ދުނިޔެ

ގަތަރުގެ މައްސަލަ ހައްލުކުރަން ތުރުކީއާ ސައުދީން މަޝްވަރާކޮށްފި

Jun 22, 2017
2

ސައުދީ އަރަބިއްޔާ އާއި އެހެން ބައެއް އަަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިގެން އުޅޭ މައްސަލަ ހައްލު ކުރަން ތުރުކީން ސައުދީއާ މަޝްވަރާކޮށްފި އެވެ.

ގަތަރުގެ އަލް ޖަޒީރާ ބުނީ މަޝްރަހު ފިނި ކުރުމަަށް ކުރާ މަސައްކަތް އިތުރުކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް އަލް ސަޢުދާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ އިއްޔެގައި ފޯނުން ވާހަކަފުޅު ދެއްވި ކަމަށެެވެ. އަދި ބުނީ މަޝްރަހު ފިނިކުރަން މަސައްކަތް ކުރެއްވުމަށް އެދެބޭފުޅުން ވެސް އެއްބަސް ވެވަޑައިގެންނެވި ކަމަށެވެ.

އުރުދުޣާން ސައުދީ ރަސްގެފާނާއި ވަލީއަހުދާ ވާހަކަ ދެއްކެވި އެހެން ދާއިރާތަކުގެ ތެރޭގައި ތުރުކީ އާއި ސައުދީއާއި އޮންނަ ގުޅުން ބަދަހިކުރުން ވެސް ހިމެނެއެވެ. އަދި ސައުދީ ވަލީ އަހުދު ކަމަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ބިން ސަލްމާނަށް އެކަމުގެ ތަހުނިޔާ ވެސް އުރުދުޣާން ރައްދުކުރެއްވިއެވެ.

މި ރަމަޟާން މަސް ނުނިމެނީސް ގަތަރު މައްސަލަ ހައްލުވާން ޖެހޭ ކަމަށް އުރުދުޣާން ކުރިން ވަނީ ވިދާޅުބވެފައެވެ. އަރަބި ގައުމުތަކުން ގަތަރު އެކަހެރިކޮށްލުމުން ތުރުކީން އަންނަނީ އެގައުމަށް ވަރަށް ބޮޑަށް މަދަދުކުރަމުންނެވެ.

އަރަބި ގައުމުތަކުން އެކަހެރިކޮށްލާފައިވާ ގަތަރާ ދެކޮޅަށް އެގައުމު ތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، އެގައުމާ ގުޅުވާލާފައިވާ ޓެރަރިޒަމްގެ ކަޅު ލިސްޓެއް ވެސް ވަނީ އާއްމުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނެރުނު އެ ލިސްޓްގައި ޖުމްލަ 59 މީހަކު ހިމެނޭ އިރު ގަތަރުގެ 18 މީހަކު އެ ލިސްޓްގައި ހިމެނެއެވެ. ލިސްޓްގައި ހިމެނޭ ޝާހީ ބޭފުޅަކީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބުދުﷲ ބިން ޚާލިދު އަލް ސާނީ އެވެ.

ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ އެންމެ ކުޑަ ވަރަށް މުއްސަނދި ގައުމެކެވެ. އެ ގައުމުގައި 2.7 މިލިޔަން މީހުން އުޅޭ އިރު އެގައުމުގެ އަސްލު ވަޒަންވެރިންގެ އަދަދަކީ 300000 އެވެ. އެގައުމުން އަންނަނީ 2020 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންނެވެ.