ރާއްޖެ ކުޅިވަރު

މާޒިޔާ އަށް ފިލާވަޅެއް ލިބިއްޖެ: މަރުޖާން

Jun 23, 2017

އެސްޓީއޯ މާލޭ ލީގުގައި ރޭ ކްލަބް އީގަލްސް އަތުން މާޒިޔާ 4-0 އިން ބަލިވުމުން މާޒިޔާ އަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށް އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮވްސްކީ ބުނެފި އެވެ.

އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާއެކު މާޒިޔާ އަތުން އީގަލްސް ތަފާތުބޮޑުކޮށް މޮޅުވިއިރު، މިއީ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ ފަހުގެ ތާރީހެއްގައި ދިވެހި ކްލަބެއް އަތުން އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮވްސްކީ ބުނީ މާޒިޔާ މެޗުން ބަލިވީ ވަކިވަކި ކުޅުންތެރިންނަށް ހެދުނު މިސްޓޭކްތަކާހެދި ކަމަށެވެ. އަދި މިއީ މާޒިޔާ އަށް ލިބުނު ފިލާވަޅެއް ކަމަށެވެ.

"މި މެޗުން އަހަރެމެންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. އީގަލްސް އަށް ލިބުނު ހަތަރު ފުރުސަތުގެ ބޭނުން އެ ޓީމުން ހިފި. މިއީ ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް ވެސް އަންނާނެ ދުވަހެއް،" މަރުޖާން ބުންޏެވެ.

މަރުޖާން ބުނީ މި މެޗުގެ ނަތީޖާ ހަނދާން ނައްތާލައި، މާޒިޔާ އަރައިގަންނާނެ ކަމަށެވެ.

"ފަހު މެޗާ ހަމައަށް ވެސް އަހަރަމެން މަސައްކަތްކުރާނީ ލީގު ޗެމްޕިއަންކަމަށް،" މަރުޖާން ބުންޏެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މިއީ ގަބޫލްކުރަން ދަތި ނަތީޖާއެއް ކަމަށެވެ.

"ހިއެއް ނުވޭ ދެން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ވަރުގެ ނަތީޖާއެއް ނުކުންނާނެހެނެއް،" ސާންތީ ބުންޏެވެ.

ސާންތީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޒޭ އަށް ތައުރީފްކޮށްފަ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ނިއު ރޭޑިއަންޓެވެ.