ދުނިޔެ

ލަންޑަނުގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Jun 24, 2017

އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގެ އިރުމަތީ ސަރަހައްދުގައި ހުންނަ ފްލެޓް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ބީބީސީ ބުނީ ލަންޑަންގެ ބިތުނަލް ގްރީން ނަމަކަށް ކިޔާ މަގުގައި ހުންނަ ހަތަރުބުރީގެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވަން އަލިފާން ނިވާ 72 މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ދުމުގެ އަސަރު ކުރުމުގެ ސަބަބުން ބަލިވެފައިވާ މީހަކު އެއިމާރާތުން ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަލިފާންރޯވީ އެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައިވާ ފްލެޓެއްގައި ކަަމަށާއި ނަމަވެސް މިހާރު އިމާރާތުގެ ފުރާޅާ ހިސާބަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށް ލަންޑަން ފަޔަ ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ލަންޑަނުގެ އިމާރާތެއްގައި އަލިފާން ރޯވެފައި މިވަނީ އެ ރަށުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 79 މީހުން މަރުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާއަށް ފަހު އެ ރަށުގެ ފަސް އިމާރާތަކުން ރޭ ވަނީ މީހުން ހުސްކޮށްފަ އެވެ.

ގްރީންފެލް ޓަވަރު އަނދައި ހުލިވެ، 79 މީހުން މަރުވި ހާދިސާއަށް ފަހު ލަންޑަނުގެ އުސް އިމާރާތްތަކުގެ ތެރެއިން 600 އިމާރާތެއް ވަނީ ބަލައި ފާސްކޮށްފައެވެ. ؛ގްރީންފެލް ޓަވަރު ހާދިސާ ތަހުގީގުކުރުމަށް ފަހު ފުލުހުން ބުނެފަައި ވަނީ އެއިމާރާތުގައި ފުރަތަމަ އަލިފާން ރޯވީ ފްރިޖެއްގައި ކަމަށެވެ. އެ ގޮތުން ރޯވި އަލިފާން އެހާ ބާރަށް ފެތުރުނީ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ފަސޭހައިން ހުޅުހިފާ ޒާތުގެ އެއްޗެއްގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.

ލަންޑަންގެ އިމާރާތްތައް ބަަލައި ފާސްކުރުމުގައި އިސްކަންް ދީފައި ވަނީ އެފަދަ މެޓީރިއަލްތައް ބޭނުންކޮށްފައި ހުރިތޯ ބެލުމަަށެވެ. އިއްޔެ ހުސްކުރި ފަސް އިމާރާތަކީ އެފަދަ މެޓީރިއަލް ބޭނުންކޮށްފަައިވާ އިމާރާތްތަކެވެ.

ލަންޑަނުގެ ކަމަޑެން ކައުންސިލުން ބުނީ އިމާރާތްތައް ހުސްކުރީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ކަންކަމުގައި ރިސްކު ނެގެން ނޯންނާނެތީ ކަމަށެވެ.