އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވާ ކަން ކުރީގެ ރައީސް ބަރަކް އޮބާމާއަށް ކުރިން އެނގިވަޑައިގެންފައި ވާއިރު ފިޔަވަޅު އަޅުއްވާފައި ނުވާތީ މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ފާޑުވިދާޅުވެއްޖެއެވެ.
ޓްރަމްޕް އޮބާމާއަށް ފާޑުވިދާޅުވެ ޓްވީޓްތަކެއް ކުރެއްވީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުއްވަން ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން އުޅުއްވާކަން އޮބާމާއަށް މިދިޔަ އޮގަސްޓްމަހު އެނގިވަޑައިގެންފައިވާ ކަަމަށް ވޮޝިންޓަން ޕޯޓް ނޫހުން ބުނުމުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒުފޯރުވި ކަމަށް ކުރާ ތުހުމަތާ ގުޅިގެން އެމެރިކާގައި އަންނަނީ މަތީ ފެންވަރުގެ ތަހުގީގެއް ކުރަމުންނެވެ. ނަމަވެސް ރަޝިޔާއިން އެފަދަ ކަމެއް ނުކުރާ ކަމަށް އެގައުމުގެ ރައީސް ޕޫޓިން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ވޮޝިންޓަން ޕޯސްޓުން ޝާއިއުކުރި ލިއުމުގައި ބުނެފައި ވަަނީ ރިޔާސީ ހިލަރީ ކްލިންޓަނަށް ގެއްލުންދީ، އިންތިހާބު ކާމިޔާބުކުރެއްވުމަށް ޓްރަމްޕަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން ހިންގާ ސައިބާ ކެމްޕޭނެއްގައި ޕޫޓިން ސީދާ ގޮތެއްގައި ބައިވެރިވެވަޑައިގަންނަވާކަން ރަޝިޔާ ސަރުކާރުގެ އެތެރޭގެ މަސްދަރުތަކަކުން އޮބާމާއަށް އަންގާފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބިވަޑައިގެންނެވުމުން ރަޝިޔާއަށް އަދަބު ދިނުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކަކާއި މެދު އޮބާމާ ސިއްރިއްޔާތުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް އެލިއުމުގައި ބުނެފައި ވެއެވެ. ނަމަވެސް އޮބާމާގެ ސަރުކާރުން ރަޝިޔާއާ ދެކޮޅަށް އެޅީ ރަމްޒީ ފިޔަވަޅު ތަކެކެވެ.
އެގޮތުން އެޅި ފިޔަވަޅަކީ ރަޝިޔާގެ 35 ޑިޕްލޮމޭޓަކު އެމެރިކާއިން ބޭރުކޮށްލުމާއި އެމެރިކާގައިވާ ރަޝިޔާގެ ދެ މަރުކަޒެއް ބަންދުކުރުމެވެ. އެފިޔަވަޅުތައް ވެސް އެޅީ ރިޔާސީ އިންތިހާބު ނިމުނު ފަހުން ޑިސެމްބަރުމަހުއެވެ.
ވޮޝިންޓަން ޕޯސްޓްގެ ލިއުމަށް ފަހު ޓްރަމްޕް ކުރެއްވި ފުރަތަމަ ޓްވީޓްގައި ސުވާލުކުރައްވާފައި ވަނީ "ރަޝިޔާ މީހުން ނުފޫޒުފޯރުވާ ވާހަކަ 2016 ވަނަ އަހަރުގެ އިންތިހާބުގެ މާކުރިން އޮބާމާ ސަރުކާރަށް އެންގުމުން ވެސް ފިޔަވަޅު ނޭޅީ ކީއްވެތޯ" އެވެ.
ވޮޝިންޓަން ޕޯސްޓްގެ ލިއުމުގައި ބުނެފައި ވަނީ ފިޔަވަޅު އަޅުއްވަން އޮބާމާ ފަސްޖެހިވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް އޭނާ ނުފޫޒު ފޯރުއްވިކަމުގެ ތުހުމަތެއް ކޮށްފާނެތީ ކަމަށެވެ.