ވިޔަފާރި

މޯލްޑިވްސް ފައިންޑާ ނެރެފި

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބޮޑު ރޯދަ ވީއްލުމެއް ބާއްވައި، "މޯލްޑިވްސް ފައިންޑާ" މަޖައްލާ ނެރެފި އެވެ.

މަޓާޓޯގެ ރަސްމީ މަޖައްލާ، "މޯލްޑިވްސް ފައިންޑާ" އަކީ ޓޫރިޒަމް ދާއިރާއިން ރާއްޖޭގައި ހިދުމަތްދޭ ތަންތަނާއި ބޭރުގެ ފެއާތަކުގައި ބަހާ މަޖައްލާ އެކެވެ. އިނގިރޭސި ބަހުން ނެރެފައިވާ މި މަޖައްލާގައި ޓޫރިޒަމް ދާއިރާގެ ގިނަ މައުލޫމާތުތައް ހިމެނެ އެވެ.

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ދަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތަމްރީން ދޭންވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވެ އެވެ.

އެ ޖަމިއްޔާ އިން ވަނީ ސްރީލަންކާގެ ޓްރެއިނިން ފާމްއަކާ ގުޅިގެން ތަމްރީން ދޭން ފަށާފައެވެ. އެންމެ ފަހުން ބޭއްވި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ގޫގުލްގެ ކޮންސެލްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ސްރީލަންކާގެ، ރޯޝަން ޖަޔަވީރު އާއި މަނީޝް ޖަޔަސޫރިޔާ އެވެ. މި ޕްރޮގްރާމުގައި 40 މީހުން ބައިވެރިވެފައިވެ އެވެ.