ހަބަރު

ބިދޭސީއެއްގެ އެއް ދުވަސް: ވަރަށް ބުރަ، ވަރަށް ނިކަމެތި!

ސްކޫލް މަދަރުސާތަކުގައި ކިޔަވައިދީ ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންނާއި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަން އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރަންވެސް ގެނައީ ބިދޭސީ އެކެވެ. ދެމަފިރިން ވަޒީފާއަށް ދިއުމުން ދަރިފުޅު ބަލައި ގޭގެ މަސައްކަތް ކުރަންވެސް ގެނައީ ބިދޭސީ އެކެެވެ. ކުނި އުކާލަންވެސް ބިދޭސީ އެކެވެ. ކެފޭ / ރެސްޓޯރެންޓުތަކުގައި އަދި ކަންމަތީ ފިހާރަތަކާއި ބައެއް ބޮޑެތި ފިހާރަތަކުގައި މަސައްކަތް ކުރަންވެސް ގެނައީ ބިދޭސީންނެވެ. މަސް ދޯނި ފަހަރަށްވެސް އެމީހުންނެވެ. ރައިވެރިކަންވެސް މިހާރު ކުރަނީ އެމީހުންނެވެ. ދިވެހިންގެ މުޅި ދިރިއުޅުން މިހާރު އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވާވަރަށް މިއަދު ރާއްޖޭގައި ބިދޭސީން އެބައުޅެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ގަވާއިދާ އެއްގޮތަށާއި ގަވާއިދާ ހިލާފަށް އައިސް މަސައްކަތް ކުރަމުންދާ މީހުންނެވެ. އެންމެ ގިނަ މީހުން މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. މަސައްކަތް ކުރަން ގެންނަ ބިދޭސީން މަސައްކަތް ނިމުމުން ދޫކޮށްލަނީ އެވެ. އެމީހުންނަށް މުސާރަ ނުދިނުން ފަދަ ކަންތައްތައް ހުރުމާ ޕާސްޕޯޓު ނެތުން ފަދަ މައްސަލަތައް ދިމާވެގެން އެނބުރި ގައުމަށް ނުދެވިފައި ތިބި މީހުން ބައިވަރެވެ.

ގިނަ ބިދޭސީން ރާއްޖޭގައި ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގަ އެވެ. ކުދިކުދި ތަންތަންކޮޅުގައި އެތައް ބަޔަކު އެބަ އުޅެ އެވެ. ނިދަނީ ޑިއުޓީ ބަހައިގެންނެވެ. ދިހަ ވަރަކަށް 15 ވަރަކަށް މީހުން ބޭނުންކުރަނީ އެއް ފާހަނަ އެވެ. ކައްކާ ކަނީ އެތަނުގެ ތެރޭގަ އެވެ. ލާ އަންނައުނު ބަހައްޓަން ޖެހެނީ އެތަނުގެ ތެރޭގަ އެވެ. މިދިޔަ އަންގާރަ ދުވަހު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ވީޑިއޯ އަކަށް ބަލައިލުމުންވެސް ރާއްޖޭގައި ބިދޭސީން އުޅެމުންދާ ނިކަމެތި ހާލު ފެނިގެންދާނެ އެވެ.

އެ ވީޑިއޯގައި ގެނެސްދެނީ އެމްޑީ މާލިކު ކިޔާ ބިދޭސީއެއްގެ އެއް ދުވަހުގެ ދިރިއުޅުމެވެ. ވީޑިއޯ ހަދާފައިވަނީ އޭނާގެ ސްނެޕްޗެޓް ވީޑިއޯކޮޅުތަކެއް އެއްކޮށްލައިގެންނެވެ. މާލިކުގެ ދުވަސް ފެށިގެންދަނީ ފަތިހު 5:43 ގަ އެވެ. އެންމެ ފަތިހާ އޭނަ ހޭލަނީ އެހެން މީހުން ހޭލުމުގެ ކުރިން ފާހަނައަށް ވަދެ ދުވަހުގެ މަސައްކަތަށް ތައްޔާރުވާށެވެ. އެކޮޓަރީގައި އޭނަ އާ އެކު 10 ވަރަކަށް މީހުން އުޅޭ ކަމަށް ލަފާކުރެވެ އެވެ. މާލިކު މަސައްކަތް ކުރަނީ ހުޅުމާލޭގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓެއްގަ އެވެ. ދިރިއުޅެނީވެސް ހުޅުމާލޭގަ އެވެ.

ހެނދުނު މަސައްކަތަށް ދިއުމުގެ ކުރިން ނާސްތާ ކުރަން ތިބެނީވެސް އެ ކޮޓަރީގަ އެވެ. ކަނީ ނިދަން އެމީހުން ހަދާފައި ހުންނަ ބަންކު ބެޑު ކަހަަލަ އަށިތަކެއްގަ އެވެ. ލުއި އަވަސް ނާސްތާއެއް ނަގައިގެން ހެނދުނު 6:30 ހަށް މަސައްކަތް ކުރާ ސައިޓަށް މާލިކު ދެ އެވެ. ބުރަ މަސައްކަތަށް ނުކުންނަ އިރު ރަނގަޅު ނާސްތާއެއް ނުލިބެ އެވެ. އޭނަ އާއެކު އެެހެން މީހުންވެސް މަސައްކަތަށް ނުކުމެގެން ދެ އެވެ. ދުވަހުގެ ބުރަ މަސައްކަތް ފެށެނީ އެހިސާބުންނެވެ.

މާލިކުގެ ސްނެޕްޗެޓް ސްޓޯރީތަކަށް ބަލާއިރު އޭނަ އަށް ވުރެ މާހާލުގައި އުޅޭ މީހުން ފެނި އެކަމާ އޭނަ ހިތާމަ ކުރެ އެވެ. ކޮންސްޓްރަކްޝަން ސައިޓު ދިރިއުޅޭ މީހުން މަސައްކަތްށް ނުކުތުމަށް ތައްޔާރުވަމުންދާ މަންޒަރުވެސް ފެނިގެންދެ އެވެ. ބޮޑެތި އަދި ރީތި އިމާރާތްތައް އިމާރާތް ކުރުމުގެ މަސައްކަތުގަ އެމީހުން އުޅޭއިރު އެމީހުން ދިިރއުޅެން ޖެހޭ ކުޑަ އަދި އާދައިގެ ތަންކޮޅު ފެނި އެ ހިތުގައި ރިއްސާކަން ވަރަށް ރަނގަަޅަށް އޭގެން އެނގެ އެވެ. ޖެހިޖެހިގެން ހުރި ދެ ގެ ވީޑިއޯކޮށް އުންމީދު ކުރި ގޮތާއި ހަގީގަތް ކަމަށް ބުނެ އޭނާގެ ސްޓޯރީގައި ވަނީ ވީޑިއޯ ކޮޅެއް ޕޯސްޓުކޮށްފަ އެވެ.

މަސައްކަތް އެންމެ ބުރަވާ ހިސާބުން ވާރެވެހެން ފެށި ނަމަވެސް އެއިން ކުޑަވަގުތުކޮޅެއްގެ އުފާ އެމީހުނަށް ލިބެ އެވެ. ގަދަ އަވީގައި މަސައްކަތް ކުރަން ޖެހުމުން ލިބޭ ވަރުކަން ކުޑަވެ އެވެ. އަމިއްލަ ގައުމުގައި ތިބި އާއިލާއަށް ގުޅާލަން ވަގުތެއް ލިބެނީ އެގޮތަށް ވާރޭ ވެހޭތީ މަސައްކަތް މެދުކަނޑާލަން ޖެހުމުންނެވެ. އެ އުފާވެރިކަން ގެއްލެނީ މަސައްކަތް ގަޑިއަށް ނިންމަން ޖެހޭތީ މެންދުރުވެސް ރަނގަޅު ކާ އެއްޗެއް ނުލިބި މަސައްކަތް ފަށަން ޖެހޭތީ އެވެ. ޖޫސް ފުޅިއަކާއި ކުޑަ ކޭކަކުން މެންދުރުގެ ކެއުން ހަމަޖައްސާލަން ޖެހެނީ އެވެ. ކުރަންޖެހޭ މަސައްކަތް ބުރަކަން ކިތަންމެ ރަނގަޅަކަށްވެސް އިހުސާސް ކުރެވެ އެވެ.

މަސައްކަތުން ކުޑަ ބްރޭކެއް ލިބެނީ އިރުއޮއްސި ނަމާދު ވަގުތަށެވެ. އަނެއްކާވެސް ރޭގަނޑު ހަތެއް ޖަހަންވާއިރަށް މަސައްކަތަށް އެނބުރިދާން ޖެހެ އެވެ. މަސައްކަތް އެ ދުވަހަށް ނިންމާ ގެއަށް އާދެވެނީ 8:30 ވާ ފަހުންނެވެ. ރަނގަޅު ކެއުމެއް ލިބެ ވަގުތަކީ ހަމައެކަނި އެއީ އެވެ. ފާއިތުވި 15 ގަޑިއިރުގެ ތެރޭގައިވެސް ރަނގަޅު ކާއެއްޗެއް ލިބޭ ފަހަރަކީ އެއީ އެވެ. އެވެސް ހަމައެކަނި މުގުރިހަ އާ ބަތާ އެވެ. ދެން ބިސްގަނޑެކެވެ. މަސްކޮޅެއްވެސް ނެތެވެ. އެހެން ނަމަވެސް ކައްކާއިރުވެސް ސާފުތާހިރުކަން ހުރީ އެންމެ ރަނގަޅު މިންވަރެއްގައެއް ނޫނެވެ.

މާލިކު ރާއްޖެއައިސް މަސައްކަތް ކުރާތާ ހަ އަހަރު ވެއްޖެ އެވެ. ޕާސްޕޯޓު ނެތުމުން އެއް ފަހަރުވެސް އާއިލާގެ ކައިރިއަށް ޒިޔާރަތް ނުކުރެވެ އެވެ. އާއިލާއަށް ގުޅާލާ ވާހަކަ ދެއްކުމުގެ އިތުރަށް ކުރެވޭ ކަމަކީ އާއިލާ އާ އެކުގައި ހުރި ފޮޓޯތައް ބަލައިގެން ހިންހަމަޖައްސާލުމެވެ. މާބޮޑަށް ފިކުރު ކުރުމެއްނެތި އަވަހަށް ނިދަން ޖެހެނީ އަނެއް ދުވަހުވެސް ފަތިހާ ތެދުވެ ބުރަ މަސައްކަތަށް ނުކުންނަން ޖެހޭތީ އެވެ. ނިދުމުގެ ކުރިން ވާރޭ ވެހޭތޯ އޭނަ އުންމީދު ކުރެ އެވެ. ހޫނުވާނެތީ ކަމަށްވެސް ވެދާނެ އެވެ. އައްޓެއް ކަހަލަ އެ އެނދުގައި ހުރަހަށް އެތައް ބަޔަކު ނިދަން ތިބެ އެވެ. އެ އެނދުގައި ގޮދަޑިއެއްވެސް ނޯވެ އެވެ.

މާލިކު ހިތާމަކުރާ އިތުރު ކަމެއްވެސް އެބަ އޮތެވެ. ރާއްޖޭގައި މަސައްކަތް ކުރާތާ ހަ އަހަރު ވީ އިރުވެސް ރާއްޖެއިން އޭނާއަށް ރައްޓެއްސެއް ނުލިބުމެވެ. ރައްޓެހިންގެ ގޮތުގައި ތިބީ ހުސް އޭނާ ފަދަ ބިދޭސީންނެވެ. ބޭރު ގައުމެއްގައި އެހާ ދުވަހު ދިރިއުޅޭއިރު ކޮންމެ މީހަކުވެސް އެގައުމަކުން ރައްޓެހިން ބޭނުންވާނެ އެވެ.

އެއީ ރާއްޖޭގައި މަސައްކަތް ކުރާ އެއް ބިދޭސީއެއް އެއް ދުވަހެވެ. ރާއްޖެގައި މަސައްކަތް ކުރާ ގިނަ ބިދޭސީންގެ އެއް ދުވަސް ގާތްގަނޑަކަށް އެގޮތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ލަފާކުރެ އެވެ.