ޢުމުރުފުޅުން 81 އަހަރު ވެފައިވާ ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސައުދު އަވަހާރަވުމުން، ނުވަތަ ރަސްކަން ދޫކޮށްލެއްވިޔަސް ސައުދީ އަރަބިއްޔާގެ ތަހުތަށް އިސްވެވަޑައިގަންނަވާނީ މުޙައްމަދު ބިން ސަލްމާން އަލް ސައުދެވެ. ރަސްގެފާނު ސަލްމާން ދަރިކަލުންނަށް އެ ފުރުސަތު ފަހިކޮށްދެއްވީ ބުދަދުވަހު ނެރުއްވި ޝާހީ ގަރާރަކުންނެވެ. ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު ބިން ނާފިއު ވަލީ އަހުދުކަމުން ވަކިކުރައްވައި، އޭނާ އަށް އެމަގާމު ދެއްވި ގަރާރުންނެވެ.
ޢުމުރުފުޅުން އެންމެ 31 އަހަރުގެ މުޙައްމަދު ބިން ސަލްމާނަކީ ދުނިޔޭގައި މިހާރު ހުންނެވި އެންމެ ޒުވާން ޑިފެންސް މިނިސްޓަރެެވެ. އޭނާއަކީ ސައުދީ ރަސްކަމުގެ ބޮޑުވަޒީރުގެ ނައިބުވެސް މެއެވެ.
ކުރީގެ ދިރިއުޅުއްވުން
ސައުދީ އަރަބިއްޔާގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒާއި އަމީރާ ފަހުދާ ބިންތު ފަލާހް ބިން ސުލްތާން ބިން ހަޘްލީން މުޙައްމަދު ލިބިވަޑައިގެންނެވީ 1985 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. މުޙައްމަދުގެ މައިފުށުގެ ކާފާފުޅު ރައްްޚާން ބިން ސުލްތާން އަކީ އޭނާގެ ގަބީލާގެ ލީޑަރެވެ.
މުޙައްމަދު ފަށާ ތައުލީމު ހާސިލު ކުރެއްވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައެވެ. އޭނާ ފަށާ ތައުލީމު ނިންމަވައިލެއްވި އިރު ސައުދީ އަރަބިއްޔާގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އޭނާ މަތީ ތައުލީމު ޙާސިލު ކުރެއްވީ ކިންގް ސައުދު ޔުނިވާސިޓީންނެވެ. އެތަނުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ކިޔަވައި ވިދާޅުވި ކްލާހުގެ ދެވަނަ އަށް އެންމެ މޮޅު ދަރިވަރުގެ ގޮތުގައެވެ. ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު ގިނަ ދާއިރާތަކަކުން އޭނާ ތަމްރީނު ހޯއްދެވިއެވެ.
މުޙައްމަދު ވަނީ 2008 ވަނަ އަހަރު ކައިވެންޏެއް ކުރައްވާފައެވެ. އޭނާ ކައިވެނި ބައްލަވައިގެންނެވީ އަމީރާ ސާރާ ބިން މަޝްހޫރު ބިން ޢަބުދުލް ޢަޒީޒުއާއެވެ. އެ ދެބޭފުޅުންނަށް މިހާރު ވަނީ ތިން ބޭފުޅުން ލިބިވަޑައިގެންފައެވެ.
މަސައްކަތުގެ މައިދާނުގައި
ކިޔަވައި ވިދާޅުވުމަށް ފަހު ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވުމުގެ ކުރިން މުޙައްމަދު ބައެއް ކުންފުނިތައް އުފައްދަވައި ހިންގެވިއެވެ. ރިޔާޒު ކޮމްޕެޓިޓިވް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން، ކިންގް ޢަބުދުލް ޢަޒީރު ފައުންޑޭޝަންގެ ޗެއާމަންގެ ސްޕެޝަލް އެޑްވައިޒަރުކަން އަދި އަލްބީރު ސޮސައިޓީ ފޯ ޑިވެލޮޕްމެންޓް ގެ ބޯޑް އޮފް ޓްރަސްޓީސްގެ މެމްބަރުކަން ވެސް އެ ދުވަސްވަރު ކުރެއްވިއެވެ.
ހިލޭ ސާބަހަށް މަސައްކަތް ކުރެއްވުމަށް ޓަކައި 'މިސްކް' ފައުންޑޭޝަންގެ ނަމުގައި އޭނާ ޖަމާއަތެއް ހައްދަވައިގެން ހިންގަވައެވެ. އެ ޖަމާއަތުން ކުރާ މަސައްކަތަކީ ސައުދީ އަރަބިއްޔާގެ ޒުވާނުންގެ މެދުގައި ދަސްކުރުމާއި ލީޑަޝިޕް ފެތުރުމެވެ. އާ މަސައްކަތްތައް ފެށުމަށް ޒުވާނުންނަށް އެހީތެރިވުމަކީ ވެސް މިސްކް ފައުންޑޭޝަނުން ކުރާ ކަމެކެވެ.
މިސްކް ފައުންޑޭޝަންގެ ޗެއާމަންގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށް، ފޯބްސް މިޑުލް އީސްޓް އިން 2013 ވަނަ އަހަރު އޭނާއަށް ' އަހަރުގެ ޝަޚުޝިއްޔަތު' ގެ އެވޯޑް އެރުވިއެވެ.
ސިޔާސީ ދާއިރާގައި
ސިޔާސީ ދާއިރާއަށް މުޙައްމަދު ނުކުމެވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ވަޒީރުންގެ ކައުުންސިލަށް ލަފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި 2007 ވަނަ އަހަރުއެވެ. އެ ކައުންސިލްގެ މުރުޝިދެއްގެ މަގާމުގައި އޭނާ ދެ އަހަރު ދުވަސް ހޭދަކުރެއްވިއެވެ. ދެން 2009 ވަނަ އަހަރު އޭނާ ވެވަޑައިގެންނެވީ ވަލީއަހުދުގެ މަގާމުގައި އޭރު ހުންނެވި ބައްޕާފުޅު ސަލްމާންގެ ހާއްސަ މުރުޝިދަކަށެވެ. އޭރު ސަލްމާން ހުންނެވި ރިޔާޒު ޕްރޮވިންސްގެ ގަވާނާގެ މަގާމުގައެވެ. ނަމަވެސް ކުރިން އަދާކުރެއްވި މަގާމުވެސް، ޕާޓްޓައިމްކޮށް 2013 ވަނަ އަހަރާ ހަމައަށް އަދާކުރެއްވިއެވެ.
ބައްޕާފުޅު ސަލްމާން 2015 ވަަނަ އަހަރު ސައުދީ ތަހުތަށް އިސްވެވަޑައިގެންނެވުމާއި އެކު ވަލީ އަހުދުގެ ނައިބުކަން ދެއްވީ މުޙައްމަދަށެވެ. ހަމަ އެއާއި އެކު އެގައުމުގެ ޑިފެންސް މިނިސްޓަރުކަން ވެސް އޭނާއަށް ދެއްވިއެވެ.
އަވަށްޓެރި ޔަމަނުގައި ހޫސީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ބަޔަކު އެގައުމުގައި އޮތް ސަރުކާރު ވައްޓާލައި ވެރިރަށް ސަންއާއާއިި އެހެން ގިނަ ސަރަހައްދުތަކަކަށް އޭރު ތިބީ ވެރިވެގެންނެވެ. ޝިޔައީންގެ ޒައިދީ މަޒުހަބަށް ތަބާވާ ހޫސީ ހަނގުރާމަވެރިންނަށް އީރާނުން މަދަދުދޭ ކަމަށް ސައުދީން އޭރުވެސް ތުހުމަތު ކުރެއެވެ.
މުޙައްމަދަށް ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ' އޮޕަރޭޝަން ޑެސިސިވް ސްޓޯމް' ގެ ނަމުގައި ހޫސީންނާ ދެކޮޅަށް ހަނގުރާމަ ފެއްޓެވިއެވެ.
ވިސްނުންފުޅު
" ވިޝަން 2030" ގެ ނަމުގައި މިދިޔަ 2016 ވަނަ އަހަރު މުޙައްމަދު ވަނީ ބޮޑު މަޝްރޫއެއް އިއުލާން ކުރައްވާފައެވެ. އެ މަޝްރޫއުގެ މަގުސަދަކީ އަރަބި އިސްލާމީ ދުނިޔޭގެ 'ހިތް' ކަމަށް ސައުދީ އަރަބިއްޔާ ހެއްދެވުމެވެ. އަދި ތިން ކޮންޓިނެންޓް ގުޅުވައިދޭ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ހަބަކަށް އެގައުމު ހެއްދެވުމެވެ.
ސައުދީ އަރަބިއްޔާ އަށް އިސްލާހީ ބަދަލުތައް ގެންނެވުމަށް އަމާޒު ހިފާފައިވާ އެ މަޝްރޫއުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި 2030 ވަނަ އަހަރު އަންނަން ވާއިރަށް ތަފާތު ގިނަ ދާއިރާތަކަކަށް ހުޅުވާލެވިފައިވާ، އަމިއްލަ ވިޔަފާރިތަކަަށް ފުރުސަތު ފަހި، ހަމަ އެކަނި ތެލަށް ބަރޯސާ ނުކުރާ އިގުތިސާދަކަށް ސައުދީ އިގުތިސާދު ހެއްދެވުން ހިމެނެއެވެ.
މުޙައްމަދު ގެންގުޅުއްވާ އަނެއް ވިސްނުން ފުޅަކީ ޒުވާނުންނަށާއި އާއިލާތަކަށް މުނިފޫހި ފިލުވުމުގެ ފުރުސަތުތައް މިހާރަށް ވުރެ ގިނަ ގައުމަކަށް ގައުމު ހެއްދެވުމެވެ. އެގޮތުން ސައުދީ އަރަބިއްޔާގައި ޒަމާނުއްސުރެ އޮތް ދީނީ ފުލުހުންގެ ބާރު ކުޑަކޮށް، މުނިފޫހިފިލުވުމުގެ ކަންތައްތަކާ ބެހޭ އިދާރާއެއް ވަނީ ގާއިމްކުރައްވާފައެވެ. އެކަން އެގޮތަށް ކުރެއްވީ ކެބިނެޓުން ފާސްކޮށްގެންނެވެ.
ސައުދީ އަރަބިއްޔާގައި އޮތް މުސްކުޅި ސަގާފަތު ނައްތަވައިލެއްވުމުގެ މަގުސަދުގައި އޭނާ ވަނީ ސޯޝަލް މީޑިއާއާ ރަށްޓެހި، ޒުވާން އިލްމުވެރިން ޕްރޮމޯޓް ކުރައްވަން ފަަށްޓަވާފައެވެ.