ހުސްވި ހަފުތާގައި ކްލަބް އީގަލްސް އިން ވަނީ އެ ކްލަބުގެ މުހިންމު ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފަ އެެވެ. އީގަލްސްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މުބީން (މުއްކި) އާއި ރީހާމް އަބްދުލްގަނީ އަދި ހަސަން ރާއިފް (ހަންނަ) އެ ކްލަބުން ސަސްޕެންޑްކުރީ ކްލަބަށްވުރެ ފުޓްސަލް ކުޅެން ދިއުން އެ ކުޅުންތެރިން އިސްކުރުމުންނެވެ. ކްލަބުގެ ޕްރެކްޓިސްތަކަށް ހާޒިރުނުވެ، އެ ކުޅުންތެރިން ވަނީ މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތެއްގައި ކުޅެފަ އެވެ. މިއީ ދިވެހި ކްލަބުތަކަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. މުހިންމު މެޗުތަކާ ކުރިމަތިލާންޖެހޭއިރު ވެސް ކުޅުންތެރިން ކްލަބަށް ސަމާލުކަން ނުދިނުމަކީ ފުރަތަމަ ޑިވިޝަންގެ ކޯޗުންނަށް މިހާރު ދިމާވެފައިވާ ބޮލުގެ ރިހުމެކެވެ.
ކްލަބް އީގަލްސް އިން ތިން ކުޅުންތެރިން ސަސްޕެންޑްކުރުމާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ފުޓްބޯޅައިގައި އޭނާ އަށް އެންމެ ފުރަތަމަ އަންނާނީ ޑިސިޕްލިން ކަމަށާއި ނަތީޖާ އަށް ވިސްނާނީ އޭގެ ފަހުން ކަމަށެވެ.
"ކުޅުންތެރިޔަކަށް ޑެސިޝަނެއް ނަގަން، ކުލަބު މެނޭޖްމެންޓަށް އަޅުގަނޑު މަޖުބޫރު ކުރާނީ އަޅުގަނޑަށް އެކަން ނުވީމަ ތަކުރާރަުކޮށް އެކަން (އިސްލާހް ކުރުމަށް) މަސައްކަތް ކުރަން އަޅުގަނޑު އެހިސާބުން މަޖުބޫރުވީމަ ފިޔަވަޅު އަޅަނީ، ކިތަންމެ މޮޅު ކުޅުންތެރިޔަކަށްވިޔަސް، އީގަލްސްގައި އަޅުގަނޑު ހުންނަހާ ދުވަހަކު އެ ކްރައިޓީރިއާއަށް ނުފެތޭ ކުޅުންތެރިޔެއް ވިއްޔާ ނުބައްޓާނަން ޓީމަކު." ސާންތީ ބުންޏެވެ.
މިއީ ހަމައެކަނި މިއަދު ދިމާވި މައްސަލައެއް ނޫނެވެ. މާލެ އާއި އަތޮޅު ތެރޭގައި އޮންނަ ބޮޑެތި މުބާރާތްތައް އޮންނަ ދުވަސްކޮޅު، މުހިންމު ކުޅުންތެރިޔެއް "ގެއްލިގެން" ފުރަތަމަ ޑިވިޝަންގެ ކޯޗުން އުޅުނު މަންޒަރު މީގެ ކުރިން ފެންނަލެއް މަދެއް ނޫނެވެ. މި މައްސަލަ އަށް ބައެއް ކްލަބުތަކުން ފިޔަވަޅު އެޅިޔަސް، ބައެއް ކްލަބުތަކުން ހާލަތަށް ބަލާފައި، ކުޅުންތެރިންނަށް ފިޔަވަޅު ނާޅައި ވެސް އެބަހުއްޓެވެ.
"މިއީ އަސްލު ވަރަށް ބޮޑު މައްސަލައެއް،" ފުރަތަމަ ޑިވިޝަންގެ ކޯޗެއް ބުންޏެވެ. "ފުޓްސަލް އެކަންޏެއް ނޫން. އަތޮޅު ތެރޭގައި ބޮޑު މުބާރާތެއް އޮންނަ ދުވަސްކޮޅު ހަމަ މި މައްސަލަ ދިމާވޭ. ގިނަ ފަހަރު ކްލަބުތަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ. އެއީ ކްލަބުން ކޮށްދޭންޖެހޭ ކަމެއް ނުކޮށްދެވި އޮތީމަ ނޫނީ ސްކޮޑްގެ ފެންވަރުގެ ގޮތުން ކުޅުންތެރިޔެއް ނެތްތަން ފޫބައްދާނެ ގޮތެއް ނެތީމަ."
ކްލަބްތަކުގެ ޒިންމާއެއް ވެސް އެބައޮތް
ފުރަަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ކޮންޓުރެކްޓަށް އިހުތިރާމްނުކޮށް، އެހެން މުބާރާތްތަކަށް ކުޅެންދާއިރު، ބައެއް ފަހަރު އެ ހާލަތަށް ކުޅުންތެރިން ދަނީ ކްލަބުން ވެސް ޒިންމާ އަދާނުކޮށްގެެނެވެ. ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތައް ކުޅެގެން ކުޅުންތެރިންނަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ކްލަބުތަކުން ކޮންޓުރެކްޓާ އެއްގޮތަށް ކުޅުންތެރިންނަށް މުސާރަ ނުދެންޏާ، ފައިސާ ހޯދަން އެ ކުޅުންތެރިން އިތުުރު ގޮތެއް ހޯދާނެ އެވެ. ބައެއް ފަހަރު ކުޅުންތެރިން ފުޓްސަލް ނުވަތަ އެހެން މުބާރާތެއް ކުޅެންދަނީ ކްލަބުން މުސާރަ ނުދީ ގިނަ ދުވަސްވެ، އުޅެވޭނެ ގޮތެއް ނެތުމުންނެވެ.
"މުސާރަ ނުދީ އެތައް މަހެއް އެބަދޭ. އާއިލާ މި އޮންނަނީ ރަށުގައި. އެމީހުން އަހަންނަށް ޑިޕެންޑްްވޭ. ލާރި ނުލިބެންޏާ ކިހިނެއް ދިރިއުޅުމުގެ ހަރަދު ބަލާނީ ފުޓްބޯޅަ އަށް ހުސްވެ ހުންނައިރު. އެހެންވެ ކުދިކުދި މުބާރާތްތައް ކުޅެންދަނީ. ކުދި މުބާރާތްތައް ކުޅެގެން ހަމަ ކްލަބުން ވެސް ދޭ ވަރު ނަގަން،" ކުރިން ފުރަތަމަ ޑިިވިޝަންގެ ކްލަބަކަށް ކުޅުމަށް ފަހު، މިހާރު ރިސޯޓް ވަޒީފާއެއްގައި އުޅެމުންދާ ކުޅުންތެރިޔެއް ބުންޏެވެ.
ކްލަބުތަކުން ކުޅުންތެރިންނަަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮންޓުރެކްޓްގައި ވާގޮތަށް ފުރިހަމަ ކުރަންޏާ، ކުޅުންތެރިންނަށް ވެސް ކޮންޓުރެކްޓަށް އިހުތިރާމް ކުރަންޖެހެ އެވެ. އެކަމަކު ބައެއް ފަހަރު ކްލަބުތަކުން މުސާރަ އާއި އެހެނިހެން ކަންތައްތައް ވެސް ފުރިހަމަކޮށްދީގެން ޓީމުގައި ގެންގުޅޭ ބައެއް ކުޅުންތެރިން ވެސް އެހެން މުބާރާތްތައް ކުޅެންދެ އެވެ.
"އޮފީސް މުބާރާތް ކުޅުމަކީ މުޅިން އެހެން ކަމެއް. މިހާރު ކްލަބުތަކުން ހަމަ އޮފީސް މުބަރާތްތަކަށް ކުޅުންތެރިން ދޫކުރޭ. އެއީ ކުޅުންތެރިންގެ ވަޒީފާ އަށް ބަލާފައި،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ އޮފިޝަލެއް ބުންޏެވެ. "އެކަމަކު ހުރިހާ ކަމެއް ކްލަބުން ފުރިހަމަކޮށްދީގެން ގެންގުޅޭ ކުޅުންތެރިން ވެސް ހަމަ ތަނެއްގަ މުބާރާތެއް އޮންނައިރަށް ދަނީ އެ ކުޅެން. ކިހިނެއްތަ މިކަން ދެން ހައްލުކުރާނީ."
ފުޓްސަލް އަށް ފުރުސަތުތައް ހޯދައިދޭން އެބަޖެހޭ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ އަހަރުތަކެއް ކުރިން ފުޓްސަލް ގައުމީ ޓީމެއް އެކުލަވާލި އެވެ. އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި އެ ޓީމުން ވާދަކުރި އެވެ. އަހަރުތަކަށް ފަހު، އެފްއޭއެމް އިން ވަނީ އަނެއްކާ ވެސް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ ފުޓްސަލް ޓީމު ބައިވެރިކުރުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ދަށުން ފުޓްސަލް އެސޯސިއޭޝަނެއް އުފައްދައި، ފުޓްސަލްގައި ރަސްމީ ސިފައެއް ޖެއްސުމަށް ފީފާ އާއި އޭއެފްސީން ވަނީ ރާއްޖެ އަށް އަންގައިފަ އެވެ. މިހާރު ފުޓްސަލްގެ ކަންތައްތައް ރަސްމީކޮށް ބަހަލަހައްޓާނެ ފަރާތެއް ނެތެވެ. ވަކި ބަޔަކު އެކަމަށް ހާއްސަވެގެން ތިބި ނަމަ، ހަމަ ޔަގީނުން ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.
އެފްއޭއެމް އިން ފުޓްސަލްގެ ތެރެއަށް ވަނުމުން، ފުޓްސަލްގައި ކުރިއަށް ދާންބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވޭނެ އެވެ. އޭރުން ފުޓްސަލް އަށް ހާއްސަ ކުޅުންތެރިންތަކެއް އެ ކުޅިވަރުގައި ހިފެހެއްޓޭނެ އެވެ. ރާއްޖޭން ބޭރު ގިނަ ގައުމުތަކުގައި ވެސް، ގައުމީ ފުޓްސަލް ލީގުގައި އެ ގައުމެއްގެ މަޝްހޫރު ފުޓްބޯޅަ ކްލަބުތަކުން ވާދަކުރެ އެވެ. އެފްއޭއެމް އިން މުބާރާތްތައް ހިންގައި، ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ވެސް އޭގައި ބައިވެރިކޮށްފި ނަަމަ، ރާއްޖޭގައި ފުޓްސަލް އިތުރަށް ވަރުގަދަވާނެ އެވެ.
އެފްއޭއެމް އިން ފުޓްސަލް ކުރިއެރުުވުމަށް ފަށާފައިވާ މަސައްކަތުގައި އަންހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ރަނގަޅު ފެށުމެކެވެ. ކުރިއަށް އޮތް ތަނުގައި އެފްއޭއެމް އިން ފިރިހެން ކުޅުންތެރިންނަށް ވެސް މުބާރާތްތައް ބާއްވައި، ކްލަބުތައް ވެސް މީގެ ތެރޭގައި ބައިވެރިކޮށްފި ނަމަ، ފުޓްބޯޅަ އާއި ފުޓްސަލް އަށް ވެސް އެކަމުގެ ފައިދާކުރާނެ އެވެ.
"ފުޓްސަލް ކުރިއެރުުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެފްއޭއެމް އިން ކުރިއަށް ގެންދާނެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ކުރިން ވިދާޅުވި އެވެ.