ކުޅިވަރު

އަޑުބަރޭ ނިއު އަށް ބަދަލުވެއްޖެ

Dec 15, 2014

މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ޓީމުގެ ފޯވަޑް އައްސަދު އަލީ (އަޑުބަރޭ) ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.

ކުރިން ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅުނު އަޑުބަރޭ ވަނީ 2013 ވަނަ އަހަރުގެ ސީޒަނަށް ވެސް ނިއު އަށް ސޮއިކޮށްފަ އެވެ. އެކަމަކު އެ އަހަރުގެ ސީޒަން ފެށުމުގެ ކުރިން އޭނާ ވަނީ ނިއު އިން ރިލީޒް ހޯދައި، ބީޖީ ސްޕޯޓްސް އަށް ބަދަލުވެފަ އެވެ. މި ސީޒަންގައި ވެސް ނިއު އިން ވަނީ އަޑުބަރޭ ގެންނަން މަސައްކަތްކޮށްފަ އެވެ.

އަޑުބަރޭ މިއަދު ބުނީ ނިއު އަށް ބަދަލުވީ އެ ޓީމުގެ ހުށަހެޅުން ހުރިހާ ގޮތަކުން ވެސް ރަނގަޅުވުމުން ކަމަށެވެ.

"އަނެއްކާ އޭއެފްސީ ކަޕް ވެސް ކުޅެން ބޭނުންވޭ. އެހެންވެ ނިއު އަށް ބަދަލުވީ،" އަޑުބަރޭ ބުންޏެވެ.

އަޑުބަރޭ ބުނީ މިިދިޔަ ސީޒަންގެ ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރި ނިއުއާއެކު އަންނަ ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އުންމީދުކުރާ ކަމަށެވެ.

އަޑުބަރޭ ވަނީ މިދިޔަ ސީޒަންގައި މާޒިޔާއާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

އަޑުބަރޭ އަކީ ކުރިއަށް އޮތް ސީޒަނަށް ނިއު އިން އެ ޓީމުގެ ސްކޮޑަށް އިތުރުކުރި ފުރަތަމަ ކުޅުންތެރިއާ އެވެ. މިދިޔަ އަހަރު ނިއު އަށް ކުޅުނު ގިނަ ކުޅުންތެރިން ތިބީ މިހާރު ވެސް އެ ޓީމުގެ ކޮންޓުރެކްޓްގަ އެވެ.