ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ތުހުމަތުވާ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާ ވެސް އިތުރުކޮށްދީފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރެއިން ޔާމީން މަރާލުމުގައި ސީދާ އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި އަދި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.
ފުލުހުން ބުނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެތިން މީހުންގެ ބަންދަށް ވެސް އިތުރު 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން އެ މީހުންގެ ބަންދު ވަނީ ޖަހައިފަ އެވެ.
މިއަދު ބަންދުގެ މުއްދަތު ޖެހި އިސްމާއިލް ހައިޝަމް ރަޝީދަކީ ފުލުހުން ބުނާ ގޮތުގައި ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ރިކޯޑް އޮތް މީހެކެވެ. އަދި ފޭރުމުގެ މައްސަލައެއްގައި ހުކުމެއް ވެސް އޭނާ ތަންފީޒުކޮށްފައިވެ އެވެ. ދެން މި މައްސަލައިގައި ހިމެނޭ، އިސްމާއިލް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެހެން ނަމަވެސް އޭނާގެ ގާނޫނީ ވަކީލު އަދި ޅިޔަނު މައުމޫން ހަމީދު ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށް އިސްމާއިލް ރަޝީދު ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ފުލުހުން އެ ތުހުމަތުތަކަށް އިންކާރުކޮށްފައިވެ އެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހައްޔަރު ކުރި އެންމެންގެ މައުލޫމާތު ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑިކައިރީގައި އެތައް ޒަހަމްތަކަކާ އެކު އެވެ.