ދުނިޔެ

'އޮބާމާކެއާ' އުވާލަން ވޯޓްދޭން ޓްރަމްޕް ޕާޓީގެ ހަތަރު މެމްބަރަކު ދެކޮޅު

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު ފާސްކޮށްފައިވާ އެގައުމުގެ ސިއްހީ ހިދުމަތްތަކާ ބެހޭ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ހަދަން ހުށަހަޅާ ބިލަށް ވޯޓް ނުދެއްވާނެ ކަމަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ހަތަރު މެމްބަރަކު ވިދާޅުވެއްޖެއެވެ.

'އޮބާމަކެއާ' ގެ ނަމުން މަޝްހޫރުވެފައިވާ އެގާނޫނު އުވައިލައްވައި އޭގެ ބަދަލުގައި އެހެން ގާނޫނެއް ހެއްދެވުމަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. އާ ހެލްތު ކެއާ ބިލަށް ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވީ ރައީސް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ޓެޑް ކްރޫޒް، ރޮން ޖޯންސަން މައިކް ލީ، އަދި ޕައުލް ރާންޑް ކަމަށް ބީބީސީ ބުންޏެވެ.

އެެމެރިކާ ޕާލަމެންޓްގެ މަތިގެ ' ސެނެޓް' ގައި ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތިއްބެވި އަދަދަށް ބަލާއިރު، އެޕާޓީގެ ދެމެމްބަރުންނަށް ވުރެ އިތުރު މެމްބަރުން ދެކޮޅު ހަދާ ހާލަތެއްގައި ބިލެއް ފާސް ކުރެވޭ ވަރުގެ މެޖޯރިޓީއެއް ނޯންނާނެއެވެ. ކަން މިހެން ހުރި އިރު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އެއްވެސް މެމްބަރަކު ޓްރަމްޕްގެ އާ ހެލްތު ކެއާ ބިލަށް ވޯޓް ދެއްވާނެ ކަމަކަށް ނުބެލެވެއެވެ.

ޕާޓީގެ ނިންމުމާ އެއްގޮތަށް ވޯޓް ދެއްވެން ނެތް ކަމަށް ވިދާޅުވި ހަތަރު މެމްބަރުން ވިދާޅުވެފައި ވަނީ " ތަފާތު ގިނަ ސަބަބުތަކަކާ ހެދި ބިލަށް ވޯޓްދެއްވަން ތައްޔާރު ނޫން" ކަމަށެވެ. ނަމަވެސް ޕާލަމެންޓަށް ބިލު އައުމުގެ ކުރިން ވާހަކަ ދައްކައި އިތުރަށް މައުލޫމާތު ސާފުކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ހެލްތު ކެއާ ގާނޫނު އުވައިއްލައްވަން ޓްރަމްޕް ކުރިން ކުރެއްވި މަސައްކަތްޕުޅުވެސް ނާކާމިޔާބުވީ އޭނާގެ ޕާޓީގެ ތެރެއިން އެ ކަމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. ޓްރަމްޕް ހައްދަވަން އުޅުއްވާ އާ ގާނޫނު ހެއްދެވިއްޖެ ނަމަ އެމެރިކާގެ އެތައް މިލިޔަން ބަޔަކަށް ހެލްތު އިންޝުއަރެންސް ކަވަރޭޖް ގެއްލޭނެއެވެ.