނަށް ފައިސާގެ ދަތިކަމެއް ނުވެއެވެ. ޤައިސްވަނީ އޭނާ ސުކޫލުގައި އުޅޭތީ ކޮންމެ މަހަކު ޕޮކެޓްމަނީގެ ގޮތުގައި ވަކިވަރެއް ދޭން ނިންމާފަ އެވެ. އަދި ކިޔަވައި ނިންމާފައި މަތީ ތަޢުލީމު ހާޞިލުކުރުމަށް ޓަކައި ބޭނުންވާނޭ ފައިސާ މައުރީންގެ ނަންމަތީ އެކައުންޓެއް ހުޅުވާ ޖަމާކުރާން ފަށާފައެވެ. ނަމަވެސް އެ އެކައުންޓަކީ މައުރީންގެ އުމުރުން އަށާރަ އަހަރު ފުރުމުން ނޫނީ ބޭނުން ނުކުރެވޭނެ އެކައުންޓެއްކަން ޤައިސްވަނީ ބުނެފައެވެ. މައުރީން ފޮތްދަބަސް ހިފައިގެން ގެއިން ނުކުތުމުން ބަދިގެ ފަރާތުގައި ހަރަކާތްތެރިވަމުންދިޔަ މަރިޔަންދީ ދެން އަވަސްވެލީ ޤައިސް އަންނަން ވާއިރަށް ސުފުރާމަތި ތައްޔާރުކުރާށެވެ.
މޭޒުގެ ކޮޅުގައި އިން ޤައިސް ޖޫސްތަށިން އެތި ފޮދެއް ބޯލިއެވެ. އަދި ޕާންފޮތި ތައްޔާރުކޮށްލުމަށް އުޅުނެވެ. ބަޓަރުކޮޅެއް ނަގާ ހާކާލުމަށް އުޅުނު ވަގުތު ކާކޮޓަރިއަށް ވަދެގެން އަންނަ ލޫކަން ފެނުނެވެ. އަތުގައި އޮތް ބަޓަރު ހާކާ ވަޅި ތަށީތެރެއަށް ވެއްޓުނު އަޑު އިވިގެން ދިޔައެވެ.
"ލޫކް!" ހައިރާންވެ އަންތަރީސްވެފައި އިން މީހަކު ފަދައިން ޤައިސް ބުނެލިއެވެ. އޭނާގެ ކަނާއަތް ފަރާތުގައި އިން ރުބީނާއަށް ވެސް ވީ އެވަރެވެ. ހައިރާން ކަންމަތީ ބަލަން އިނދެވުނީ އެވެ. ލޫކަން އެނބުރި ދިޔަތާ ދޮޅުމަހެއްހާ ދުވަސްފަހުން އޭނާ އެނބުރި އަތުވެދާނެ ކަމަކަށް އެކަކަށް ވެސް ޤަބޫލެއް ނުކުރެވެއެވެ.
"އައި އޭމް ބެކް... ޑޭޑް... އައި އޭމް ބެކް" ހިނިތުންވެލައިގެން ހުރި ލޫކަން ބުނެލިއެވެ. އޭނާ އައިސް ޤައިސްގެ ވައަތް ފަރާތުގައި ހުރި ގޮނޑީގައި އިށީންނަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރީން ޤައިސް އިން ގޮނޑިން ތެދުވެ ދަރިފުޅުގެ ގައިގާ އޮޅުލައިގަތެވެ. އުފަލުން ގޮސް ދަރިފުޅުގެ ބުރަކަށީގައި ޖަހާލިއެވެ.
"ބައްޕައަށް ޤަބޫލު ވެސް ނުކުރެވިފައި މި އިންނަނީ. ކިހިނެއްވީ އެނބުރި ތިއައީ؟ ޗުއްޓީ އިތުރު ކުރީތަ؟" އުފާވެރިކަމުގެ ހިނިތުންވުމެއް ޤައިސްގެ ވިއެވެ.
"މިވަގުތު މި އިނީ ވަރަށް ބަނޑުހައިވެފައި. ވަރަށް ފަތިހާ އަތުވެއްޖައިން. އޭރުއްސުރެ މި މަޑުކުރަނީ ޑޭޑް ސައިބޯން އަންނާނެ އިރަކަށް" ލޫކަން ބުނެލިއެވެ.
"އަވަހަށް ސައިބޯން ފަށާ... ރޫބީ! އޭނާއަށް ޖޫސްތަށްޓެއް އަޅާދީބަލަ" ޤައިސް ބުންޏެވެ.
"އަޅުގަނޑު އަމިއްލައަށް އަޅާލަފާނަން" ރުބީނާއަށްވުރެ ކުރީން ޖޫސްޖަގުގައި ހިފާލި ލޫކަން ބުންޏެވެ. ހީވީ ރުބީނާ ލައްވާ އޭނާ އެއްވެސް ކަމެއް ކުރުވަން ބޭނުންނުވަނީ ހެނެވެ.
"މިއަދު ޑޭޑްއާއެކު އޮފީހަށް އަޅުގަނޑު ދާނަން" ލޫކަން ބުނެލިއެވެ. އެއާއެކު ޤައިސްއަށް އިތުރު އުފާވެރިކަމެއް ލިބިގެންދިޔައެވެ.
"ލޫކް! ތީ ހަމަ ދަރިފުޅުތަ؟ ހާދަ ބަދަލުވެއްޖެހެން ހީވޭ" ޤައިސްއަށް ބުނެލެވުނެވެ.
"ޑޭޑްއާ ދުރުގައި އުޅެނީ ޑޭޑް މަތީން އަޅުގަނޑު ހަނދާން ނުވާތީއެއް ނޫން. މިހާރު ބޭނުންވަނީ އަޅުގަނޑަށް ދެވެން އޮތް މިންވަރަކަށް ޑޭޑްއަށް ވަގުތު ދޭން" ލޫކަން ބުނެލިއެވެ.
"ތިބުނި އެއްޗެއް ބައްޕައަށް ނުވިސްނުނު" ޤައިސް ސުވާލު އުފެދުނެވެ.
"މިވަގުތަކު ނޫން ހުރިހާ ވާހަކައެއް ދައްކާނީ. އިހަށް ރަނގަޅަށް ސައި ބޯލަމާ. މާގިނަ ވާހަކަ ދައްކާނަމަ ޑޭޑް އޮފީހަށް ދާންވާއިރަށް ސައެއް ނުބޮވޭނެ" ލޫކަން ގަސްދުގައި ވާހަކަމެދުކަނޑާލީ އެވެ. ރުބީނާ ބަލަން އިން ގޮތުންނެވެ.
މަޑުމަޑު ފެހިކުލައެއްގެ އަތްދިގު ގަމީހަކާއި ގަދަ ޗޮކުލެޓުކުލައިގެ ފަޓުލޫނުގައި ލޫކަން ފެންނަނީ ވަރަށް ހަރުދަނާ ޒުވާނެއްގެ ގޮތުގަ އެވެ. ބައްޕައާ އެއްހަމައެއްގައި ހިނގާލާފައި ބޮޑުކޮޓަރިން ނުކުންނަން އައިއިރު އެ ދެބަފައިންގެ މޫނުމަތީގައި ވެސް ވަނީ ލުއި ހިނިތުންވުމެކެވެ. ވަރުގަދަ ޝަޙުޞިއްޔަތެއްގެ ވެރި ދެ މީހުނެވެ. ލޯތައް އިޚުތިޔާރުން ބޭރުގައި އަމާޒުވާނޭ ފަދަ ހިތްގައިމުކަމެއް ލިބިފައިވެއެވެ.
ކާރުގެ ފަހަތު ސީޓަށް ދެބައިން އެކުގައި އަރާ ހަމަޖެހިލިއެވެ. ހުޅުމާލޭގެ އަމިއްލަ ފަރާތްތަކުގެ ދަތުރުތައް ކުރުމަށް ޚާއްޞަވެފައި އޮތް ފާލަމާ ހަމައަށް ދެވެންދެން ޤައިސް އާއި ލޫކަންގެ ދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ޤައިސް އަވަސްވެލީ އޭނާގެ ކަންކަން ބެލެހެއްޓުމަށް އޮފީހުގައި ހުންނަ ކުއްޖާއަށް ގުޅާ ދުވަހުގެ ޝެޑިއުލް ބަދަލު ކުރުމަށެވެ. ވަރަށް މުހިންމު ބައްދަލުވުމެއް ނެތިއްޔާ ހުރިހާ ބައްދަލުވުން ލަސް ކުރުމަށެވެ. މިއަދު އޭނާ އޮފީހަށް ގޮސް މުހިންމު ލިޔުންތަކުގައި ސޮއެ ކޮށްލާފައި ގެއަށް އަންނާނީ ކަމުގައި ވެސް އެންގިއެވެ. ޤައިސް ބޭނުންވީ ލޫކަން ދިން ކުއްލި އުފާވެރިކަމާއެކު އޭނާގެ ދުވަސް ދަރިފުޅާއެކު ހޭދަކުރާށެވެ.
ލާންޗުން ފައިބައިގެން ދެބަފައިން އައިސް މަގަށް ނުކުން އިރު ކާރުގެ ކިއުގައި ޤައިސްގެ ކާރު ވެސް އޮތެވެ. މީހުންގެ ބެލުންތަކުން ސަލާމަތްވަމުން ހަލުވިކަމާއެކު ޤައިސްއާއި ލޫކަން އައިސް ކާރަށް އެރިއެވެ. ދިހަ ބުރީގެ އިމާރާތެއްގެ ޕާކިން ސަރަޙައްދުގައި ކާރު މަޑުކޮށްލުމުން ޤައިސް ފޭބިއެވެ. އޭނާއާއެކު ލޫކަން ވެސް ފޭބިއެވެ.
އޮފީހަށް ވަދެގެން އައި ޤައިސްއާ ދިމާވާ ކޮންމެ މުވައްޒަފަކު ހެނދުނުގެ ސަލާމް ކުރިއެވެ. އޭގެ ކޮންމެ މީހަކު ސުވާލުގެ ނަޒަރަކުން ބަލާލަނީ ޤައިސްއާއެކު ހުރި ލޫކަންއަށެވެ. އެތެރެ ނުފެންނާނޭހެން ފުސްކޮށްފައި ހުރި ކެބިންގެ ދޮރުހުޅުވާލާފައި ޤައިސް ވަނެވެ.
"މީ ބައްޕަ މަސައްކަތްކުރާން އިންނަ އޮފީހަކީ. މިތަނުން ދިމާވި ހުރިހާ މީހުންނަކީ ބައްޕަ ގެންގުޅޭ މުވައްޒަފުން" ޤައިސް ހިނިއައިސްފައި ހުރެ ބުންޏެވެ.
"ޑޭޑް! އަޅުގަނޑު ވާހަކައެއް ބުނާންވެފައި އެބައޮތް" ލޫކަންގެ މޫނުމަތިން ސީރިއަސްކަން ފާޅުވިއެވެ.
"ކޮން ވާހަކައެއް؟" މޭޒުގައި ޖެހިލައިގެން ހުރި ޤައިސް އެހިއެވެ. އެއާއެކު އެ ކެބިންގެ ތެރޭގައި ހުރި ކަޅުކުލައިގެ ސޯފާގައި ޤައިސްގެ އަތުގައި ހިފައިގެން އައިސް ލޫކަން އިށީނެވެ. އެހިނދު ޤައިސްގެ މޫނުމަތިން ވެސް ސީރިއަސްކަން ފެނިގެން ދިޔައެވެ. ދަރިފުޅު ބުނަން އުޅޭ އެއްޗެއް ނޭނގޭއިރު އޭނާ ހިސާބަކަށް ކަންބޮޑުވިއެވެ.
"ޑޭޑް. އަޅުގަނޑު މި އައީ އެނބުރި އެމެރިކާއަށް ނުދާ ގޮތަށް" އިރުކޮޅަކު އިނދެފައި ލޫކަން ބުނެލިއެވެ.
"ދުވަހަކު ވެސް ނުދާ ގޮތައްތަ؟ ދެން ދަރިފުޅުގެ ވަޒީފާ؟" ޤައިސް ހާސްވިއެވެ.
"ޑޭޑް އަބަދުވެސް ބޭނުންވޭ އަޅުގަނޑު މިކޮޅުގައި ހުންނަން. މީގެ ކުރީން އަޅުގަނޑަށް އެކަން މުހިންމުވާވަރުގެ ސަބަބެއް ނެތީ. އެކަމަކު މިހާރު ސަބަބެއް އެބައޮތް. ޑޭޑް. އަޅުގަނޑު ބޭނުންވަނީ މިކޮޅުގައި އުޅޭން. ޑޭޑްއާ އެއްކޮށް. އަޅުގަނޑު މި އައީ ވަޒީފާ ދޫކޮށްލާފައި. ނިންމައިގެން މި ހުރީ މިކޮޅަށް އައިސް ރަނގަޅު ހޮސްޕިޓަލަކާ ގުޅޭނީއޭ. ޑޭޑްއާ މަޝްވަރާ ނުކޮށް މިހާ ބޮޑު ނިންމުމެއް ނިންމީ އަޅުގަނޑު ބޭނުންވާ ގޮތްވީމަ" ލޫކަން އިނީ ޤައިސް ހިތްހަމަނުޖެހިދާނެތީ ކަންބޮޑުވެފައެވެ.
"ތީ ހަމަ ދަރިފުޅު ބޭނުންވެގެން ނިންމި ނިންމުމެއްތަ؟" ޤައިސް އަހާލިއެވެ. އެއާއެކު ލޫކަން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"ބައްޕައަށް އުފާވާން ނޭނގިފައި މި އިންނަނީ. ދަރިފުޅު އެނބުރި އަންނަން ބައްޕަ އަބަދުވެސް ބޭނުންވޭ. އެކަމަކު މިކޮޅުގައި ދަރިފުޅަށް ކުރިއެރުން ލިބުން އުނދަގޫވާނެ. ސިއްޙީދާއިރާ ރަނގަޅު ނަމަވެސް އަދި އެހާ ފުޅާއެއް ނޫން. ލޫކްއަކީ އަބަދުވެސް ކަންކަން ދަސްކޮށް ދިރާސާ ކުރާން ޝައުގުވެރިކަން ހުންނަ ކުއްޖެއް"
"ޑޭޑް. އަޅުގަނޑަށް އެނގޭ ތިހުރިހާ ކަމެއް. އެހެންވިޔަސް އަޅުގަނޑު އުޅޭނީ ހިތްހަމަޖެހިގެން. އަޅުގަނޑަށް ނޭނގޭ މިކޮޅުގައި ވަޒީފާގެ ކަންތައްތައް އޮންނަ ގޮތެއް. ޑޭޑްގެ އެހީތެރިކަން އެކަމުގައި އަޅުގަނޑަށް ވަރަށް ބޭނުންވާނެ. ދެން ގަސްދެއް ނުކުރާން ރާއްޖެ ދޫކޮށް ދާކަށް. ޑޭޑް ފެންނަ ހިސާބުގައި ހުރެގެން މަސައްކަތް ކުރާން ބޭނުންވަނީ. އަޅުގަނޑުގެ މި ނިންމުމާމެދު އަޅުގަނޑު މިހުރީ ވަރަށް ހިތްހަމަޖެހިގެން" ލޫކަން ހިނިތުންވެލިއެވެ.
"ބައްޕަގެ ހުވަފެނެއް ސީދާ މިވީ. ދަރިފުޅު ހާސް ވާނެ ކަމެއް ނެތް. ވަޒީފާގެ ކަންތައް ބައްޕަގެ އަތްމައްޗަށް ދޫކޮށްލާ" ޤައިސްގެ ވާހަކަ ނުނިމެނީސް ކެބިންގެ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ.
"އެ އައީ ނިމާލް. ދަރިފުޅު ތަނަކަށް ދާން ބޭނުން ނުވަންޏާ މިތަނުގައި މަޑުކޮށްލަންވީނު. ބައްޕަ ސޮއެ ކުރާން ހުރި ލިޔުންތަކުގައި ސޮއެކޮށްލާފައި މިއަދު ގެއަށްދާން ވިސްނަނީ" ސޯފާއިން ޤައިސް ތެދުވިއެވެ. ލޫކަން ބޯޖަހާލި އެވެ.
ސޯފާ ކުރިމަތީ ހުރި ކޮފީ މޭޒުގެ މަތިން ނެގި ކަރުދާސްގަނޑު ފަތްފަތްޖަހާން ލޫކަން ފެށިއެވެ. އޭރު އޭނާގެ ސިކުނޑީގައިވަނީ އައިރާގެ ޚިޔާލުތަކެވެ. އެ އަންހެންކުއްޖާގެ ކުރިމައްޗަށް އަރަން އޭނާ ބޭނުމެވެ. އައިރާއާ ވާހަކަ ދައްކަން ބޭނުމެވެ. އެހެންނަމަވެސް އެއީ ހިތަށް އަރުވާލާއިރަށް ވާނޭ ކަންތައްތައް ނޫންކަން ލޫކަންގެ ޟަމީރު ވިސްނައިދިނެވެ.
* * *
ފާރުގައި އަތް ޖައްސާލައިގެން ހުރެ މަޑު ހިނގުމުގައި އައިސް އައިރާ ކޮޓަރިއަށް ވަނެވެ. އޭނާ މާބޮޑަށް ވަރުބަލިވާ ދުވަހެކެވެ. ބަނޑުގެ ތަންކޮޅެއްގައި ރިއްސާހެން ވެސް ހީވެއެވެ. ދުޅަވެފައި ހުރި ދެފައިތިލައަށް ބަލާލާފައި އައިރާ ތުންކޮޅު އޫ ކޮށްލިއެވެ. މަރިޔަންދީގެ މަތީން އޭނާ ހަނދާންވީ އެވެ. އައިރާ އަބަދު ދެފައި އެލުވާލައިގެން އިންނާތީ ދެފައި ދުޅަވަނީ އެވެ. އެކަމާ މަރިޔަންދީ އޭނާއަށް ހަޅޭލަވައެވެ. އައިރާގެ ހާލާމެދު ކަންބޮޑުވުން ފާޅުކުރާ ހަމައެކަނި އިންސާނަކީ އޭނަ އެވެ. މަޑުމަޑުން އެތެރެއަށް ވަދެގެން އައިސް ހުއްޓިލީ އެނދު ކައިރީއެވެ. އެނދުމަތީ ބޮނޑިއަކަށް ހުރި ހެނދުންތަކަށް ބަލާލާފައި އެތަނުން ފަހަރަކު ކުރުތާއެއް ނަގާ ފޮޅާލާފައި ފަތްޖަހަން ފެށިއެވެ. އަދި ބަރިއަކަށް ހުރި ކުރުތާތައް ހިފައިގެން އަލަމާރިއަށް ލާން އައި ވަގުތު ކުޑަދޮރުގެ ތަންޑުގައި ހަރުކޮށްފައި އިން ނޫކުލައިގެ ކަރުދާހުގައި ހަދާފައިވާ ދޫނި ލޮލުގައި އަޅައިގަތެވެ. ހެނދުންތައް މެޔާލާ އެއްއަތުން ހިފަހައްޓާލުމާއެކު އެ ދޫނި ނެގުމަށް އައިރާ އަވަސް ވެލިއެވެ. ކުޑަދޮރުގެ ކައިރިއަށް ޖެހިލިއިރު އޭނާއަށް ފެނުނީ ކުލަކަރުދާސްތަކެއް ހޮވަން ބަދިގެއަށް ވަންނަން ހުރި ދޮރުކައިރީ އުޅުނު މައުރީނެވެ. ދެ ލޯ ބޮޑުކޮށްލެވުނީ ލިބުނު ހައިރާން ކަމާއެކުއެވެ.
"މައު. މައު ކުރާ ކަމެއްތަ މީ" ޤަބޫލުކުރާން ދަތިވެފައި ހުރެ ތަންޑުގައި ހަރުކޮށްލާފައި އިން ކަރުދާސް ދޫނި ނެގިއެވެ. އޭގެ ފިޔަފަތްގަނޑުގެ ދޭތެރެއަކަށް އޮޅާލާފައި އޮތް ކަރުދާސްކޮޅެއް ޖަހާފައި އޮތެވެ. އޭތިކޮޅު ނަގާ ނިއުޅާލިއިރު އިނގިރޭސި ބަހުން ލިޔެފައި އޮތެވެ.
"ކިތަންމެ ދުރަށް އުދުހުނު ނަމަވެސް އެނބުރި އަންނާނީ ހާއްޔަށް" މިފަހަރު ވެސް އެއްވެސް މީހަކަށް އެޑްރެސްކޮށްފައި ނުވާ ލިޔުންކޮޅު އައިރާ ކިޔާލި އެވެ. އަދި އަވަސް އަވަހަށް ހެނދުންތައް އަލަމާރިއަށް ކޮއްޕާލާފައި އައިރާ އައިސް އެނދުގައި އިށީނެވެ. އެނދުގެ އަރިމަތީ ކަބަޑުގެ ތެރެއިން އޭނާ ކަރުދާސްގަނޑެއް ނެގިއެވެ. އަދި ދޫންޏާއެކު ވީ ލިޔުންކޮޅާއި މީގެ ދޮޅުމަސްކުރީން އޭނާގެ ކުޑަދޮރުގެ ތަންޑަށް ޖަހާފައިވާ ކަރުދާސް މަލުގައި ލިޔެފައިވާ ލިޔުން އައިރާ އަޅާކިޔެވެ. (ނުނިމޭ)