މިއީ މި ރޯދަ މަހަށް ހާއްސަ ކުރި "ރިހަފަތު" ގެ އެންމެ ފަހު އެޕިސޯޑެވެ. މި ގެނެސްދެނީ ވަރަށް ތަފާތު ރެސިޕީ އެކެވެ. މިއީ ރޯދަަ މަަހުގެ ފަހު ދުވަހާ ވެސް ވަރަށް ގުޅެވޭ ގޮތަށް ކަދުރާއި ސެމޮލީނާ ބޭނުންކޮށްގެން ޓޮފީއެއް ހަދާލާނެ ގޮތެވެ. "ކޮކްނަޓް އެންޑް ސެމޮލީނާ ޓޮފީ" އެވެ. މިއީ ވަރަށް މީރު އަދި ހަދާލަން އެހާ ފަސޭހަ ރެސިޕީ އެކެވެ.
ބޭނުންވާ ތަކެތި
250 ގްރާމް ސެމޮލީނާ
200 ގްރާމް ކާށި ހުނި
400 ގްރާމް ހަކުރު
1/4 ޖޯޑު ފެން
1/4 ސައިސަމްސާ ވެނީލާ އެސެންސް
100 ގްރާމް ކަދުރު
100 ގްރާމް ކަޝޫ ނަޓް
ލޮނު
ތައްޔާރު ކުރާ ގޮތް
ތަވާ އުނދުންމައްޗައް ލާފައި އޭގެ ތެރެއަށް 400 ގްރާމް ހަކުރު އަޅާނީ އެވެ. އަދި ހަކުރު ވިރުވާލުމަށް ފަހު އޭގެ ތެރެއަށް 1/4 ޖޯޑު ފެން އަޅާނީ އެވެ. އަދި ރަނގަޅަށް ގިރާލާަނީ އެވެ. ފެން އެ ފެންގަނޑު ކެކެން ފެށުމުން އޭގެ ތެރެއަށް 100 ގްރާމް ކަދުރު އަޅާނީ އެވެ. ދެން އަޅާނީ އެއް ސައިސަމްސާ ލޮނެވެ. އެއަށް ފަހު 100 ގްރާމްގެ ކަޝޫ ނަޓް އަޅާލުމަށް ފަހު 200 ގްރާމް ހުނި އަޅާނީ އެވެ. ދެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު 250 ގްރާމް ސެމޮލީނާ އަޅާލާނީ އެވެ. ދެން ތަވައިން އެ ނަގާފައި ޓްރޭ ތެރެއަށް އަޅާނީ އެވެ. އަދި ރަނގަޅަށް އަދި ފިއްތާ އެއްވަރުކޮށްލުމަށް ފަހު ހަތަރެސް ކަނަށް ކޮށާލާށެވެ. އޭރުން ކޮކްނަޓް އެން ސެމޮލީނާ ޓޮފީ ތައްޔާރުވީ އެވެ.